އިންޑިއާއިން އަނެއްކާވެސް ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފިއެވެ.

އެގޮތުން، މިހާރު އިޢްލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިރޭ މެންދަމު ހަމަވާއިރު، އިތުރު 2 ހަފްތާއަށް މުއްދަތުވަނީ ދިގު ދަންމާލާފައެވެ. އެ މުއްދަތު ހަމަވާނީ މި މެއިމަހުގެ 31 ވަނަ ދުވަހުއެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ، ކުރިއަށްއޮތް ދެ ހަފްތާއަށް އައު އުސޫލުތަކެއް އެކަށައަޅައި އިޢްލާން ކޮށްފައެވެ. އިގްތިސާދީ މަސައްކަތްތައް ހުޅުވާލުމުގެ ކަންކަން މުތާލިއާ ކުރަމުން ގެންދާނޭ ކަމަށްވެސް އޭގައި ބުނެފައި ވެއެވެ.

އިންޑިއާގެ މީޑިއާއިން ބުނެފައިވަނީ، ވައިގެ މަގުން ދަތުރުފަތުރުކުރުމާއި، ރޭލާއި މެޓްރޯގެ ޚިދުމަތް މެއިމަހުގެ ނިޔަލަށް މުޅި އިންޑިއާގައި ބަންދުވާނޭ ކަމަށެވެ.

ހަމަ އެއާއެކު، ސްކޫލްތަކާއި، ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި، ޝޮޕިންގ މޯލާއި، ސިނަމާތަކާއި އަޅުކަންކުރާ ތަންތަންވެސް އެ މުއްދަތަށް އެއްކޮށް ބަންދުވާނޭ ކަމަށްވެސް މީޑިއާއިން ބުނެފައި ވެއެވެ.

ގާތްގަނޑަކަށް ދެމަސްވާން ގާތްވެފައިވާ އިންޑިއާގެ ލޮކްޑައުންގެ ހާލަތަށް އެގައުމުން ލުއިތަކެއް ދޭންފަށާފައިވަނީ މެއިމަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

އޭގެ ދަށުން، މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރޭގައި ހުންނަ ކުދި ފިހާރަތަކާއި، ފެކްޓަރީތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، ރަށްފުށުގެ ހިސާބުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތްތައް ފެށުމުގެ ހުއްދަވެސް ދީފައި ވެއެވެ.

އަދި ހަމަ އެއާއެކު، ލޮކްޑައުންގެ ސަބަބުން އެކި ދިމަދިމާގައި ތާށިވެފައިތިބި މަސައްކަތްތެރިން ތަންތަނަށް ގެންދިއުމަށް ޚާއްސަ ރޭލު ދަތުރުތަކެއްވެސް ފަށާފައި ވެއެވެ.

ނަމަވެސް، މީހުން ގިނައިން އެއްވެއުޅޭ އެއްވެސް ހަރަކާތެއް ބޭއްވުންވަނީ މަނާކޮށްފައެވެ.

އިންޑިއާއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު، މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއަށްވުރެ މިހާރުވަނީ އިތުރުވެގެން ގޮސްފައެވެ.

އިންޑިއާއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 90،927 އަށް އަރާފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 2،872 އަށް އަރާފައެވެ.