ދިގުވެފައިވާ ހިޔަންޏަށް ބަލަންއިން ކަމްލާގެ ކަޅިވަނީ ހުއްޓިފައެވެ. އިރުގެ ހޫނުކަން އެންމެ ފަހުން ލިބޭ، ހަވީރުގެ މި ވަގުތުގައި ހަމަޖެހޭ މީހަކު އެހެން ހުންނަ ހިޔަންޏަކަށް ބަލާކަށް ނީންނާއެވެ.

ފަސްގަޑިބައިވަނީއެވެ. ގަސްގަހާ ގެއްސާއި، އިންސާނުންގެ ހިޔަނި ވަނީ އެ އެއްޗިއްސަށްވުރެ މާ ބޮޑަށްވެސް ދިގުވެފައެވެ.

ޕާކުތެރޭގައި ކުޅެން ތިބި ގިނަ ކުދިންވެސް އެ ކުދިންގެ ހިޔަންޏަށް ބަލަމުން، އެކި ގޮތްގޮތަށް ހަރަކާތްތެރިވަމުންދިޔައެވެ. ބައެއް މީހުން ހިޔާގަނޑުގައި ހުރި ގޮނޑިތަކުގައި އިށީންދެލައިގެން އޮއްސެމުންދާ އިރުގެ ރީތި މަންޒަރު ބަލަމުންދިޔައެވެ. އަނެއްބަޔަކު ގްރޫޕް ހަދާފައި އެކި ގޮތްގޮތަށް ތިބެ ފޮޓޯނަގަނީއެވެ.

އެހެންނަމަވެސް އެންމެންނާއި ދުރުގައި މާ އެކަހެރިކޮށް، މާ މަޑުމަޑުން އިން ކަމްލާގެ ނަޒަރު އަދިވެސް ވަނީ އޭނާގެ ހިޔަންޏާ ދިމާލުގައެވެ.

މޫނު މައްޗަށް ލުއި ހިނިތުންވުމެއް ގަދަކަމުން ވެރިކުރުވައިގެން އިންކަން ރަގަޅަށް ބަލާލުމުން އެގެއެވެ. އެދެލޯ އެކަމަށް ހެކިދެއެވެ.

ރޫ ޖެހިފައިވާ އެ މޫނަށް އިތުރުވަމުންދިޔަ ރޫތަކުން، އޭނާގެ ހިތަށް ވަރަށް ފުން އަސަރެއް ކޮށްފައިވާކަން އެގެއެވެ. އެކަން ފޮރުވަން އޭނާ ހިނިތުންވެގެން އިނީ ވަށައިގެންވާ މާހައުލުގެ ގޮތުންކަމަށްވެސް ވެދާނެއެވެ.

އެހެންނަމަވެސް މި ޕާކަކީ އޭނާއަށް އާ ތަނެއް ނޫނެވެ. ޕާކާއި ދިމާލަށް ކަނާތްފަރާތުގައި އޮތް މޫދަކީވެސް ކަމްލާއަށް އާ ތަނެއް ނޫނެވެ. ވަށައިގެންވާ މާހައުލާއި، ހަމަ އެހެންމެ މި ފަސްގަނޑާއި، މިރަށް އަދި މި އަތޮޅަކީވެސް ކަމްލާއަށް ބާވެފައިވާ ތަންތަނެވެ. އެތަނަކަށް ދެލޯމަރައިގެން ހުރެވެސް ދާން އެނގޭނެ ތަންތަނެވެ. އެހާވެސް މިތަންތަން، ކަމްލާގެ ހިތުގެ ފުން މިނުގައި ކަނޑާނެގިފައި ވެއެވެ.

އަމިއްލަ އުފަން ރަށަށް ވުމާއި އެކުގައެވެ.

ޔަޤީނެވެ. އޭނާ އެބަލަނީ އޭނާގެ ހިޔަންޏަކަށް ނޫނެވެ. އޭނާގެ ލޮލުގައިވާ ފުން ނަޒަރުގައި ނޭނގޭ މާނަތަކެއް ފޮރުވިފައި އެބަވެއެވެ. އެ ދެލޯ ކޮންމެވެސް ކަމަކަށް އިންތިޒާރުކުރާކަން، ލޮލަށް ގެންނަ އިޝާރާތުން އެބަ ހާމަވެއެވެ.

''ތައްތާ....'' ރާގުލާފައި ކުޑަކުޑަ ފިރިހެން ކުއްޖަކު ވަރަށް ކައިރިން ގޮވާލި އަޑަށް ކަމްލާ ދިޔައީ ސިއްސައިގެންނެވެ.

އަތުގައި އަޅާފައިވާ ރަން އަނގޮޓި އަނބުރާލަ އަނބުރާލަ އިން، ކަމްލާގެ ނަޒަރު އެ ކުއްޖާއަށް ހުއްޓިއްޖެއެވެ.

''ތައްތާ.....އަން..'' ގާތްގަނޑަކަށް އެއްއަހަރުގެ އެ ތުއްތު ފިރިހެންކުއްޖާ ކަމްލާއަށް ބަލާލައިގެން ހުރެ ހިނިތުން ވެލިއެވެ.

މައުޞޫމް އެ މޫނުގައި އެއްވެސް ބީރައްޓެހިގޮތެއް ނެތެވެ. އަތުގައިވާ، ފަސް ފިޔަލާފައި އޮތް ރީނދޫ ކުލައިގެ މާ ކަމްލާއަށް ދިއްކޮށްލައިގެން ހުރި އިރު ކަމްލާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

ހީވިއެވެ. އެއީ އޭނާ ދެކެން ބޭނުންވި މަންޒަރެވެ. ހަމަ ގައިމުވެސް އޭނާގެ ދެލޯ ފެންކަޅިވެފައި މިހާރު އެވަނީ އެ މާ ފެނިގެނެއް ނޫނެވެ.

''ތޭންކް ޔޫ..ބޭބީ..'' ކަމްލާ މާ ނަގަމުން ވަށައިގެން ބަލާލިއެވެ. މި ޒަމާނުގެ ދެ ޒުވާނުން މަޑުމަޑުން ހިނގާލާފައި ކަމްލާއިން ދިމާލަށް އާދެއެވެ.

''ކޮން ނަމެއް ކިޔަނީ ބޭބީއަށް...''ކަމްލާ ވަރަށް ލޯބިން އެ ކުއްޖާ އުރާލިއެވެ.

މި ޕާކަށް އަންނަ ގިނަ ކުދިންނާ ކަމްލާ ވާހަކަދައްކަނީ ހަމަ އެ ރާގުގައި އެހާމެ ލޯތްބާއި އެކުގައެވެ. ކޮންމެ ކުއްޖަކުވެސް އަމިއްލަ ކުއްޖަކު ފަދައިން ނަގާ އުރަށް ލައިގެން އިނދެ ވާހަކަދައްކައެވެ. އެހެނަސް އެއްވެސް ކުއްޖެއްގެ ބެލެނެވެރިއަކާއި އެހާ ގިނަ ވާހަކައެއް ކަމްލާ ނުދެއްކައެވެ.

''ދޫނީ..އާދޭ ދާން..އިރުއޮއްސެނީނުން...'' ކަމްލާ ކައިރިއަށް މަޑުކޮށްލި ދެ ޒުވާނުންގެ ތެރެއިން އަންހެން ކުއްޖާ ބުނެލިއެވެ.

''ސޭ...ޓާ ޓާ ޓު އާންޓީ'' އުރާލަން ދެއަތް ދިއްކޮށްލަމުން ޖެހިގެން ހުރި ފިރިހެން ކުއްޖާ ބުނެލިއެވެ.

