ވިޔަފާރިތަކަށާއި އެކި ކަންކަމަށް އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާއި ގުޅޭގޮތުން ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފައި ކަމަށެވެ.

އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ ބީ.އެމް.އެލް އިން ދޫކޮށްފައިވާ ލޯނުތައް ކަމަށާއި .ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައި ކަމަށާއި އަދި ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، ޖުމްލަ 530 ފަރާތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށްވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޚާއްސް ޕެކޭޖެއް ކަނޑައެޅިފައި އެބައޮތް. އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން މިހާރު އަންނަނީ އެލަވަންސް ދޫކުރަމުން."
ރައީސް އިބްރާހީމް މުހައްމަދު ސާލިހު

މިކަމުގައި ވިޔަފާރިތަކަށާއި އެކި ކަންކަމަށް އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކު މިހާރު ވަނީ ބައިވެރިވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ވަގުތެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، މިފަދަ ހާލަތްތަކުގައި ކުރިމަގަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށެވެ.

އެހެންކަމުން އިގްތިސާދު އަލުން ފަށައިގަންނައިރު އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށާއި މިއީ ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ލިބޭ ފުރުސަތެއް ކަމުގައި ދެކި ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ވަގުތަކީ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއް. އާންމު ސިއްހަތަށް ފަރުވާތެރިވެ މުޅި އިގްތިސާދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތުކޮޅެއް."
ރައީސް އިބްރާހީމް މުހައްމަދު ސާލިހު

މާތްﷲގެ ރަޙްމަތްފުޅާއެކު މި ދަތިކަމުން އަރައިގަނެވޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު ރިޒޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ ރިޒޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ ބިމުކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރަށް ދަނޑުވެރިކަމަށް ދޫކޮށްފައިހުރި ރަށްތަކުގެވެސް ކުރިއަށް އޮތް 6 މަހުގެ ބިމުކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައިހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރު ވާނީ ނިންމާފައި ކަމަށް ވިދާޅުވިއެވެ.