މިއަހަރުގެ ފިތުރު އީދު ނަމާދު ގޭގައި ތިބެގެން ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ރާއްޖޭގެ މިވަގުތުގެ ހާލަތު އޮތް ގޮތުގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުހެދުމަށާއި، ގޭގައި އިދު ނަމާދު ކުރުމަށް ނިންމާފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާއެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާ ކަމަށް ސައްހަ ރިވާޔަތްތަކުން ފާރިދުވެ އައިސްފައިވާ ކަމަށެވެ.

އެފަދަ ހާލަތުގައި ގޭގައި އީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައި ވެސް އީދުނަމާދު ކުރާ ފަދައިން ކަމަށާއި ނަމަވެސް އީދު ނަމާދުގެ ހުތުބާއަކީ ހާކިމުގެ އަމުރަށް ބޮޑު ޖަމާއަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުގައި ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެ ކަމަށެވެ.

އީދު ނަމާދުކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާ ނުލައި ކަމަށާއި ގޭގައި އީދުނަމާދު އެކަނި ވެސް ކުރެވޭނެ ކުރެވޭނެ ކަމަށާއި ނަމަވެސް ގޭގެ އަހުލުންނާ އެކު ޖަމާއަތުގައި ކުރުން އައުލާކަން ބޮޑުވެގެންވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހެދުނު ނަމަވެސް ގޭގައި އީދު ނަމާދު ކުރުމަށާއި ގިނަގިނައިން ތަކުބީރުކިޔައި ދުއާކޮށް، ޝަރުއީ ހަމަތަކުގެމަތިން ރައްކާތެރިކަމާ އެކު، ގޭގައި އަހުލުންނާ އެކު އީދު އުފާ ފާޅުކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ކޮވިޑް19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއި އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި އެޗްޕީއޭގެ އެދުމުގެ މަތިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމަދު ކުރުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެހެންނަމަވެސް މިސްކިތުގައި އިމާމު ބަންގި ގޮވުމަށްފަހު ގޭގައި ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންނީ ތަކުރާރުކޮށް އަންގަމުންނެވެ.