ކްލައިމެޓް އިމަޖެންސީ އަކީ ޖޯކަކަށް ނުހަދައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބޭ ގެއްލުންތައް ފޫބައްދަން އިސްކަމެއްދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ، ކްލައިމެޓް އެމަޖެންސީ އަކީ ޖޯކެއް ކަމުގައި ނުދެކި، މޫސުމަށް އަންނަ ނުރަނގަޅު ބަދަލުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި ރައްޔިތުންގެ ގެދޮރާ މުދާ ހިމާޔަތް ކުރުމުގެ މަސައްކަތަށް އިސްކަމެއް ދީގެން ކުރުމަށެވެ. އަދި ވަކިން ޚާއްސަކޮށް މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ރަށްރަށާއި ގެދޮރާއި މީހުންގެ މުދަލަށް ލިބެމުންދާ ގެއްލުން، އަދި ހާއްސަކޮށް މެންބަރު ނިހާދު ތަމްސީލު ކުރައްވާ އައްޑޫ ސިޓީ ފޭދޫ ރައްޔިތުންގެ މުދަލާ ގެދޮރަށް ލިބެމުންދާ ގެއްލުން ވަނީ ފާހަގަކުރައްވާފައެވެ.

މެންބަރު ނިހާދު

މެންބަރު ނިހާދު ވިދާޅުވީ އެ ކުއްލި މައްސަލަ ހުށަހަޅަމުންދާއިރުވެސް، ވާރޭވެހި ފެންބޮޑުގެ ގެއްލުންތަކެއް ލިބެމުންދިއަ ކަމަށެވެ.

އެހެންކަމުން އެ ގެއްލުންތައް ކުޑަކުރުމަށް މިހާރުުން މިހާރަށް ފިޔަވަޅު އެޅުމަށާއި އަދި ގެއްލުން ފޫބެއްދުމަށް މާލީ ގޮތުން އެހީވުން އަވަސްކުރުމަށް ގޮވާލައްވާކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ބުނެފައިވެއެވެ.

މެންބަރު ނިހާދު ހުށަހެޅުއްވި މި ކުއްލި މައްސަލަ ޖަލްސާއަށް ހާޒިރުވެއް ތިއްބެވި، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލައިގައި ބަހުސްކުރައްވަމުން ނިހާދު ވަނީ، ފޭދޫ މަގުއްދޫ ސަރަހައްދުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

އެގޮތުން މި ވިއްސާރައިގައިވެސް ފޭދޫގެ 544 ގެއަކަށް ފެންވަރު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މަޖިލީހުން އިއުލާންކުރި ކްލައިމެޓް އިމަޖެންސީ އަކީ ޖޯކަކަށް ނުހަދައި، އެ އިމަޖެންސީ އާއި ގުޅިގެން ކުރަންޖެހޭ ކަންކަން މިހާރުން މިހާރަށް ފަށަންވެއްޖެ ކަމަށެވެ. އަދި ކޮންމެ ދާއިރާއަކުންވެސް އެ ދާއިރާއެއްގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލައި ވިއްސާރައިގެ ކުރިން ތައްޔާރުވާނެ އުސޫލެއް ގާއިމްކޮށް ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ވިސްނަންޖެހޭ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި، އައްޑޫ ސިޓީ އާއި އެ ސިޓީގެ ފޭދޫގެ އިތުރަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ގަދަވަޔާއެކު ބައެއް ރަށްރަށުގެ މީހުންގެ މުދަލަށާއި ގޮދޮރަށް ދަނީ ގެއްލުން ލިބެމުން ނެވެ. އަދި ރަށްރަށުގައި ހެދިފައި ހުރި ބޮޑެތި ބިޔަ ގަސްތަކަށްވެސް ދަނީ ގެއްލުން ލިބެމުންނެވެ.