ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވުސް (އެޗްއާރްސީއެމް) ގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްދާއަށް މި މަައްސަލަ އެޖެންޑާ ކޮށްފައި ވަނީ، މަޖިލީހުގެ ގަވައިދުގެ 210ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާންކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންފޮނުވާފައިވާ ގޮތަަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު މިހާރު ބުނާގޮތުން މިނިވަން މުއައްސަސާތަކުން މެމްބަރުންނާއި، އަދި އެފަދަ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، މަޤާމުތަކުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ރިޔާސަތުން އިޢުލާންކުރަން ޖެހިވަޑައިގަންނަވައެވެ. އަދި އެ މައްސަލައެއްް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަކަށް ފޮނުވަންްޖެހެއެވެ.

އެހެންކަމުން އެމައްސަލަ ދިރާސާކުރުމަށް މިވަނީ ހަމަ އެ ކޮމެޓީއަށް ފޮނުވާފައެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މިނިވަން މުސްތަގިއްލު މުއައްސަސާތަކާއި އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކުރުމަށް މަޖިލީހުގެ ކަމާއިގުޅޭ ކޮމިޓީން ނިންމައިފި ނަމަ، ވޯޓު ނަގާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތު ވޯޓު ލިބިއްޖެނަމަ މަޤާމުން ވަކިވާނެ އެވެ.

އެޗްއާރްސީއެމްގެ މެންބަރުނ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ފޮނުވި ރިޕޯޓް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވާއިރު، އެ ކޮމިޓީން ނިންމާފައި ވަނީ، ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމްއިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ނިންމައެވެ.

އެގޮތުންް ހުސްްވި ހަފްތާގައި މަޖިލީހުގެ އެޗްއާރްްސީއެމް ކޮމިޓީއިން ނެރުނު ރިޕޯޓުގައި ވަނީ، ކޮވިޑް19 ގެ ހާލަތުގައި އެޗްއާރްސީއެމްގެ ދައުރު އެންމެ ރަނގަޅަށް އަދާކުރަމުން ނުދާކަން ފާހަގަކޮށްފައެވެ. އަދި މަޖިލީހުން މަޢުލޫމާތު ސާފުކުރުމަށް ސިޓީ ފޮނުވުމުގެކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ހާލަތު ބެލުމަށް އެޗްއާރުސީއެމުން ކުރިއާލައި އެއްވެސް ޒިޔާރަތެއް ކޮށްފައިނުވާކަމާއި، އިޤްތިސޯދީ ލޮޅުންތަކާއި ގިނަ ބައެއްގެ ވަޒީފާގެ ހައްޤު ކުއްލިއަކަށް ގެއްލި އާމްދަނީ ލިބުމުން މަހުރޫމުވެގެން ދިޔައިރުވެސް، އެކަމުގައި އެކޮމިޝަނުން ބަހެއްވެސް އަދި އެކަމަށް އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށްފައި ނުވާކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރަށް މިވަގުތު ޖަލުގެ އާއްމު ޚިދުމަތްތައް ބަންދުވެފައިވާއިރު، އެޗްއާރުސީއެމަށް އެފަދަ މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުތައް ބަދަލުގެނައި ނަމަވެސް، ޖަލުގައި ތިބޭ މީހުން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ހަމަޖައްސާފައިނުވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ކޮމިޝަންގެ މެންބަރުން ވަކިކުރަން ކޮމެޓީން ނިންމާފައިވާއިރު، މިމަހުގެ 11 ގައި އެ ކޮމިޝަނުން ވަނީ، ކޮވިޑް-19 ޕެންޑަމިކްއާއި ގުޅިގެން ހިއުމަން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ މަސައްކަތްތައް ހާމަކޮށް މީޑިއާއަށް ރިޕޯޓެއް އާއްމުކޮށްފައެވެ.

ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން އެކަށީގެންވާ ގޮތުގައި ނުކުރާކަމަށް މަޖިލީހުގެ ކަމާއިގުޅޭ ކޮމެޓީން ނިންމާފައި ވާއިރު، އެޗްއާރްސީއެމްގެ މަސައްކަތްތަކާއިމެދު އާއްމުންވެސް ވަނީ މީގެ ކުރިން ގިނަ ސުވާލުތަކެއް އުފައްދާފައެވެ.

އެ ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، ކޮމިޝަންގައި ތިއްބެވި ފަސް މެންބަރުންނަކީ، އެ ކޮމިޝަންގެ ރއީސާ އައިމިނަތު އީނާސް، ނައިބު ރައީސް މުޙައްމަދު ޒާހިދުގެ އިތުރަށް، މެންބަރު އައިޝަތު އަފްރީން މުޙައްމަދާއި، މެންބަރު މޫސާ އަލީ ކަލޭފާންގެ އިތުރަށް، ނައިވީން ޢަބްދުﷲ އެވެ.

މި ބޭފުޅުން ކޮމިޝަންގެ މެންބަރުން ކަމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.