އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެން ހައިރާންކޮށްލައްވައިފިއެވެ.

ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ، މެލޭރިޔާ ބައްޔާ ދެކޮޅަށް ބޭނުންކުރާ "ހައިޑްރޮކްސިކްލޮރޮކުއިން" ބޭސްގުޅައެއް ކޮންމެ ދުވަހަކު ބޭނުންކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ޓްރަމްޕް މިކަން ހާމަ މިކުރެއްވީ، "ހައިޑްރޮކްސިކްލޮރޮކުއިން" އަކީ ކޮވިޑް-19 ބަލިން ދިފާއުކޮށްދޭ އެންމެ ރަނގަޅު ބޭހެއް ނޫންކަމަށް ޚުދު ޓްރަމްޕްގެ ސަރުކާރުގެ ސިއްހީ ތަޖުރިބާކާރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށެވެ.

ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށާއި އަދި ބަލީގެ އެއްވެސް އަލާމާތެއްވެސް ނުފެންނަކަން ހާމަކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ މެލޭރިއާއާ ދެކޮޅަށް ބޭނުންކުރާ ބޭސް ބޭނުން ކުރައްވަނީ ރައްކާތެރި ފިޔަވަޅެއްގެގޮތުން ކަށެވެ. އަދި އެކަން ކުރައްވާތާ ހަފްތާއަކަށް ވުރެންވެސް ގިނަދުވަސް ވެފައިވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ކޮންމެ ދުވަހަކު ބޭސްގުޅައެއްކަން. ސަބަބަކީ، އަޅުގަނޑަށް ވިސްނޭގޮތުގައި އެއީ ރަނގަޅު ބޭހެއް. އެއީ (ކޮވިޑް-19 އަށް) ރަނގަޅު ބޭހެއްކަމުގެ އެތައް ވާހަކަތަކެއް އަޑުއަހައިފިން"
ޓްރަމްޕް

ޓްރަމްޕްވަނީ، އެމެރިކާގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އެ ބޭސް ބޭނުންކުރާކަން ހާމަކުރައްވާފައެވެ.

"ހައިޑްރޮކްސިކްލޮރޮކުއިން" އަކީ ކޮވިޑް-19 ބަލިން ރަނގަޅުކޮށްދޭ ބޭހެއް ނޫންކަމަށް ބައެއް ޑޮކްޓަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއިރުވެސް، ޓްރަމްޕްވަނީ މި ބޭސް އެމެރިކާގައި ޕްރޮމޯޓް ކުރެއްވުމަށް އެތައް ހަފްތާއެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެއާ ގުޅޭގޮތުން އެތައް ވާހަކަފުޅެއް ދައްކަވާފައެވެ.

އެމެރިކާ ސަރުކާރުގެ ސިއްހީ ކަންކަމާބެހޭ އެންމެ މަތީ އިދާރާއިންވެސް ބުނަމުން ގެންދަނީ "ހައިޑްރޮކްސިކްލޮރޮކުއިން" އަކީ ކޮވިޑް-19 ބަލި މީހުންނަށް ދިނުމަށް އެންމެ ރައްކާތެރި ބޭހެއް ނޫންކަމަށެވެ.

ބަލި ޖެހިވަޑައި ނުގެން ހުންނަވައިވެސް ރައީސް ޓްރަމްޕް މެލޭރިއާ ބޭސް ބޭނުންކުރައްވާ މައްސަލާގައި، އެމެރިކާގެ ހައުސް އޮފް ރެޕްސްގެ ސްޕީކަރ ނޭންސީ ޕެލޯސީ ވިދާޅުވީ، ވައިރަހުން ރައްކާތެރިވުމަށް ކަމަށް ވިދާޅުވެ ޓްރަމްޕް އެ ބޭސް ބޭނުން ކުރެއްވުމަކީ ރަނގަޅު ޚިޔާލެއް ނޫންކަމަށެވެ.

"ސައިންސްވެރިން އެޕްރޫވްކޮށްފައި ނުވާ އެއްޗެއް ބޭނުންކުރުމަކީ ރަނގަޅު ގޮތެއްނޫން. ޚާއްސަކޮށް އެ އުމުރުގެ އަދި އެވަރުގެ ބަރުދަން ހުންނަމީހުން. އަޅުގަނޑަށް ހީވަނީ އެއީ ރަނގަޅު ޚިޔާލެއް ނޫންހެން"
ނޭންސީ ޕެލޯސީ

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިވެ، ސެނޭޓްގެ މެޖޯރިޓީ ލީޑަރ އަދި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޗަކް ޝުމަރ ވިދާޅުވީ، ޓްރަމްޕް އެ ކުރައްވަނީ ނުރައްކާތެރި ކަމެއް ކަމަށެވެ.

"އޭގެ ސަބަބުން އާންމުންނަށް އެ ދެވެނީ ނުބައި އުންމީދެއް. އޭގެ ސަބަބުން އަސްލު ފަރުވާއާއި މީހުން ދުރުހެލިވާނެ. އޭގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވެސް ވެދާނެ. އޭނާ އެ ކުރައްވަނީ ނުރައްކާތެރިކަމެއް"
ޗަކް ޝުމަރ

ކޮވިޑް-19 އިން ރައްކާތެރިވުމަށް މެލޭރިއާއާ ދެކޮޅަށްދޭ ބޭހުގެ ބޭސް ގުޅައެއް ބައްލަވާކަމަށް ޓްރަމްޕް ހާމަކުރެއްވި ދުވަހަކީ، މިބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު 90،000 އިން މައްޗަށް ދިޔަ ދުވަހެވެ.

މިބަލީގައި މުޅި ދުނިޔެއިން މަރުވިމީހުންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މިހާރު ނިސްބަތްވަނީ އެމެރިކާއަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ، ކޮރޯނާވައިރަސްގެ ނުރައްކާތެރިކަމާ ދެކޮޅަށް އަބަދުވެސް ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. މިދިޔަ ހަފްތާގައިވެސް ޓްރަމްޕް ވިދާޅުވެފައިވަނީ، އެބަލީގެ ނުރައްކާ އެމެރިކާގައި އޮތީ މަދު ބަޔަކަށް ކަމަށެވެ.

އެކަމަކު، އެމެރިކާގައި ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 1.5 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.

މަރުކަޒީ ސަރުކާރުގެ ސިއްހީ ފަރާތްތަކުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް މާސްކް އަޅުއްވަންވެސް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

އެކަމަކު، ވައިޓްހައުސްގެ ގިނަ ސްޓާފުން މިހާރުވެސް އުޅެނީ މާސްކް އަޅައިގެންނެވެ. ބައެއް ސްޓާފުން ޕޮޒިޓިވް ވެފައިވެސް ވެއެވެ.