''ނޯ.......''ރާގުލާފައި އެ ތުއްތު ކުއްޖާ ބާރަކަށް ބުނެލިއިރު، ކަމްލާގެ މޫނަށް ބަލާލަމުން ހިނިތުންވަނީއެވެ.

''ދޫނީ...އާދޭ..ދެން..ދައްތަ އެއުޅެނީ ލަސްވާތީ..އާދޭ މަމީ ކައިރިއަށް'' އެއަންހެން ކުއްޖާ މިފަހަރު ކަމްލާއާއި ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ.

ކަމްލާ ވަރަށް ލޯބިން އެ ކުއްޖާ ނަގާ ބިންމަތީ ބެހެއްޓިއެވެ.

''ދެން ހަމަ...'' ކުޑަ ކުއްޖާ ބޮޑާހާކަން ފެށުމުން އަންހެން ކުއްޖާ އޭނާ އުރާލިއެވެ.

ކަމްލާ ދާން ވެގެން ކޮޅަށް ތެދުވެލިއެވެ. އަދި ލައިގެން ހުރި ދިގު ކަޅު ހެދުމުގައި ކޮންމެވެސް ވަރަކަށް ތަތްލާފައިވާ ވެލި ފޮޅާލިއެވެ.

''ބޭބީ..ދައްތަވެސް ދަނީ...'' ހިނިތުންވެލުމާއިއެކު ކަމްލާ އެ ކުޑަކުއްޖާގެ ކޮލުގައި ހިފާލިއެވެ.

''ބާއީ.....އު....ން.....މާ... '' ދިގު ރާގަކަށް އެ ކުޑަކުއްޖާ އެހެން ބުނެލުމާއި އެކު އެދެ ޒުވާނުން ހިގައިގަތެވެ.

އޭރު އިރު ދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ. މިހާރު ރަސްކަން ކުރަން ތައްޔާރުވަމުންދަނީ ކަޅު އަނދިރިކަމެވެ. އިރު އޮއްސުމަށްފަހު ފެށޭ އަދިރިކަމުގެ ތެރޭ ހިނގާލުމަކީވެސް ކަމްލާއަށް ކުރެވޭ ކަމެއް ނޫނެވެ. އުމުރުގެ ގޮތުން ލޮލުގެ ފެނުމަށް އަސަރުކޮށްފައި ހުރުމާއި އެކުގައެވެ.

މަޑު ހިނގުމެއްގައި ކަމްލާ ހިނގާލާފައި މާދުރުނޫން ހިސާބެއްގައި ހުރި އޭނާ ދިރިއުޅޭ ކޮޓަރިއަށް ވަނެވެ.

މަޣްރިބް ނަމާދު ކުރިއެވެ.

ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަށް އަދިވެސް އެއްވެސްކަހަލަ ފިނިކަމެއް އައިހެނެއް ހިޔެއް ނުވެއެވެ.

މުޅި އުމުރު ހުސްވަންދެން ކަމްލާ މިފަދައިން އެކަނި އުޅެން މަޖްބޫރުކުރުވީ ކޮން ކަމެއްބާވައެވެ. އޭނާއަށް އެ ހިތްދަތިކަމެއް ދީފައިވަނީ ކާކުބާވައެވެ. މިއީ ތަޤްދީރޭ ބުނެ ނިންމާލެވޭނެ ބާވައެވެ.

މިއީ ކަމްލާ ގަބޫލުކުރާ އުސޫލެއް ނޫނެވެ.

ޒުވާން އުމުރު، ކަމްލާވެސް ހިތް އެދުނު ހުރިހާ ކަމެއް ފުރިހަމަ ކުރިއެވެ. ކިޔެވިއެވެ. ބޭނުންވާ ތަނުގައި ވަޒީފާ އަދާކުރިއެވެ. ހަމަ އެހެންމެ އޭނާ ކުރަން ބޭނުންވި އެތައްކަމެއް ކުރިއެވެ. މިއަދު އޭނާގެ އޮތީ އެންމެ އެދުމެވެ. އެހުރިހާ ކަމަކަށް ވިސްނާލާފައި ހިތްހަމަ ޖެހުމުގެ ނޭވާއެއް ލާ ކޮންމެ ފަހަރަކު، އެނޭވާ ކުރުވާހެން ކަމްލާއަށް ހީވަނީ މިހެންވެގެންނެވެ. އޭނާގެ ހިތުގައި އެވާ އެދުން ފުއްދޭނެ ގޮތެއް ނެތީމައެވެ. ނޫނީ އަދި އެކަން ނުވާތީއެވެ.

ޒުވާން އުމުރުގައި ކަމްލާއަކީވެސް ވަރަށް ގިނަ ބައެއްގެ ހިތް ފަތަހަ ކުރި ޒުވާނެކެވެ. ކިތަންމެ ބަޔަކު ކަމްލާއަށް އެދި އެދި ތިއްބެވެ. ނަމަވެސް ކަމްލާ އެހުރިހާ ކަމެއް ހުއްޓާލާފައި، އޭނާ ކުލަ ޖައްސަމުންދިޔަ ހުވަފެނީ ދިރިއުޅުމާއިގެން ކުރިއަށްދިޔައެވެ. ނަމަވެސް އެ ދިރުއުޅުމުގައި އެ ކުލަތައް ފަނޑުވާންޖެހުނީ، އަމިއްލަ ޒާތުގައި އައި ކުލަތަކެއް އެ ދިރުއުޅުމުގައި ޖެހެން ފެށުމުންނެވެ. ފަހަރުގައި އެއީ ކަމްލާ ބޭނުންވާ ކުލަތަކެއްކަމަށްވުންވެސް އެކަށީގެންވެއެވެ. އެހެން ނޫންނަމަ ކޮންމެ ކޮންމެ ކުލައެއް އަމިއްލަ ދިރިއުޅުމުގެ ފޭރާމުގައި ޖައްސަން އެދޭނީކާކުހެއްޔެވެ.

ކަމްލާގެ ބަހުރުވައިގައި ނަމަ އެއީ، ގަދަ ރަތްކުލައެވެ. އެ ކުލައަކީ އެނާގެ ހަޔާތާއި ގުޅި ލާމެހިފައިވާ ކުލައެވެ. އެކުލައެއް ފެނުމުން އޭނާގެ ހިތް ތެޅިތެޅި ވަރުބަލިވެއެވެ. ސިކުނޑިއަށް ވަރުބަލިކަން އިހުސާސްވެއެވެ. ގައިން ވާގި ދޫވެއެވެ. ދެފައި ތުރުތުރުއަޅަނީވެސް ހަމަ އެކުލައަކާއި ހެދިއެވެ.

ކަމްލާ ގަބޫލުކުރާ ގޮތެއް އޮވެއެވެ. ހަޔާތަކީ ހުދު ގަނޑެކެވެ. އެގަނޑުގައި ބޭނުންކުލައެއް ބޭނުންގޮތަކަށް ޖައްސާލެވިދާނެއެވެ. ނަމަވެސް އެއީ ހާމަތަނެއްގައި ނެތް ނަމައެވެ.

ހަޔާތުގައި ޖެހޭ ކޮންމެ ކުލައަކީވެސް އޭގެ ޒާތުގައި ރީތި ކުލައެކެވެ. އެ ކުލަތައް ފޮހެލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

އާ ކުލަތަކެއް އެ ގަނޑުގައި ޖެހެން ފެށުމާއި އެކު، ކަމްލާގެ ހަޔާތުގެ ސޮފްޙާތައްވެސް އެކި ކުލަ ކުލައިން ފެވެން ފެށިއެވެ. ކަމްލާގެ ރީތިކަން ކުރިއަށްވުރެ އިތުރުވިކަހަލައެވެ.

