ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނެ، އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި މީހަކު ވާހަކަ ދެއްކި މައްސަލައެއް ތަހުގީގުކޮށް ޖިނާޢީ ދައުވާ ކޮށްދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުއްވުމަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސަލާމާއި ޞަލަވާތްލެއްކި ކީރިތި ރަސޫލާއާއި މެދު އިހާނެތި ބަސް ބުނެފައިވާ ކަމުގެ ދޮގު އިލްޒާމް އަޅުގައި، މި ރޯދަމަހުގެ ފަހުދިހައިގެ މަތިވެރި ދުވަސްތަކުގައި މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްްތަކެއް އަޅުވާފައިވާ ކަމަށެވެ. މި ބަޔާނުގައި ވަނީ އެމީހާގެ މައުލޫމާތު ހާމަކޮށްފައެވެ.

އެހެންކަމުން އޭނާއާއި އެނާދިން އެ އިންޓަވިއު ގެނެސްދިން މީޑިއާއާމެދު ޖިނާޢީ ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް، އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ ގޮތުގެ މަތިން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހަށް ހުށަހެޅުމަށް މަޖިލީހުގެ ރައީސް ނިންމާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ ހ. ގެ ފަސް ވަނަ މާއްދާގައިވާގޮތުން، "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ" ޖުނަޙުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ، މި މައްސަލައިގަ އެ މީހާ ދައްކާފައިވާ ވާހަކަތަކަކީ އެފަދަ ކުށަކަށްވާއިރު، ރަމަޟާން މަހުގެ ފަހު ދިހައިގައި އެ މައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ކަމުގައި، އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.