ހައްޖުގެ އަޅުކަން ބޭއްވުމާމެދު އަވަހަށް ގޮތެއް ނިންމުމަށް އިންޑޮނޭޝިޔާއިން ސައުދީ އަރަބިއްޔާއަށް ގޮވާލައިފިއެވެ.

ދުނިޔޭގެ މުސްލިމުންގެ އެންމެ ބައިބޯ ގައުމު، އިންޑޮނޭޝިޔާއިން މިކަމަށް ގޮވާލީ، ހައްޖުގެ މަތިވެރި އަޅުކަން ބޭއްވުމާމެދު ސައުދީ ސަރުކާރުން ރަސްމީގޮތުން އަދިވެސް ގޮތެއް ނިންމާފައި ނުވާތީއެވެ.

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސައުދީ އަރަބިއްޔާއިންވަނީ މައްކާއާއި މަދީނާވެސް ލޮކްޑައުންކޮށްފައެވެ. އަދި ސައުދީ ބޮޑެތި ހުރިހާ ރަށްތަކެއްގައިވެސް ވަނީ ކާފިއު ހިންގާފައެވެ.

ބަރަކާތްތެރި ރަމަޟާންމަހަކީ، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ އެތެރެއިނާއި އަދި ބޭރު ގައުމުތަކުން މުސްލިމުންގޮސް މައްކާއާއި މަދީނާ ފުރާލާފައި އޮންނަ ދުވަސްވަރެއް ނަމަވެސް، ރައްކާތެރި ފިޔަވަޅެއްގެގޮތުން ސައުދީ އަރަބިއްޔާއިން މި ރަމަޟާންމަހު އުމްރާގެ އަޅުކަމަށް އެއްވެސް ބަޔަކަށް ފުރުސަތު ދީފައެއް ނުވެއެވެ. އުމްރާގެ އަޅުކަމަށް މުސްލިމުން ދިއުން ހުއްޓުވާފައިވަނީ މާޗްމަހުން ފެށިގެންނެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރު ދިމާވަނީ ކުރިއަށްއޮތް ޖުލައިމަހުގެ ފަހުކޮޅާއެވެ.

ހައްޖުގެ އަޅުކަމާއިގެން ކުރިއަށްދާނެތޯ ނުވަތަ ނޫންތޯއާމެދު ސައުދީ ސަރުކާރުން އަދިވެސް ރަސްމީގޮތުން ގޮތެއް ނިންމާފައި ނުވާއިރު، އެގައުމުން އިސްލާމީ ގައުމުތަކަށް ގޮވާލާފައިވަނީ ހައްޖަށް ދިއުމުގެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ.

މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މުސްލިމުން މައްކާއަށް ޒިޔާރަތްކޮށް ހައްޖުގެ އަޅުކަން ފުރިހަމަކޮށްފައި ވެއެވެ.

އިންޑޮނޭޝިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރޒްއިން މިއަދުވަނީ، ބަރަކާތްތެރި ރަމަޟާންމަސް ނިމުމުގެކުރިން ހައްޖުގެ އަޅުކަމާމެދު ގޮތެއް ނިންމުމަށް ސައުދީ އަރަބިއްޔާއަށް ގޮވާލާފައެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ، ހައްޖުގެ އަޅުކަމާއިގެން ކުރިއަށްދާނެތޯ ނުވަތަ ނޫންތޯ، ރަސްމީގޮތުން ވީހާވެސް އަވަހަކަށް ގޮތެއް ނިންމާނެކަމަށް"
ރިލިޖަސް އެފެއަރޒް މިނިސްޓްރީގެ ތަރުޖަމާނު އުމާން ފަތުއްރަހްމާން

އިންޑޮނޭޝިޔާއަކީ ދުނިޔޭގެ މުސްލިމުންގެ އެންމެ ބައިބޯ ގައުމަށްވާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިއުމަށް އެގައުމުން 231،000 މުސްލިމުން ރަޖިސްޓަރީ ކޮށްފައިވެއެވެ. މިއީ، ދުނިޔޭގެ ގައުމަކުން ހައްޖަށް ދިއުމަށް ރަޖިސްޓަރީކޮށްފައިވާ އެންމެބޮޑު ގްރޫޕެވެ.

ނަމަވެސް، އިންޑޮނޭޝިޔާއިން ހައްޖަށްދާން އެދިފައިވާ މީހުން މައްކާގައި ތިބުމާއި، އެމީހުންގެ ދަތުރުފަތުރާއި، އެނޫން އިންތިޒާމުތައް ހަމަޖެއްސުމުގެ އެއްވެސް މަސައްކަތެއް އަދި ކޮށްފައި ނުވާނޭކަމަށް މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރޒްއިން ބުނެއެވެ.

ސައުދީ ސަރުކާރުގެ އަލް އަޚުބާރިއްޔާ ޓީވީއަށް މިދިޔަމަހު ދެއްވި އިންޓަރވިއުއެއްގައި ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ މުހަންމަދު ބިން ސާލިހް ބިން ތާހިރު ބެންޠެން ވިދާޅުވީ، ހައްޖުވެރިންނަށް ޚިދުމަތްދޭން ސައުދީ އަރަބިއްޔާއޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

އެހެން ނަމަވެސް، މުޅި ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މިހާލަތުގައި ސައުދީ ސަރުކާރުން އެންމެބޮޑު އިސްކަމެއްދެނީ މުސްލިމުންނާއި، ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ކަމަށް ހައްޖު މިނިސްޓަރ ވިދާޅުވިއެވެ.