އިމާންތެރިކަން ވަރުގަދަވެ، ނަމާދުކުރުމާއި ދުޢާކުރުމުގައި އިތުރުވަގުތު ހޭދަކުރަން ފެށިއެވެ.

އެރީތި ތުނި ތުނި ހަށިގަނޑަށް ލެނބެމުންދިޔަ ލޯތަކުން ފޮރުވެން، ލާއުޅުނު ދޫ ހެދުމުގެ ބަދަލުގައި ކަޅު ދިގު ހެދުމަށް ބަދަލުކުރިއެވެ.

އެއްވެސް މީހަކު ބުނެގެނެއް ނޫނެވެ. ތިމާގެ ދުޢާ އިޖާބަކުރައްވާނީ، އަމަލުތައްވެސް ސީދާކޮށްގެންކަން ހިތުގެ އަޑިން ޤަބޫލުކުރާތީއެވެ.

އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި އަމަލުތައް ބެހެއްޓިއެވެ. އޭނާގެ އެ ހިތްގައިމު ދިރިއުޅުމަށް އުފާ ގެނެސް، އާ ކުލަތަކެއް ފަވާލަދިން ޒުވާނާއާއި މެދު ޝައުޤުވެރިކަން ހުންނަކަން ހިތުގެ އަޑިން ޤަބޫލުކުރިއެވެ.

ނަމަވެސް ތަޤްދީރު އެގުޅުމަށް ހުރަސް އެޅިފަދައެވެ. ޖައްސަމުންދިޔަ ގަދަ ރަތްކުލަ މަޑުމަޑުން ފަނޑުވަމުން މަޑުރަތްކުލައަށް ބަދަލުވެ، އެ ކުލަތައް ފޭދެމުންދިޔައީ ސީދާ ކަމްލާގެ ލޮލުންނެވެ. ކަރުނައިގެ ސިފައިގައެވެ.

ދެމީހުން ދެތަންވީއެވެ. އެތައް ކުލަތަކެއް ޖެއްސުމަށްފަހުގައެވެ. ނަމަވެސް ކަމްލާއަކީ ހިތްވަރުގަދަ މީހަކަށްވުމާއިއެކު އެ އުންމީދު ކަނޑާލާކަށް ނުވިސްނިއެވެ. ވަރަށް ގިނަ ގޮތް ގޮތުން ވިސްނުމަށްފަހު ދިރިއުޅުމުގައި އޭނާ ދާން ބޭނުންވި މިސްރާބަށް ޚިޔާލު ބަދަލުކޮށްލިއެވެ.

********

ފަތިސްނަމާދަށް ބަންގި ގޮވައިފިއެވެ. މިއީ ކޮންމެ ރެއެއްގެވެސް އާދައެވެ. އެއް ޚިޔާލުތަކެއްގައި އިންދާ ފަތިސްވަނީއެވެ. ކުޑަމިނުން އެނދުގައި އޮށޯވެގެންވެސް ނޯންނަ ކަމްލާ މިރޭ ވެސް އެ އިނީ ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައިވާ އަނދަރާދަ ގޮނޑީގައެވެ.

މިލާ މޯލިވެފައިވާ އެ ދޮން މޫނު، އަތުގެ ނުފުށުން ފޮހެލަމުން ކަމްލާ ތެދުވިއެވެ. އުމުރުގެ ގޮތުން މޫނުގައި ޖެހިފައިވާ ރޫތަކަށް ވާންވެގެން ދިޔައެވެ.

********

އިރުގެ ދޯދި ބިމަށް ފާއްދާލި އިރު ކަމްލާ އިނީ އާދަ ކޮށް އޭނަ އިށީންދެގެން އިންނަ ޕާކުގެ ހިލަ ގޮނޑިތަކުން ގޮނޑިއެއްގައެވެ.

އަތުގައި އޮތް ކުޑަ ކުޑަ ޚަތިމު ހުޅުވާލައިގެން މަޑުމައިތިރިކަމާއި އެކު ޤުރުއާން ކިޔަވަމުން ދިޔައެވެ.

ދުއްވާއެއްޗެހީގެ އަޑު މަޑުމަޑުން އިވެން ފެށިއެވެ. ބާރު ސްޕީޑްގައި ދުއްވާފައިދާ ސައިކަލްތަކާއި ކާރުތައް އިސާ ހިތަކު ގިނަ ވަމުންދިޔައެވެ. ވަޒީފާތަކަށާއި، ސްކޫލުތަކަށް ދާން ކުދިންނާއި މީހުންނެވެ.

ޒުވާން އުމުރުގައި ކަމްލާ އަކީވެސް މިފަދައިން ހެލިފެލިވެ، ވަރަށް ޒިންމާދާރުކަމާއި ހަރުދަނާކަމާއިއެކު ވަޒީފާ އަދާކުރި ކެރޭ މީހެކެވެ. ނަމަވެސް ވަޒީފާއިން މުސްކުޅިކުރުމާއިއެކު އިތުރުކަމެއް ކުރާކަށް ކަމްލާ ނުވިސްނިއެވެ.

ހަމަ އެކަނި ކުރާ ކަމަކީ އޭނާގެ ބްލޮގްގައި ކުރުވާހަކަ ލިޔަނީއެވެ. ގިނައިން ހުންނަނީ ކުޑަ ކުދިންނަށް ޚާއްސަ ވާހަކަތަކެވެ.

ކުޑަ ކުޑަ މަޢުސޫމް މޫނުތައް ފެނުމުން، އެ ފެންނަ ކޮންމެ މޫނަކަށް ކަމްލާގެ ހިތުގައި އާ ވާހަކަތަކެއް އުފަންކުރުވައެވެ. އެ ހުރިހާ ވާހަކަތަކެއްވެސް ކަމްލާ ލިޔަމުން ދިޔައީ އޭނާގެ ބްލޮގްގަ އެވެ.

މިހާރު ލިޔަމުން އެދަނީ އޭނާއަށް އިއްޔެ ފެނުނު ލޯބި ލޯބި ފުށްގަނޑެއްފަދަ ކުޑަ ކުޑަ ފިރިހެންކުއްޖާގެ ވާހަކައެވެ. ނަމަކަށް ދީފައި ވަނީ ލަވްލީ ފްލަރވަރ އެވެ.

ކުޑަދޮރުން ބޭރުބަލަން އިންނައިރު ކަމްލާގެ ހިތުގައި އިބާރާތްކުރެވެމުންދާ ޚިޔާލުތައް އެމުނުމުން، ވަގުތުން އެ ޖުމްލަ ލިޔަން ފަށައެވެ.

ކެޔުމާއި ނިދުމަކީ ކަމްލާއަށް މާ މުހިންމުކަމެއް ނޫނެވެ. ނަމަވެސް އަޅުކަމަށް ބުރޫއެރިޔަ ނުދެއެވެ.

******

ކަމްލާ ރަށުގައި ހޭދަކުރަން ނިންމި ދުވަސްތައް ނިމުމަކަށް އަންނަނީއެވެ. އެންމެ ފަހު ވަގުތުވެސް އޭނާގެ އުންމީދު ފުރިހަމަ ވޭތޯ ޕާކަށް ދާން ކަމްލާ ނިންމިއެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތަށް ފަތިސް ނަމާދުކޮށްގެން ކަމްލާ ގޮސް އިށީނީ އާންމުކޮށް އޭނާ އިށީންނަ ގޮނޑީގައެވެ.

އެހެންޏާ ނުފެންނަ ދެ މީހަކު މިއަދު އެޕާކާއި ދިމާލަށް ހިނގާފައި އަންނަނިކޮށް ކަމްލާއަށް ފެނުނެވެ.

އެއީ އޭނާގެ އުމުރަށް ވުރެ ކުޑަކޮށް ދޮށީ ބައެއްކަން ބަލާލުމުން އެގެއެވެ. ޚާއްސަކޮށް އަންހެން މީހާއަށް ހިނގުމުގައި އުނދަގޫތަކެއް ހުރިކަން ކަމްލާ އަށް ފާހަގަވިއެވެ.

އަތުގައި ހިފާލައިގެން މި ހިތްގައިމު ފިނި ފިނި ހެނދުނުގައި ދުވަހަކުވެސް ކަމްލާއަށް އެރަށުން ނުފެންނަ ބަޔަކު ފެނުމުން، ވަޅުވަދެފައިވާ ދެލޯ ކުޑަކޮށްލާފައި ނިކަން ރަގަޅަށް ކަމްލާ އެދެމީހުންނަށް ބަލާލިއެވެ.

އަންހެން މީހާ ހުރީ ބުރުގާ އަޅާފައެވެ.

ފިރިހެންމީހާ ހުރީ އަތްދިގު އެހެންނަމަވެސް އަތް އޮޅާލާފައިވާ ގަމީހަކާއި ފަޓުލޫނެއް ލައިގެނެވެ. ބަލާ ބެލުމަށް ވަރަށް މާތް މީހެއް ފާޑު ޖަހައެވެ.

އަތުގައި ހިފާލައިގެން ހިނގާފައި އައި ދެމީހުން ކަމްލާއާއި އެހާ ދުރުނޫން ހިސާބެއްގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ވާހަކަ ދައްކަން ފެށީ ކަމްލާ ދަންނަ ބަހުރުވައަކުންނެވެ. ބައެއް ފަހަރު ކިޔާ އެއްޗެއް ސާފްނުވިކަމުގައިވިޔަސް، ޖެހެމުންދިޔަ ރޯޅި، އެމީހުން ދައްކަމުންދިޔަ ވާހަކަތައް ކަމްލާއާއި ހަމައަށް ފޯރުވައިދޭފަދައެވެ.

އެއީ ބަރުއަޑެއްގެ ވެރިއެކެވެ. އެހާ މުސްކުޅިވެފައިވާއިރުވެސް އޭނާގެ ރީތިކަމަށް ކަމްލާއަށް ތަޢުރީފްކުރެވުނެވެ.

******

ކަމްލާއަށް ހުވަފެނެއް ފެންނަން ފެށިކަހަލަ އެވެ. މަޑުމަޑުން އޭނާގެ ސިފަ ޒުވާންވަމުންދިޔަތަން ކަމްލާއަށް ފެންނަން ފެށިއެވެ.

ކަމްލާއަށް ކޮޅަށް ތެދުވެވުނެވެ. ބޭ އިޚްތިޔާރުގައެވެ. މަޑުމަޑުން އެއްއަތުން އަނެއް އަތުގައި ހިފާލެވުނެވެ. އަތުގައި ހުރި ކުރަކިކަން ފިލާފައިވާކަން އިހުސާސްކުރެވުނެވެ.

އަތަށް ބަލާލިއެވެ. އާނކެވެ. ރޫޖެހި ނާރުފުއްޕާފައިވާ އެ އަތުގައި އެއްވެސް ރުލެއް ނެތެވެ.މޫނަށް ވާންވެގެން ގޮސް ކުލަ ކުރިއަށްވުރެ ވެސް އަލިވެގެން ދިޔަކަން ކަމްލާއަށް އިހުސާސްކުރެވުނެވެ.

ވަށައިގެންވާ ގަސްތަކާއި މާދުރުނޫން ހިސާބުގައިވާ ބޮޑުމަގުވެސް މަލުގެ ބަގީޗާއަކަށްބަދަލުވީ ކަމްލާ ބަލަބަލާހުއްޓައެވެ.

އެމީހާ މިހާރު އެހެރީ ކަމްލާއާއި ދިމާލަށް ބަލަހައްޓައިގެން ކޮޅަށް ތެދުވެއެވެ. އޭނާ ކައިރީގައި އިށީންދެލައިގެން އިން އަންހެން މީހާގެ ސޫރަވެސް ފޭދިގެން ދިޔަ ފަދައެވެ.

މުޅި ހިސާބުގައި ވަނީ ރީނދުލާއި، ފިޔާތޮއްޓާއި، ރަތްކުލައިގެ މާތަކެވެ. އެކި ކަހަލަ މާތަކެވެ. އެގަސްތަކަށް އިތުރު އާރޯކަމެއް ގެނެސްދިފައިވަނީ ފެހިކުލަ ގަދަ ފަތްތަކެވެ. އުޑުގައި އެވަގުތުވާ މަޑު ނޫކުލައާއި މި މަންޒަރާއި ނުލާހިކު ގުޅެއެވެ.

އެއަށްވުރެ ބޮޑަށްވެސް، ދެހިތެއްގައި ޖަހަމުންދިޔަ ވިންދު ގުޅެމުން ދިޔަކަމުގެ އިހުސާސް ކަމްލާއަށް ކުރެވުނެވެ. މަޑުމަޑުން ހިނގައިގަނެވުނެވެ. އަނެއްކާވެސް އެ ފިޔަވަޅުތައް ފަހަތަށް އެޅިއެވެ.

ކުރިންވެސް ހުރިތަނުގައި މަޑުކޮށްލިއެވެ. އެޒުވާނާ މިހާރު ހިނގާލާފައި އެއަންނަނީ ކަމްލާއާއި ދިމާލަށެވެ. މަޑު ހިނގުމެއްގައި އައިކަމުގައި ވިޔަސް ފިޔަވަޅުތަކުން ހީވަނީ ދުއްވައިގަންނަން އުޅޭ ހެނެވެ.

އާއެކެވެ. އެއީ މީގެ އެތައް ޒަމާނެއް ކުރިން ކަމްލާގެ ދިރުއުޅުމުގައި ކުލަޖެއްސި ޒުވާނާއެވެ. އެ އިސްތަށިގަނޑެވެ. އެ މޫނެވެ. އެ ހަށިގަނޑެވެ. އެ ހިނގުމެވެ. އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

އޭނާ ކަމްލާގެ ވަރަށް ކައިރިއަށް މަޑުކޮށްލިއެވެ.

އަދި ހާލު އަހާލިހެން ހީވިއެވެ. ކަމްލާ އަށް ބުނާނެ އެއްވެސް އެއްޗެއް ނޭންގުނެވެ. މިއީ މިފަދައިން ހޭލާ ހުއްޓާ އޭނާއަށް ފެނިފައިވާ އަދި ފެންނާނެވެސް އެންމެ ފުރަތަމަ އަދި އެންމެ ފަހު ހުވަފެންކަން ކަމްލާ ދަނެއެވެ.

އިތުރު ވާހަކަތަކެއް ދައްކައިގެން އޭނާގެ މި ޚިޔާލީ ދުނިޔެއިން ހަމަ ދުނިޔެއަށް ދާކަމަށް ކަމްލާ ބޭނުން ނުވެއެވެ.

ކަމްލާ އާއި ދާދިގާތުގައި ކުރިމަތީ، ހުއްޓިލައިގެން ހުރި ޒާޖިލްއަށް ކަޅި ޖަހާނުލައި ބަލަހައްޓައިގެން ކަމްލާ ހުރި އިރު، އެތައް ފަހަރަކު އޭނާގެ އަތް އެ ޒާޖިލްގެ މޫނާއި ދިމާލަށް ހަރަކާތްކުރިއެވެ. ނަމަވެސް އަތްލަން އުޅޭތަނުން މި ހުވަފެން ނިމުމަކަށް އައިސްދާނެތީ ކަމްލާ ބިރުގަތެވެ.

''ކިހިނެއް؟....ވަރަށް ދުވަސްވެއްޖެ ދޯ ކަމްލާ ނުފެންނަތާ...؟؟ ރަށުގަތަ ތިއުޅެނީ؟..އަހަރެން ހީކުރީ މާލޭގައި ކަމަށް އުޅެނީ....''.'' ކުރަކިކަމެއް ނެތް އެއަޑު އިވުމުން ކަމްލާގެ ދެލޯ މެރުނެވެ. އެއަޑު ހިތްހަމަ ޖެހުމާއިއެކު އަހާލަން ކަމްލާ ބޭނުންވެއެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބުދޭކަށް ކަމްލާ ބޭނުން ނުވެއެވެ.

ކަމްލާގެ ހަނދާންތައް ފޮޓޯތަކެއްހެން މޫނުމަތީގައި އެނބުރެންފެށިއެވެ.

އުމުރުން ވިހި އެކާވީހުގައި ކަމްލާވެސް މީހަކާއި އިނެވެ. އެއީ ޒާޖިލްއާ ވަކިވުމުންނެވެ. މީހުންގެ ލޯތަކަށް ފިލަންވެގެންނެވެ. ދައްކަފާނެ ވާހަކަތަކަކަށް ޖަވާބުދާރީވާށެވެ.

ބޮޑު ޕާޓީއެއްވެސް ބޭއްވިއެވެ. ޒާޖިލްގެ ޢާއިލާއަށްވެސް އެންގިއެވެ. އަދި އެމީހުންވެސް ބައިވެރިވިއެވެ. މިހުރިހާވެސް ކަމަކީ ހަމަ އެކަނި ނަމަކަށް ކުރި ކަންތަކެވެ. ބޭނުމަކީ ޒާޖިލް ހަރުދަނާ މީހަކަށް ހެދުމެވެ. ކަމްލާވާ ލޯބި ހިތްހެޔޮކަމާއިއެކު ބަލައިގަތުމެވެ.

އެކިކުލަތަކުން ޖަރީވެފައިވާ އެ ޕާކުގެ ހަތަރު ފަރާތުން ދެންމެ ދެންމެ ވީކަމެއްހެން، ކަމްލާގެ ހަޔާތުގެ ސޮފްހާތަކެއް ފެންނަންފެށިކަހަލައެވެ.

އެތަށް ދުވަހެއްފަހުން ކަމްލާއަށް އައީ ފޯންކޯލެކެވެ.

''އަހަންނަށް ދައްކަންތަ ތިހާ ބޮޑުކޮށް ޕާޓީ ބޭއްވީ؟؟...އަދި އެވެސް އަހަރެންގެ ފެމިލީ މީހުންނާ އެކީ....'' ނުރުހިފައިވާ އެއަޑު އިވުމާއިއެކު ކަމްލާގެ ހިތައް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ.

''ނޫން.....އަހަރެން ނޫޅެން ކޮންމެހެން މީހަކަށް ދައްކާކަށް. އެހެން ނޫނަސް ތި ފެމިލީއަކީ އަހަރެންވެސް ދަންނަ ބަޔަކަށް ވާތީ އިންވައިޓް ކުރީ....''ހަޤީޤަތް ހާމަ ކޮށްދެމުން ކަމްލާ ބުނެލިއެވެ. ތެޅެމުންދާ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ނުލިބެއެވެ.

އެދުވަހުވެސް ޒާޖިލްގެ ވާހަކަ ހުރީ އެހެން ދުވަސްތަކުގައިވެސް އޭނާ ވާހަކަތައް ދައްކާ އުސޫލުގައެވެ. އެ ހިތްހަމަ ނުޖެހުމާއި، މަލާމާތް އެކުލެވޭ ރާގުގައެވެ.

ކައިވެނި ކުރިތާ އެއް އަހަރު ފުރުނެވެ. ނަމަވެސް ކަމްލާގެ ހިތުގައިވާ އިހުސާސްތަކަކަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. މީހަކާއި އިނދެގެން އުޅުނަސް އެއީ އެހެން މީހެއްގެ މިލްކެއް ފަދައެވެ. ތަފާތަކީ އެފަދައިން ކަމްލާއަށް ހީކުރެވުނުކަމުގައި ވިޔަސް ފިރިމީހާއަށް ބޭވަފާތެރިވުމުގެ ގޮތުން ނުވަތަ ވެވިދާނެފަދަ ގޮތަކަށް ކަމްލާ ނޫޅޭކަމެވެ.

ތިންވަނަ އަހަރުވެސް ފުރުނެވެ. ކިތަންމެ ފަހަރަކު ކަމްލާ އެ ޕާކަށް ދިޔައެވެ. ނަމަވެސް ޒާޖިލްއަކާ ދިމާ ނުވިއެވެ.

ހަތަރު އަހަރު ފަހުން އަނެއްކާވެސް އައީ ފޯންކޯލެކެވެ.

''ކިހިނެއް؟...''އެ އަޑުގައި ހިތްހަމަޖެހުން އެކުލެވިގެން ވެއެވެ.''ރަގަޅު....ކިހިނެއް؟...'' މަޑުމައިތިރިކަމާއިއެކު ކަމްލާ އެހެންބުނިކަމުގައި އޭނާގެ ތެޅި ތެޅި އޮންނަ ހިތް ހީވަނީ އަނގައިން ބަސް ބުނާ ވަގުތު ނުކުމެދާނެހެންނެވެ.

''އަހަންނަށް އެނގޭ ކަމްލާ ހުންނާނީ މިހާރު ހިތްހަމަ ނުޖެހިފަކަން''....އެ އަޑުގައި މާ ޚާއްސަކަމެއް ނެތެވެ.

އެހެންނަމަވެސް އެބުނި ޖުމްލައަކީ ކަމްލާގެ ހިތުގެ ތެޅުމަށް ކުޑަނަމަވެސް ފިނިކަމެއް ގެނުވިޖުމްލައެވެ. ޒާޖިލްއަށް ކަމްލާ އޭނަ ދެކެވާ ލޯބި އިހުސާސްވިފަދައެވެ.

''އަހަރެން ޤަބޫލު ކުރަން ކަމްލާ އަހަރެންދެކެ ވާ ލޯބި...އެކަމަކު އެއީ އަދި އެހެންކަމެއް...''ފުން ނޭވާއަކާއި އެކު އެހެން ބުނެލުމަށްފަހު އަނެއްކާވެސް ނޭވާއެއް ލިއަޑު އިވުނެވެ.

''ކަމްލާ އަކީ އަހަރެންނަށް މިހާތަނަށް ފެނުނު އެންމެ އަޚްލާޤު ރަގަޅު، އަންހެންކުއްޖާ..''އަނެއްކާވެސް ޖާޒިލްގެ އަޑެވެ.

އެއްވެސް ވާހަކައެއް ނުދައްކާ ކަމްލާ އަޑުއަހަންހުރީއެވެ.

އަދި ކަޅި އެކި ދިމާދިމާއަށް އުކާލިއެވެ.

ލޮލަށް ޖަމާވަމުންދިޔަ ކަރުނަ ތިކި މަޑުމަޑުން ލޮލުގެ އެތެރެއަށް ފެތުރިގަތެވެ.

އެހިނދުކޮޅު އެއީ ރޯން ބޭނުންވާ ހިނދުކޮޅެއް ނޫނެވެ. އެއަށްވުރެ ޚާއްސަވެފައި އަސަރުގަދަ ހިނދުކޮޅެއް މިއިން ޒަމާނެއްގައިވެސް ނާންނާނެކަން ކަމްލާއަށް އެނގެއެވެ.

ކަމްލާ ގަދަކަމުން ހިނިތުންވެލިއެވެ.

އަދި އެކަން ޖާޒިލްއަށް އެނގުމުގެ ގޮތުން، ނޫން ގޮތަކަށް ހީލިއެވެ.

