ފޭސްމާސްކް ނާޅައި މަގުމަތީގައި އުޅޭ ހުރިހާ އެންމެން ޖަލަށްލާން ކުވައިތާއި ގަތަރުން ނިންމައިފިއެވެ.

ކުވައިތު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ފޭސްމާސްކް ނަޅައި މަގުމަތީގައި އުޅެނިކޮށް ފެންނަ އެންމެން ތިންމަސް ދުވަހުގެ މުއްދަތަށް ޖަލަށް ލެވޭނޭ ކަމަށެވެ.

ގަތަރުގެ ގައުމީ ޓީވީން ބުނެފައިވަނީ، އެގައުމުގައި ފޭސްމާސްކް ނާޅައި މަގުމަތީގައި އުޅޭ މީހުން މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނޭ ކަމަށެވެ.

ޖަލަށް ލުމުގެ އިތުރުން އެފަދަ ފަރާތްތައް ޖޫރިމަނާކުރުމަށްވެސް ކުވައިތާއި ގަތަރުން ނިންމާފައި ވެއެވެ.

ކުވައިތުން ބުނެފައިވަނީ، ފޭސްމާސްކް ނާޅައި މަގުގައިއުޅޭ ކޮންމެ މީހަކު 5،000 ދީނާރު (16،200 އެމެރިކާ ޑޮލަރުން) ޖޫރިމަނާ ކުރެވޭނޭ ކަމަށެވެ. ގަތަރުން ނިންމާފައިވަނީ 200،000 ރިޔާލު (55،000 އެމެރިކާ ޑޮލަރުން) ޖޫރިމަނާ ކުރުމަށެވެ.

ކުވައިތާއި ގަތަރަކީވެސް ގަލްފްގައި ހިމެނޭ އަރަބި ދެގައުމެވެ.

ގަލްފް ސަރަހައްދުގެ ގައުމުން މިހާތަނަށް 137،400 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައި ވާއިރު، 693 މީހުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ގަލްފް ސަރަހައްދުގެ ގައުމުތަކުގައި ބަލި އެންމެ ފުރަތަމަ ފެތުރޭންފެށީ ބޭރުން އަންނަ މީހުންގެ ކިބައިން ނަމަވެސް، ފަހުން ބަލި ފެތުރޭންފެށީ އެ ގައުމުތަކުގައި އުޅޭ ބޭރުގެ އާދައިގެ މަސައްކަތްތެރިން ދިރިއުޅޭ ތޮއްޖެހިފައިވާ ތަންތަނުގައެވެ.

ގަލްފުން އެންމެ ގިނަމީހުންނަށް ބަލި ޖެހިފައިވަނީ އާބާދީގައި 30 މިލިއަން މީހުން ހިމެނޭ ސައުދީ އަރަބިއްޔާގައެވެ. އެގައުމުން 54،700 މީހުންނަށް ބަލި ޖެހިފައި ވާއިރު، ބަލީގައި 312 މީހުން މަރުވެފައި ވެއެވެ.

ގަލްފުން ދެވަނައަށް އެންމެ ގިނަމީހުންނަށް ބަލިޖެހިފައިވަނީ 2.8 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ގަތަރުންނެވެ. އެގައުމުން 32،600 މީހުންނަށް ބަލި ޖެހިފައިވާއިރު، ބަލީގައި 15 މީހުން މަރުވެފައި ވެއެވެ.

ސައުދީ އަރަބިއްޔާ ފިޔަވައި، ގަލްފްގައި ހިމެނޭ އަރަބި 6 ގައުމުގެތެރެއިން ކޮވިޑް-19 ބަލީގައި ދެވަނައަށް އެންމެ ގިނަމީހުން މަރުވެފައިވަނީ ޔޫއޭއީންނެވެ. އެގައުމުން 220 މީހުން މަރުވެފައި ވެއެވެ. ބަލިޖެހިފައިވަނީ 23،350 މީހުންނަށެވެ.