ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ މުސްލިމް ބޭފުޅަކާ ހަވާލު ކުރައްވައިފިއެވެ.
އަވަސް މަގަމުން ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް އެމެރިކާ ސަރުކާރުން އެކަށައަޅާފައިވާ ޕްރޮގްރާމްގެ އެންމެ އިސް ވެރިޔަކަށް ޓްރަމްޕް އައްޔަން ކުރެއްވި ބޭފުޅަކީ، ޕްރޮފެސަރ ޑރ. މުންސިފް މުހަންމަދު ސްލާވީއެވެ.
ޕްރޮފެސަރ ޑރ. މުންސިފް މުހަންމަދު ސްލާވީއަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަގްބޫލް އިމިއުނޮލޮޖިސްޓެކެވެ. އޭނާ މިހާތަނަށްވަނީ ދުނިޔޭގައި ބޭނުންކުރާ އައު 14 ވެކްސިނެއް އުފެއްދުމަށް އެހީތެރިވެދީފައެވެ.
ވައިޓްހައުސްގައި ބޭއްވި ޕްރެސް ބްރީފިންގައި ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ޑރ. މުންސިފް މުހަންމަދު ސްލާވީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ޕްރައިވެޓް ސެކްޓަރގައި ޑރ. މުންސިފް މުހަންމަދު ސްލާވީ ހޭދަކުރެއްވި 10 އަހަރު ދުވަހުގެ ތެރޭގައި އައު 14 ވެކްސިން އީޖާދު ކުރެއްވުމަކީ ވަރަށް ގިނަ މަސައްކަތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ޑރ. މުންސިފް މުހަންމަދު ސްލާވީއަކީ މުޅި ދުނިޔޭގައިވެސް ވަރަށްބޮޑު އިހްތިރާމެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
ޑރ. މުންސިފް މުހަންމަދު ސްލާވީ ވަނީ، ގްލާޒޯސްމިތުކްލައިންގެ ވެކްސިންގ ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާއެވެ. އޭނާވަނީ އެ ކުންފުންޏަށް 30 އަހަރު ޚިދުމަތް ކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޑރ. މުންސިފް މުހަންމަދު ސްލާވީގެ ބެއްލެވުމުގެ ދަށުން ވަރަށް އަވަހަށް ވެކްސިނެއް އުފެއްދޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން ޑރ. މުންސިފް މުހަންމަދު ސްލާވީ ވިދާޅުވީ، ކޮރޯނާވައިރަސްއަށް ވެކްސިނެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކްލިނިކަލް ޓްރަޔަލްސްގެ ޑޭޓާތައް ވަރަށް ފަހުން ދެކެވަޑައިގެންނެވި ކަމަށެވެ.
ޑރ. މުންސިފް މުހަންމަދު ސްލާވީއަކީ މޮރޮކޯއަށް އުފަން، ނަމަވެސް މިހާރު އެމެރިކާގެ ރައްޔިތެކެވެ. ޑރ. މުންސިފް މުހަންމަދު ސްލާވީ އުފަންވެވަޑައި ގެންފައިވަނީ 1959 ވަނަ އަހަރު މޮރޮކޯގެ އަގާދީރަށެވެ.
މޮރޮކޯގެ ކަސަބްލަންކާގައި ހުންނަ މުހަންމަދު ހައި ސްކޫލުން ގްރެޖުއޭޓްވުމަށްފަހު ޑރ. މުންސިފް ބަޔޮލޮޖިކަލް ސައިންސްގެ ދައިރާއިން ކިޔަވާ ވިދާޅުވީ ބެލްޖިއަމްގައެވެ.
އޭގެފަހުން ހަވަރޑް މެޑިކަލް ސްކޫލާއި، ޓަފްޓްސް ޔުނިވަރސިޓީ ސްކޫލް އޮފް މެޑިސިންގެ ޕޯސްޓްގްރެޖުއޭޓް ކޯސްތައް ހައްދަވާފައި ވެއެވެ.
ސިއްހީ ދާއިރާގެ އެތަކެއް ލިއުންތަކެއް ލިއުއްވާފައިވާ ޑރ. މުންސިފް މުހަންމަދު ސްލާވީއަކީ އިންޓަރނޭޝަނަލް އެއިޑްސް ވެކްސިން އިނިޝިއޭޓިވްގެ ބޯޑު އޮފް ޑައިރެކްޓަރސްގެ މެމްބަރެއްވެސް މެއެވެ.