''ކޮންކަހަލަ ވާހަކައެއް މިރޭ ތި ދައްކަނީ؟...''ކަމްލާ ހަމަޖެހިލަން މަސައްކަތްކުރަމުން ދޮރާއި ދިމާލަށް ހުރި ގޮނޑި ނަގާ ކުޑަދޮރުކައިރީ ބެހެއްޓިއެވެ.

މިހުރިހާ އިރު ކަމްލާއަށް ހުރެވުނީ އެނދާއި ދިމާލަށް ހުރި، ކުޑަދޮރުގެ ކައިރީގައި ހުއްޓިގެން ހުރެވުނުގޮތަށްކަން އެނގުނީ ކަންނޭގެއެވެ.

''އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ......ފަހަރެއްގަ ކަމްލާ ރުޅިވެސް އައިސްދާނެ..''މަޑުމައިތިރިކަމާއި އެކު ޒާޖިލްގެ އަޑު އައެވެ.

ކަމްލާ ހަމަ އަޑުއަހަން އިނީއެވެ.

''ކަމްލާ.....'' އަނެއްކާވެސް ފުން ނޭވާއެއްގެ އަޑު އިވިގެން ދިޔައެވެ.

''އަހަރެން މެރީކޮށްފިން...''

ކަމްލާއަށް ހީވީ ވަށައިގެންވަހާ ތަކެއްޗެއް އެނބުރިގަތްހެންނެވެ.

މަޑުމަޑުން ކުޑަދޮރުގެ ދޮރުފަތުގައި ހިފަހައްޓާލެވުނެވެ.

ކަރުނަތައް ޖަމާވާންފެށީ އެއްވެސް ހިފެއްޓުމެއް ނެތިއެވެ.އެ ދޮން މޫނު ރަތްވެގެން ދިޔުމަށްފަހު ކަޅު ރަތްކުލައަށް ކޯތާފަތްބަދަލުވެގެން ދިޔައީ އެތެރޭގައި ކެކި އުތުރެންފެށި ޝުޢޫރުތަކަކާއި އެކުގައެވެ.

އެ ޝުޢޫރުތައް އެވަގުތު އެތަނަށް ބަންޑުންކުރާ އަޑު ޒާޖިލްއަށް އިވޭކަށް ކަމްލާ ބޭނުންނުވެއެވެ.

އެކަން ކަމްލާއަށް ކިތަންމެ ކުޅަދަނަކަމާއިއެކު ކުރެވުނުކަމުގައިވިޔަސް، ކަރުނަތައް ހިފެހެއްޓުމަކީ ކަމްލާއަށް ކުރެވުނު އަދި ކުރެވޭނެވެސް ކަމެއް ނޫނެވެ.

ލޮލުން ފޭދިގެންދިޔަ ކޮންމެ ކަރުނަތިއްކެއް، ކަމްލާގެ ހެދުން ތެއްމަމުންދިޔައިރު، ގިސްލެވެން އުޅޭކޮންމެ ފަހަރަކު ކަމްލާ އެކަން ކޮންމެވެސް ގޮތަކުން އޮއްބާލެވޭތޯއުޅުނެވެ.

ޒާޖިލްއަށް އެ އަޑުއިވޭނެއެވެ. ކަމްލާ ރޯކަންވެސް އެނގޭނެއެވެ. ނަމަވެސް އޭނާގެ ފަރާތުން އިތުރުވާހަކައެއް އައުމުގެ ކުރިން ކަމްލާ ވާހަކަދެއްކިއެވެ.

''އެހެންތަ؟..'' ކަމްލާގެ އެ އޮމާން އަޑުވަނީ ކުރަކިވެފައެވެ. ބެނދިފައެވެ. އަޑު ނުނުކުންނަން އުޅޭކަހަލައެވެ.

ނަމަވެސް ހައިރާންކަމާއި އުފާވެރިކަން އެއަޑަށް ގެނުވައިގެން ކަމްލާ ވާހަކަ އަލުން ފެށިއެވެ.

''ކޮން އިރަކު މެރީ ކުރީ؟؟..ނުވެސް ބުނަމެއްނު؟...''ކަމްލާގެ ކޮންމެ ލަފްޒެއް ވަކިވަކިން އަޑު އަހައިފިނަމަ އޭނާއަށް ކުޅަދާނަ ނުވާވަރަށް ހިތަށް އުނދަގޫވަމުންދާކަން އެނގޭނެއެވެ. ނަމަވެސް ޒާޖިލްއަށް އެކަން ނޭނގުނީކަންނޭގެއެވެ. ނޫނީ އޭނާ އެކަން އެނގެން ބޭނުން ނުވީއެވެ.

''ޖޫންގަ...ޖޫން ތިނެއްގަ....އަސްލު... އަންހެނުން އެހާ ބޭނުން ނުވޭ ކަމްލާ އާއި ވާހަކަދައްކާކަށް.. އެހެންވެ މިހުރިހާ ދުވަހު މި ހުރީ ނުބުނެ....''އޭނާގެ އަޑު މިހާރު ބާރުވެފައި ކުރިއަށްވުރެ އުފާވެރިކަން އެ އަޑުގައިވާ ފަދައެވެ.

''އަޅެ..ކީއްވެ އަހަރެން ކައިރީ ނުބުނީ..ބަލާބަލަ..މިއީ ޖުލައި.....ކިހާ ދުވަހެއް؟...''ކަމްލާ ޝަކުވާކުރީ ދަންނަ ގާތް ރައްޓެއްސެއް ފަދައިންނެވެ. އޭނަގެ ހިތަށް ކުރަމުންދިޔަ އަސަރު އަންގަން ބޭނުން ނުވާތީއެވެ.

''އާނއެކޭ..ބުނެފީމެއްނު....އަންހެނުން ގަބޫލެއް ނޫނޭ ކަމްލާއާއި ވާހަކަދައްކަން..އެހެންވެ އެހެން ސިމްއަކުން މި ގުޅީވެސް...'' ޒާޖިލްގެ އަޑުގައި މިހާރު އުފާވެރިކަން ހަޤީޤަތުގައިވެސް އެކުލެވިއްޖެއެވެ.

އޭގެ މާނައަކީ ކޮބައިހެއްޔެވެ. ކަމްލާއާއި ވާހަކަދެއްކޭތީހެއްޔެވެ. ނުވަތަ އޭނާ ކައިވެނިކުރީތީހެއްޔެވެ.

''ހާސްނުވޭ....އަހަރެން ގުޅާނަން އިނގޭ ކަމް އަށް....އެކަމަކު މިނަންބަރަށް ނުގުޅާތި...އަހަރެން ގުޅާނީ...ކަމް ނުގުޅާތި...އޯކޭ...ބާއްވަނީއޭ...އަދި ފަހުން ގުޅާނަން..''އޭނާގެ އަޑުގައިވާ އުފާވެރިކަން ކެނޑި އަވަސް އަވަހަކަށް ފޯނު ބޭއްވީއެވެ.

ކޮންމެ ލަފްޒެއް ވަކި ވަކިން ބުނެލިއިރު އެއީ ޒާޖިލް ވަރަށް ބޭނުންވެފައިވާ ކަމެއްކަން، ނުބުންޏަސް ކަމްލާއަށް އެނގުނެވެ.

ކަމްލާއަށް ފޯނު ކަންފަތުގައި ޖަހައިގެން އެތައް އިރެއް ވަންދެން އިދެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ އަޑުގައި އެކުލެވިފައިވާ އެ ޖާދުލެއްފަދަ އުފަވެރިކަމުގެ މާނަ އޮޅުން އަރާތީއެވެ.

ތެމެމުންދިޔަ ހެދުމުގެ އަތުން މޫނުގެ އެއްފަރާތް ފޮހެލުމަށްފަހު ކަމްލާ ބޮލުގައި އެއްއަތުން ހިފަހައްޓާލިއެވެ. އަދި އަނެއްކާވެސް ކަރުނަތައް ޖަމާވަމުންދިޔަ އެ ދެލޯ ބޮޑުކޮއްލަމުން ފޯނަށް ބަލާލިއެވެ. އެއީ ހަޤީޤަތެއްކަން ޔަޤީން ނުވާފަދައިންނެވެ.

އެތައް ފަހަރަކު މޮޔައެއް ހެން ރިސީވްޑް ކޯލްތައް ބެލިއެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެމީހަކަށްޓަކާ މުޅި ޖާނު ފިދާކޮށްލަންވެސް ތައްޔާރަށް ހުރި އޭނާގެ ހިތުގެ ވިންދެވެ.

އެމީހަކު ރަގަޅުކުރުމަށްޓަކާ، ހަރުދަނާ ކުރުމަށްޓަކާ އަމިއްލަ ދިރިއުޅުން ނުވެސް ދަންނަ މީހަކާ ހަވާލުކޮށްގެން ދިރިއުޅެމުންދާއިރު އޭނާއަށް ކަމްލާގެ އަޑުންވެސް އެއިހުސާސްތައް ނޭންގެނީބާވައެވެ.

ހިތަށް ކަށިތަކެއް ހެރެމުންދިޔަކަމުގައި ވިޔަސް ކަމްލާގެ އަޒުމް އަދިވެސް އޮޔާދާކަށް ކަމްލާ ދޫކޮށް ނުލައެވެ. ކޮންމެވެސް ދުވަހަކުން ޒާޖިލްއާއި އެކީ އުޅެވޭނެކަން ކަމްލާގެ ހިތް ކަމްލާއަށް ބަޔާންކުރަމުންދިޔައެވެ.

ލޯތްބާއިއެކީ އަތުގައި ހިފާލައިގެން ހިނގާލަންދެވޭނެކަން ކަމްލާ ގަބޫލުކުރެއެވެ. އިރު އޮއްސޭ މަންޒަރުބަލަން ގޮނޑުދޮށުގައި، ކުދި ރާޅު ބީއްސާލާ ދޮންވެލިގަނޑުމަތީ އިށީންދެލައިގެން އިންނާނެ ދުވަސް އަންނާނެކަން ކަމްލާއަށް އަބަދުވެސް އެގެއެވެ.

ނަމަވެސް އެޚިޔާލުތަކާއި އެ އުންމީދުތަކާއި އެ އިހުސާސްތަކަކީ އަދި މާ ފަހުގެ ކަންތަކެވެ. އިންސާނާއަކީ ވަރަށް ބަލިކަށި އެއްޗެކެވެ. ޚާއްސަކޮށް އިންސާނާގެ ހިތަކީ ސިކުނޑިއަށްވުރެވެސް ބަލިކަށި އެއްޗެއްކަން ހިތާމައެއް ކުރިމަތިވާ ދުވަހު އެނގިގެންދެއެވެ.

ބާރުބާރަށް ރޯން ކަމްލާ ބޭނުންވެއެވެ. ނަމަވެސް ކޮޓަރިން ބޭރަށް ނުކުތް ފިރިމީހާ ވީ ކިހާ ހިސާބެއްގައިކަން ނޭންގޭތީ ކަމްލާ އެނދުގެ އަނެއްފަރާތަށް އެނބުރި ހިތް ފުރެންދެން، އަނގަމަތީގައި ބާލިސް އަޅައިގެން އޮވެ ރުޔެވެ. ހުއްޓާނުލާ ގިސްލަ ގިސްލާފައި ރުޔެވެ. ހިތް ފުރޭވަރަށް ރުޔެވެ. ނަމަވެސް ހިތަށް ވާ ތަދެއްގެ ބޮޑުކަމުން އަނެއްކާވެސް ކަރުނަތައް ހިފެހެއްޓުމެއްނެތި ކޯތާފަތުން ފުރޭނިގެން ބާލީހަށް އޮހެމުންދިޔައެވެ.

ކަމްލާއަށް އެރޭ ނިދުނީ ކިހާއިރަކުކަމެއް ނޭންގެއެވެ. ހެނދުނު ކަމްލާއަށް ހޭލެވުނީވެސް ފިރިމީހާ ގޮވުމުންނެވެ.

ފަސް އަހަރުވެއްޖެ އެވެ.

ޒާޖިލްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ކުޑަމިނުން މެސެޖެއްވެސްކޮށްނުލައެވެ. ކަމްލާގާތު ނުގުޅުމަށް ބުނެފައިވުމާއި އެކު ކަމްލާ އޭނާއަކަށް ނުގުޅައެވެ.

ކޮންމެ ދުވަހެއް ވޭނީ ހިތާމައެއްގައި ކަމްލާ ހޭދަކުރަމުންދިޔައިރު އުމުރުގެ ބޮޑުބައިވެސް ކަމްލާއަށް އަލްވަދާޢު ކިޔައިފިއެވެ.

ފޯނަށް މެސެޖެއް އައެވެ. ކަމްލާ އިނީ އޮފީހުގެ ވަރަށް މުހިންމު މީޓިންގ އެއްގައެވެ. ނަމަވެސް އެއީ އޭނާ އެ ދިގު އިންތިޒާރުގެ ނިމުން ގެނުވި މެސެޖަށްވާތީ ވަގުތުން އެތަނުން ނުކުމެ އެނަންބަރަށް ގުޅާލިއެވެ.

''ހާދަ ދުވަހެއް ކޮށްފަ..'''ކަމްލާގެ ހިތުގެ ތެޅުމުގެ އަޑުންވެސް ފާހަގަވިއެވެ.

''އާނ...ކިހިނެއް..ކަމް..''އޭނާގެ އަޑެވެ. އެއްވެސް ޚާއްސަކަމެއް ނެތެވެ.

''އަހަރެން ރަގަޅު....ވަރަށް ރަގަޅު...''ވިސްނުންތެރިކަމާއި އެކު ކަމްލާ އަވަސް އަވަހަށް ޖަވާބުދިނެވެ.

''ކޮބާ އަންހެނުން..ކިހިނެއް ދެމީހުން؟... '' ކަމްލާ ހަމަ އެނޭވާގައި އަހާލިއެވެ.

''އޭނަ ވަރިކޮށްފިން މަ....''ވަގުތުން ޖަވާބުއައެވެ.

''ކި..ކީކޭ...''ކަމްލާއަށް ލިބިގެންދިޔައި ކުއްލި ހައިރާންކަމެކެވެ. އޮފީހުގެ ހޯލްތެރެއަށް އެވަގުތު ވަގުވަގަށް ކަމްލާ ނަޒަރު ހިންގާލިއެވެ.

''ވަރިކުރީއޭ..އެ ކީއްވެ؟..''ކަމްލާ ހިނގައިގަތީ މީޓިންގ ރޫމާއި ދިމާލަށެވެ.

''އެވާހަކަ ނާހާ....އެއަށްވުރެ މާ ގޮތްކުޑަމީހެއް އެއީ...''ޒާޖިލްގެ ވާހަކައިގައި އެއްވެސް މާނައެއް ނެތްކަހަލައެވެ.

ކަމްލާގެ ހިނގުން އަނެއްކޮޅަށް އަނބުރާލިއެވެ. އަދި ބޮލުގައި ހިފަހައްޓައިގެން ހުރެ ދެކޮޅަށް ބަލާލިއެވެ.

