ވެކްސިނަކާއި ނުލައި، ކޮވިޑް-19 ބަލިން ހުޓުމަކަށް ގެނެވޭނެ ބޭހެއް ތަރައްގީ ކުރަމުންދާ ކަމަށް ޗައިނާގެ ސައިންސްވެރިން ބުނެފިއެވެ.

ކޮވިޑް-19 ހުއްޓުވުމަށް ބޭނުންކުރާ ބޭސް ތަރައްގީ ކުރަމުންދަނީ ޗައިނާގެ އެންމެ ފަޚުރުވެރި ޕީކިންގ ޔުނިވަރސިޓީގައެވެ.

ޕީކިންގ ޔުނިވަރސިޓިގެ ސައިންސްވެރިންވަނީ އެމީހުން ތަރައްގީކުރަމުންދާ ބޭސް ޓެސްޓްކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

އެގޮތުން، މިހާތަނަށް ކުރި ޓެސްޓްތަކުން، ބަލިޖެހިފައިވާ މީހުން ބަލިން ފަސޭހަވާލެއް އަވަސްވެފައި، ވަކި މުއްދަތެއް ވަންދެން ދެވަނަ ފަހަރަށް ބަލިޖެހުމުން ދިފާއުވާނެކަން ހާމަވެފައިވާ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ނުރައްކާތެރި ކޮވިޑް-19 ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިންނެވެ. އޭގެފަހުން މިއަދާއި ހަމައަށް ދުނިޔޭގެ ހުރިހާ ބިތަކަށް މިބަލި ވަނީ ފެތުރިގެން ގޮސްފައެވެ.

މިއާއެކު، ބޭހެއް އަދި ވެކްސިނެއް ހޯދުމަށް ބައިނަލްއަގްވާނީ ރޭހެއް ފެށިގެންދިޔައެވެ.

ދުނިޔޭގެ ފުންނާބުއުސް ސައިންސްވެރިންނާއި، ބޭސް އުފައްދާ ކުންފުނިތަކުން ގެންދަނީ ތަފާތު ތަހުލީލުތައް ކުރަމުންނެވެ. ބައެއް ފަރާތްތަކުން އިންސާނުން ބޭނުންކޮށްގެން ވެކްސިނާއި، ބޭސް ޓެސްޓްކުރަންވެސް ފަށާފައި ވެއެވެ.

ޕީކިންގ ޔުނިވަރސިޓީގެ ބެއިޖިންގ އެޑްވާންސްޑް އިނޮވޭޝަން ސެންޓަރ ފޮރ ޖެނޯމިކްސްގެ ޑިރެކްޓަރ ސަނީ ޝީ ވިދާޅުވީ، އެމީހުން އުފެއްދި ބޭސް ޖަނަވާރުން ބޭނުންކޮށްގެން ޓެސްޓްކުރުމުން ކާމިޔާބުވެފައިވާ ކަމަށެވެ. އެގޮތުން، ވައިރަސް ހުރި ހިކަންޖަކަށް ބޭސް ދިނުމުން އޭގެ ފަސްދުވަސް ފަހުން ޓެސްޓްކުރިއިރު ހިކަނދީގެ ގައިގައި ވައިރަސް ހުރި މިންވަރު ވަރަށް ކުޑަވެފައިވާ ކަމަށް ސަނީ ޝީ ވިދާޅުވިއެވެ.

މިނަތީޖާއިން، އެމީހުން ތަރައްގީ ކުރަމުންދާ ބޭހުގެ ސަބަބުން ކޮވިޑް-19 ބަލިން އިންސާނުން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީކިންގ ޔުނިވަރސިޓީން ތަރައްގީކުރަމުންދާ ބޭހުގައި ނިއުޓްރަލައިޒިންގ އެންޓިބޮޑީޒް ބޭނުންކުރެއެވެ. އެންޓިބޮޑީޒްއަކީ ތަފާތު ވައިރަސްތަކުގެ ސަބަބުން ސެލްތައް ރައްކާތެރިކޮށްދިނުމަށް އިންސާނާގެ ދިފާއީ ނިޒާމުން އުފައްދާ އެއްޗެކެވެ.

ޗައިނާގެ ސައިންވެސްވެރިން ބޭނުންކުރަމުންދާ އެންޓިބޮޑީޒްއަކީ ކޮވިޑް-19 ބަލިން ފަސޭހަވެފައިވާ 60 މީހެއްގެ ހަށިގަނޑުން ނަގާފައިވާ އެންޓިބޮޑީޒްއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ނިއުޓްރްލައިޒް އެންޓިބޮޑީޒްއަކީ ބަލި ފެތުރުން ހުއްޓުވައިދޭ ސްޕެޝަލައިޒްޑް ބޭހަކަށް ވެގެންދާނެކަމަށް"
ސަނީ ޝީ

ޝޫ ވިދާޅުވީ، މި ބޭހުގެ ކްލިނިކަލް ޓްރަޔަލްސްއަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. ޗައިނާގެ އިތުރުން، އެހެން ގައުމުތަކުގައިވެސް ޓްރަޔަލްސް ކުރިއަށް ގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީކިންގ ޔުނިވަރސިޓީން ތަރައްގީ ކުރަމުންދާ ބޭސް މިއަހަރުގެ ފަހުކޮޅު އާންމުކޮށް ނެރެވޭނޭ ކަމަށް، މިކަމުގައި އުޅޭ ސައިންސްވެރިން އުންމީދު ކުރެއެވެ.

ޗައިނާގައި މިހާރުވެސް ދަނީ، ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާނެ 5 ވެކްސިނެއް ތަރައްގީކޮށްފައެވެ. މި ވެކްސިންތައް މިހާރ ހުރީ އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރުމުގެ މަރްހަލާގައެވެ.

ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އިންޒާރު ކުރަމުންދަނީ، ވެކްސިނެއް އުފެއްދުމަށް މަދުވެގެން 12 މަސް ދުވަހާއި 18 މަސްދުވަހުގެ މުއްދަތެއް ނަގާނޭ ކަމަށެވެ. އަވަސް އަރުވާލައިގެން އެކަންކުރުމުގައި ނުރައްކާ އެކުލެވިގެންވާ ކަމަށް ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ.