ރާއްޖެއަކީ ކުދި ޖަޒީރާތަކުގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށް ވާއިރު ގުދުރަތީ ގިނަ ހާދިސާތަކާ ކުރިމަތި ލާފައިވާ ގައުމެކެވެ. ޚާއްސަކޮށް މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ދުވަހުން ދުވަހަށް އާންނަނީ އިތުރުވަމުންނެވެ. ހަމަ އެއާއިއެކު ތަފާތު ބަލިމަޑުކަމާއި އެކި އެކި ހާދިސާތަކާއިވެސް ރާއްޖެ ދަނީ ކުރިމަތިލަމުންނެވެ.

މިއިން ކޮންމެ ފަހަރަކު ފުރާނައަށް ބެލުމެއް ނެތި އެންމެ ކުރީސަފުގައި ތިބެނީ ދިވެހި ސިފައިންނެވެ.

މިކަން ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާނެއެވެ.

ތާރީޚަށް ޖެހިލާއިރު ރާއްޖޭގައި ފަހުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި ކޮންމެ ބޮޑުކަމެއްގައި ދިވެހި ސިފައިން ވަނީ ޢަމަލީ ގޮތުން ވަރަށް ބުރަ މަސައްކަތްތަކެއްކޮށް މަތިވެރި ޤުރުބާނީތަކެއް ވެފައެވެ.

މިގޮތުން ރާއްޖެ ދުށް ބޮޑު ރޯގާގެ ދުވަސްވަރާއި ޝިގެއްލާގެ ދުވަސްވަރު ސިފައިން އިސްކޮށްފައިވަނީ އަމިއްލަ ފުރާނައިގެ ކުރިއަށް ދިވެހި ޤައުމާއި ރައްޔިތުންނެވެ.

ބޮޑު ރޯގާގެ ދުވަސްވަރު ބަލި މީހުންގެ ގޭގެއަށް ބަތްޕެން ކައްކައިގެން ވަނީ ބަހާފައެވެ.

އެކަމުގައި އޭރުގެ ސިފައިންގެ ޮކޮމާންޑަރ މީރުބަހުރު އިސްމާޢީލް ދީދީ ޢަމަލީގޮތުން އުޅުއްވިކަން ތާރީޚު ހެކިދެެެއެވެ.

އެހެން އުޅުއްވަނިކޮށް އެ ރޯގާގެ ޝިކާރައަކަށް ޚުދު އެމަނިކުފާނު ވެސް ވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް ގޭގައި ނޯންނަވާ ރައްޔިތުންގެ ޚިދުމަތުގައި އުޅުއްވިއެވެ.

ޝިގެއްލާ ތެރޭގައި ބަލި މީހުން ބޭތިއްބުމަށް މިހާރު އޭޑީކޭ ހުރި ތަނުގައި އެންމެ ރެއަކުން ވަގުތީ ފެސެލިޓީއެއް ވަނީ ހަދާފައެވެ.

އޭގެ ފަހުން އޭޝިޔާ ދުށް އެންމެ ބިރުވެރި ގުދުރަތީ ކާރިސާ، އާދެ ސުނާމީ ކާރިސާގައި ސިފައިންގެ އާއިލާތަކުގެ މެންބަރުން ގެއްލި، ނިޔާވި އިރުވެސް ޚިދުމަތުގައި އެތައް ސިފައިންނެއް ރެއާއި ދުވާލު އާއިލާއާ ދުރުގައި އުޅުނެވެ.

މިހާރުވެސް މި ފެންނަމުން ދަނީ އެ މަންޒަރެވެ.

ކޮންމެ ހާދިސާއެއް ދިމާވި ކަމުގައި ވިޔަސް އެންމެ ކުރީ ސަފުގައި ތިބީ ސިފައިންނެވެ.

ގެއަކުން ބަލިމީހަކު ނެރެން ޖެހުނަސް އެކަމުގައި އެހީތެރިވަނީ ސިފައިންނެވެ.

އަލިފާނުގެ ހާދިސާއެއް ދިމާވި އަސް އެކަމުގައިވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަނީ ސިފައިންނެވެ.

ވިއްސާރަވުމާއި ގުޅިގެން ދިމާވާ އެއްގަމާއި ކަނޑުމަތީގެ ހާދިސާތަކުގައި ދިމާވާ ކަންކަމަށްވެސް ވަގުތުން ނުކުމެ ވިއްސާރައަކަށް ބެލުމެއްނެތި ރައްޔިތުންނަށްޓަކައި ޚިދުމަތުގައި ތިބީ ސިފައިންނެވެ.

މަފެންބޮޑުވުމުން ފެން ހިންދުމުގައި ހަރަކާތްތެރިވަނީ ސިފައިންނެވެ. ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލާލިޔަސް، މަގުމައްޗަށް ގަސްވެއްޓުނަސް، ކަނޑުމަތީގައި ހާލުގައި ޖެހުނަސް އެންމެ ފުރަތަމަވެސް އެތަނެއްގައި އެހީވާން ތިބެނީ ސިފައިންނެވެ.

mom

މިއަދު މިކަން ވަކިން ޚާއްސަކޮށް ފާހަގަ ކުރަންޖެހެނީ މިހުރިހާކަމަކާއިއެކުވެސް މުޅި ދުނިޔެ އެ ބައްޔަކުން މިންޖު ނުވެވިގެން އުޅޭ ކޮވިޑް-19ގެ ބަލިމަޑުކަމުން މި ކުޑަ ކުޑަ ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ސިފައިން ވަމުންދާ ގުރުބާނީ އަށްޓަކައެވެ.

ބަލިމީހުން ބައިތިއްބާނެ ފެސިލިޓީތައް ހެދުމުގައި ރެއާއި ދުވާލު މަސައްކަތް ކުރިއިރު އެތައް ސިފައިންނެއް މި ބައްޔަށް ޕޮޒިޓިވްވިއެވެ. ނަމަވެސް އަމިއްލަ ސިއްހަތަށް ވިސްނަން ނިންމީ ވެސް ހެލްތު ފެސިލިޓީތައް ގާއިމްކޮށް ނިންމުމަށްފަހު ގައެވެ.

މާލެ ލޮކްްޑައުންއަށް ދިޔުމާއި އެކު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެންވެސް ޒަރޫރީ ތަކެތި ނުލިބި ތިބެން ޖެހުނަނުދީ އެތަކެތި ފޯރުކޮށްދިނުމުގައި އަންހެނެއް ފިރިހެނެއް ނެތް ގޮތަށް ސިފައިން ކުރި ބުރަ މަސައްކަތަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް ހިތުގެ އަޑިން ޝުކުރު ކުރި ކަންތަކެވެ.

އަޅުގަނޑުމެން ސިފައިންނާއި ރިސްކުގަ މަސައްކަތްކުރާ ބައެއް. ބަލިޖެހުނަސް އެކަމަށްވުރެ ގައުމާއި ރައްޔިތުން އިސްކުރާނެ.އަޅުގަނޑުމެންނަކީ ގައުމާއި.ރައްޔިތުން ހިމާޔަތްކުރުމަށް ޓަކައި ހުވާ ކޮށްގެން ތިބިބައެއް. އަޅުގަނޑުމެން ދެކެނީ މިއީ ހަނގުރާމައެއްގެ ގޮތުގައި. މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ.އެންމެ ފަހު މީހާ އާއި ޖެހެންދެންވެސް މިކަމުގައި ކުރިމަތިލާ އިރާދަކުރެއްވިޔާ ރައްޔިތުން މިކަމުން ސަލާމަތް ކުރާނަން
މޭޖަރ ޖެނެރަލް އަބްދުއްﷲ ޝަމާލް

މިއީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްﷲ ޝަމާލް ރައްޔިތުންނަށް ދެއްވި އިތުބާރެވެ.

މިހާރު މި ދުވަސްވަރު ސިފައިން ކުރަމުން އެދާ މަސައްކަތަކީ އެކި އެކި މުއައްސަސާތަކާއި އެކު ކުރާ މިފަދަ އެންމެ ބޮޑު މަސައްކަތްތަކަށްވާއިރު ގައުމު ހިމާޔަތް ކުރުމަކީ ވެސް ސިފައިންގެ ވާޖިބެއްކަން ހަނދާން ނައްތާލާފާއެއް ނުވެއެވެ.

ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި މިފަދަ ބުރަ މަސައްކަތްތަކެއް ކުރަމުން ދާއިރު ގައުމީ ސަލާމަތަށްޓަކާ ކުރަންޖެހޭ ކަންކަމަށްވެސް ވަރަށް ފުރިހަމައަށް ރޭވުންތެރިކަމާއިއެކު ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ.

މިފަދަ ދަނޑިވަޅެއްގެ ނާޖާއިޒު ފައިދާ ނަގައިގެން ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އެ ފުރުސަތު ނުދޭނަން.
މޭޖަރ ޖެނެރަލް އަބްދުއްﷲ ޝަމާލް

މި ނުރައްކާތެރި ބަލިން ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ރެއާއި ދުވާލު އާއިލާއަށް ބެލުމެއްނެތި ސިފައިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝަމާލްވިދާޅުވީ ލޮކްޑައުން އާއި އެކު ސިފައިން އާއިލާތަކާއި ދުރުގައި އެތައް ދުވަސްތަކެއް ހޭދަކުރަމުން ދާއިރު ސިފައިންގެ އާއިލާތަކުން ވެސް ގުުރުބާނިތަކެއް ވަމުންދާކަމަށެވެ. އަދި އެކަމަށްޓަކައި އެ އާއިލާތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ .

ސިފައިންގެ ޝުކުުރު ރައްޔިތުންނާއި ސިފައިންގެ އާއިލާތަކަށް އަރިސްކުރިއިރު ރާއްޖޭގެ ރައްޔިތުންގެ ހިތްތައްވަނީ ދިވެހި ސިފައިންނަށްޓަކާ ލޯތްބާއި ޝުކުރުން ފުރިފައެވެ.

އާއިލާތައް އެކަނި ދޫކޮށް ، އާއިލާއިން އެންމެ ބޭނުންވާ ދަނޑިވަޅުތަކުގައިވެސް އާއިލާއަށް ވުރެ ގައުމު އިސްކޮށް ގައުމީ ޚިދުމަތުގައި ދަނީ ހޭދަކުރަމުންނެވެ.

ސިފައިންގެ އެންމެ ފަހު މީހާއާއި ޖެހެންދެންވެސް މިފަދަ ދަނޑިވަޅެއްގައި ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ވަމުންދާ ގުރުބާނީ އަކީ އާއިލާތަކުން ފަޚުރުވެރިކަމާއެކު ބަލައިގަންނާނެ މަތިވެރި ގުރުބާނީތަކެއް ކަން ކަށަވަރެވެ.