ކޮވިޑް-19 ފިޔަވާ އެހެން ބަލިތަކަށް ފަރުވާދިނުމުގެ އިންތިޒާމްތަކާއި ސިއްހީ ދާއިރާގެ ޚިދުމަތްތައް ހަމަޖެހިފައިވާ ގޮތްތަކާ ގުޅޭގޮތުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ އިސް ބޭފުޅުންނާއި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި ނާއިބުރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން އާއި، އާސަންދަ ކުންފުންޏާއި، ތެލެސީމިއާ ސެންޓަރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ނާއިބުރައީސް ވަނީ ކޮވިޑް-19 ފެތުރިފައިވާ މި ދުވަސްވަރު އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކާއި މިކަންކަމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން ޚާއްސަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމުތައް އަތޮޅުތަކުގައި ހަމަޖެހިފައިވާ ގޮތްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅުގެ އެހެން ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވެސް ނާއިބުރައީސް މައުލޫމާތު ހޯއްދަވާފައި ވެއެވެ.

މާލެއާއި އަތޮޅުތަކުގައި ކޮވިޑް-19 އާއި ގުޅިގެން އެކިއެކި ހާލާތްތައް މެދުވެރިވެ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާބެހޭގޮތުންވެސް ނާއިބުރައީސް ފައިސަލް ނަސީމް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ވަނީ އެ އިދާރާތަކުގެ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތުތައް ނައިބާ ހިއްސާކުރައްވާފައެވެ. އެގޮތުން، މިހާލަތާ ގުޅިގެން އެހީތެރިކަން ބޭނުންވެފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެމީހުންގެ ކަންކަން މެނޭޖްކުރުމަށް މިހާރު ކުރަމުންގެންދާ އިންތިޒާމުތަކުގެ މައުލޫމާތު އިދާރާތަކުން ހިއްސާކުރެއްވިއެވެ. މީގެ އިތުރަށް އެބޭފުޅުން ވަނީ ޚާއްސަ ބަލިތަކަށާއި އެހެނިހެން އާންމު ބަލިތަކަށް ބޭނުންވާ ބޭހާއި ބައެއް މެޑިކަލް ސާމާނު ލިބުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ އެކަމާމެދު ހުރި ކަންބޮޑުވުންތައް ނާއިބުރައީސާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ނާއިބުރައީސް ވަނީ މި އުނދަގޫ ހާލަތުގައި ފަރުވާގެ ކަންކަން މެނޭޖްކުރުމުގައި ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

"ކޮވިޑް-19 ފެތުރިފައިވާ މި ހާލަތުގައި އުމުރުން ދުވަސްވީ މީހުން، ރައްކާތެރިކަމުގެ ގޮތުން ވަރަށް ގިނަ ކަންކަން ކުރަންޖެހޭ. އަދި މާބަނޑު މީހުންނަށާއި، ޑައިލިސިސް ހަދާ މީހުންނަށް ބޭނުންވާ ފަރުވާގެ ކަންކަންފަދަ އިންތިޒާމުތައް އަތޮޅުތަކުގައި ހަމަޖެހިފައި ހުރުމަކީ މުހިންމުކަމެއް.
ނާއިބުރައީސް ފައިސަލް ނަސީމް

މީގެ އިތުރުން އެމަނިކުފާނު ވަނީ އެސްޓީއޯ އާއި ކަމާގުޅުންހުރި އެހެން އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު ހޮސްޕިޓަލުތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.