''އޯ....އޯކޭ....''އެތައް ބައިވަރު ސުވާކުތަކެއް ފުނިޖެހެމުންދިޔަ އެސިކުނޑިއަށް ލުއިކަމެއް ދިނުމަށް ކަމްލާ ވާހަކަ އޮބަހައްޓަން މަސައްކަތްކުރިއެވެ.

''ކަމް ކިހިނެއް.....''އޭނަ ސުވާލުކުރިއެވެ.

''އަހަރެން.....އަހަރެން ...ހަމަ ރަގަޅު....''މިފަހަރު ކަމްލާގެ ޖަވާބުގައި ކޫރުން އެޅިފައިވާ ފަދައެވެ.

''ކޮން އިރަކު ޑިވޯސްކުރީ....'' ކަމްލާ ކުރަން ހިތައް އެރި ސުވާލުގެ ބަދަލުގައި އެހެން ސުވާލެއް ކޮށްލިއެވެ.

''ދެތިން ހަފްތާ ވާނީ މިހާރު......''އޭނާ ބުނެލިއެވެ.

''އެކަމަކު....''ކަމްލާ އެވާހަކަ ފަށާނީ ކިހިނެއްކަން ނޭންގިފައި ހުއްޓުން އަރާފައި ހޯލްތެރޭގައި ހުރީއެވެ.

''މަ ގުޅާނަން ފަހުން'' އަނެއްކާވެސް އެއްކަލަ ކޫސަނި ޖުމްލައެވެ.

'ހަނ....''ކަމްލާ ތުން ދަމާލިއެވެ.

''އޯކެ..ގުޅާނަމޭ......''ފޯނު އެވަގުތު ކަނޑާލީއެވެ.

މިއީ ހަމަ އާދައެވެ. އޭނާ ދައްކާނެ ވާހަކައެއް ދެއްކުމަށްފަހު، ފޯނު ކަނޑާލަންވީއެވެ. މިދެން ކޮން ގޮތެއް ހެއްޔެވެ. ނަމަވެސް އެވަރުވެސް ކަމްލާއަށް ފުދެއެވެ. މަޑުމޮޅިވެފައިވާ އެ ހިތް އުފަލުން ނަށައިގަތެވެ. އެއީ އޭނާ ޑިވޯސްވި ވާހަކަ އަޑު އަހާފަ ކަމެއް ނުވަތަ އޭނާ ގުޅުމުންކަމެއް މިފަހަރު ކަމްލާއަކަށްވެސް ނޭންގުނެވެ. ބާރުބާރަށް ހިނގައިގަތީ ކެބިންއާއި ދިމާލަށެވެ. އަނެއްކާ ހަމަ އެ ބާރުމިނުގައި އަނބުރާލާފައި މީޓިންގ ރޫމާއި ދިމަލަށް ދުވެފައިދާ ކަހަލަ ގޮތަކަށް ކަމްލާ ހިނގައިގަތެވެ.

ދިރުއުޅުމެއް ފެށުނީތީ އެ ހަޔާތް ބާއްޖަވެރިކުރުމަށް ކަމްލާ މަސައްކަތްކުރިއެވެ. ނަމަވެސް ކުލަޖެހި ނިމިފައިވާ އޭނާގެ ދިރިއުޅުމުގެ ތަސްވީރުގައި އިތުރު ކުލައެއް ޖައްސާކަށް ފުރުސަތެއް ނެތެވެ.

ކަމްލާ މިނިވަންވީއެވެ. ގުޅާނެ ވަކި ނަންބަރެއް ނެތެވެ. ނަމަވެސް ހާހަކުން ދުވަހަކު ނަމަވެސް ގުޅާފައިވާ ނަންބަރުތަކަށް ކަމްލާ ގުޅަން ފެށިއެވެ.

އެއްވެސް ޖަވާބެއް ނުލިބުނެވެ. ފޯނު ނިއްވާލާފައިވާކަމަށް ބުނަނީއެވެ.

ކަމްލާ ނިންމީ އެގެއަށްދާށެވެ. ލައްކަ ދުވަހު މިގޮތަށް އުޅެވިއްޖެއެވެ. އެކަމަކު މިހެން ދެން ނޫޅެވޭނެއެވެ. ޒާޖިލްއަކީވެސް މިހާރު ހުހަށް ހުރި މީހެކެވެ. ކަމްލާގެ މިލްކެކެވެ. އެހެންވީއިރު ކަމްލާ އޭނާއާއި ބައްދަލުކުރުން އެއީ ގޯހެއް ނޫނެވެ.

''އޭނާ ވީ ކައިރި ރިސޯޓެއްގައި..ވަޒީފާގަ..ނުގެންގުޅޭ ފޯނެއްވެސް....''އޭނާގެ މަންމަ ހިނިތުންވުމާއިއެކު ކަމްލާއާއި ވާހަކަދައްކަމުންދިޔައެވެ.

އެއީ ކަމްލާދެކެ ލޯބިވާ އާއިލާއެކެވެ. އެއަށްވުރެ ބޮޑަށް ކަމްލާ އެ އާއިލާދެކެ ލޯބިވެއެވެ.

''އެހެންތަ...''ކެތްތެރިކަން ކޮޅުންލާފައިވާ ކަމްލާއަށް ހިނިތުންވެގެން އިންނަންޖެހުނީ މަޖްބޫރުވެގެންނެވެ. އެމާޔޫސް ވެފައިވާ ހިތަށް ފިނިކަމެއް ލިއްބައިދިނުމަށްޓަކައި ޒާޖިލްގެ މަންމައާއި އެތަކެއް ވާހަކަތަކެއް ކަމްލާދެއްކިއެވެ.

ގެއަށް އެނބުރި އާދެވުމާއިއެކު އެގެއަށް އިތުރަށް ދާ ޚިޔާލެއް ކަމްލާ ނުކުރިއެވެ. ޒާޖިލް ގުޅާނެ ދުވަހެއްގެ އިނތިޒާރުގައި ހުރީއެވެ. ފާއިތުވެގެންދިޔަ އަހަރުތަކަކީވެސް އެފަދަ އިންތިޒާރުތަކެއް ކުރި އަހަރުތަކެކެވެ. ނަމަވެސް ދެން ކުރާނީ ފޮނި އިންތިޒާރެކެވެ. އެއީ އެދެމީހުންގެ މެދަށް އިތުރު ހުރަހެއް ނެތީމައެވެ.

އެއީ ޒާޖިލް ހަރުދަނާ މީހަކަށް ވީމައެވެ. ކަމްލާ ބޭނުންވި ފަދަ މީހަކަށް އޭނާ އެވަނީ ވެފައެވެ.

މިއަދު ކަމްލާ އެކަމާ އުފާކުރެއެވެ. އެކަނި އިނދެގެންވެސް އެކަމާއި ޝުކުރުކުރެއެވެ.ﷲ އަށް ހަމްދު ކުރިއެވެ.

ޑިސެމްބަރުމަސް ތެރޭ އަނެއްކާވެސް އައީ ކޯލެކެވެ. ނުދަންނަ ނަންބަރަކުންނެވެ.

''ކިހިނެއް ކަމް'' ބަރު އެއަޑު ޖެހުމާއި އެކު ހިތް އެކީ ބަންޑުންވެގެން ދިޔަފަދަ އިހުސާސެއް ކަމްލާއަށް ކުރެވުނެވެ.

''މިލްނާ..ޕްރެގް''އެއީ އޭނާގެ އަޑުހެއްޔެވެ.

އެއީ އޭނާގެ ކޯލެއް ހެއްޔެވެ. ނޫނީ މިއީ ހުވަފެނެއް ހެއްޔެވެ.

''ކިކޭ....ޕްރެގްއޭ...''އޮފީހުގައި ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ކަމްލާ އޮފީހުން ބޭރަށް ނުކުތެވެ.

-ނުނިމޭ-