އީރާނުގެ ހުރިހާ ސިޓީއެއްގެ އާންމު މައިދާންތަކުގައި ފިތުރު ޢީދުދުވަހުގެ އީދު ނަމާދު ކުރުމުގެ ހުއްދަދޭން އީރާނު ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ މި ނިންމުން އިޢްލާންކުރީ، ކޮރޯނާވައިރަސްއާ ދެކޮޅަށް އީރާނުގައި މަސައްކަތް ކުރަމުންދާ ޚާއްސަ ކޮމިޓީންނެވެ. މި ކޮމިޓީގެ ރިޔާސަތުގައި އިންނަވަނީ ރައީސް ހަސަން ރޫހާނީއެވެ.

އެ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ކާޒެމީ ވިދާޅުވީ، ބޮޑު ޖަމާއަތް ހަދައިގެން މައިދާންތަކުގައި އީދު ނަމާދުކުރުމުގެ ހުއްދަދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު އީރާނުގެ ހުރިހާ ސިޓީއަކަށް ދިނުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރަމަޟާންމަސް ނިމުމާއެކު އީރާނުގެ ހުރިހާ ރެސްޓޯރަންޓްތައް އަލުން ހުޅުވުމުގެ ހުއްދަދޭން ނިންމާފައިވާ ކަމަށްވެސް ކޮވިޑް-19 ރެސްޕޮންސް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އީރާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފައިވަނީ، އީރާނުގައި ބަލީގެ ހާލަތު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ ކަމަށެވެ.

އެހެން ނަމަވެސް، ބަލި ފެތުރުން ހުއްޓުވުމަށާއި، ސިއްހީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައި ވެއެވެ.

އީރާނުން މިދިޔަ ހަފްތާއިން ފެށިގެންވަނީ، އެގައުމުގެ ހުރިހާ މިސްކިތްތަކެއް އާންމުކޮށް ހުޅުވާލާފައެވެ. އަދި ހުކުރު ނަމާދުވެސް ޖަމާއަތުގައި ކުރަން ފަށާފައި ވެއެވެ.

އީރާނުގައި ބަލީގެ ހާލަތު އެންމެބޮޑު ވެރިރަށް ތެހެރާނަށް އަދިވެސް ލުއިދީފައެއް ނުވެއެވެ.

އާންމު މައިދާންތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ހުއްދަދޭން ސަރުކާރުން ނިންމައި އެކަން އިޢްލާންކުރިއިރު، ރައީސް ހަސަން ރޫހާނީ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، ބަލީގެ ހާލަތާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެގޮތުން، އާންމު މައިދާންތަކުގެ ބަދަލުގައި އީދު ނަމާދުކުރާނީ މިސްކިތްތަކުގައި އެކަނި ކަމަށެވެ. އަދި އީދު ނަމާދަށް ހުރިހާ މިސްކިތްތައް ހުޅުވުމުގެ ހުއްދަދޭން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.