''ކީކޭ....ޕްރެގްއޭ...''އޮފީހުގައި ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ކަމްލާ އޮފީހުން ބޭރަށް ނުކުތެވެ.

''އާނ..މިހާރު ތްރީ މަތްސްވެއްޖެ.'' އޭނާގެ އަޑު މަޑުމައިތިރިވެފައިވާކަން އިހުސާސްކުރެވުނެވެ.

''އެ ކިހިނެއްވީ ކަމެއް....''ކަމްލާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

އެކޮޅުން އެއްވެސް ޖަވާބެއް ނައެވެ.

''އެކަމަކު ބުނީމެއްނު ޑިވޯސްއޭ....''ކަމްލާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

''އާނނ..ޑިވޯސްވިޔަސް ޕްރެގް ވެދާނުން..؟'' ޒާޖިލްގެ ޖަވާބު ކުރެވެ.

''އަނ..ތިތެދެއް...''ކަމްލާ މަޑުމޮޅިކަމާއި އެކު އެކަން ތެދުކުރިއެވެ.

''މިލްނާ ބުނީމަ މަށަށްވެސް އެނގުނީ....''ޒާޖިލް ވާހަކަ ދައްކަން ފެށިއެވެ.

ނަމަވެސް ކަމްލާއަށް އެ އަޑު އަހަން އެހާ ފަސޭހައެއް ނުވިއެވެ.

''ދެން.. އޭނަ އާއި މެރީކުރަންތަ ތި ނިންމީ؟..''ކަމްލާ ވަގުތުން ސުވާލުކޮށްލިއެވެ.

''ނޫން.....ނޫން..ނޫން.....މަ ނޫޅެން އޭނައާއި އިންނާކަށް. އެއީ ވަރަށް ގޮތެއް ނެތް އަންހެނެއް...އޭނަ ވިހޭމަ މަ މި ނިންމަނީ ދަރިފުޅު ނަގަން....ކަމް އަހަރެންގެ ދަރިފުޅު ބަލާދޭނަންތަ؟...''

ޒާޖިލްގެ ބޭނުމަކީ އޭނާގެ ދަރި ކަމްލާއާއި ހަވާލުކުރުންބާވައެވެ. އޭނާ އެހެން ހަދާފާނެ ބާވައެވެ. ކަމްލާގެ ލޯބި ޓެސްޓްކޮށްލުމަށް ޒާޖިލްއަށް މިއީ ރަނުގެ ފުރުސަތެކެވެ.

''އަހަރެން؟....އަހަރެން ކީއްކުރަން މީހެއްގެ ދަރިއެއް ބަލަންވީ؟....''ކަމްލާގެ ހިތަށް އެވަގުތު އެރި ޖުމްލަ ވަގުތުން ބޭރުކޮށްލިއެވެ.

''އެއީ މީހެއްގެ ދަރިއެއް ނޫނޭ..މަގޭ ދަރިއެއް އެއީ....ކަމް ބަލާދޭނަންދޯ؟.. އަހަންނަށް އެނގޭ ކަމް އަހަރެންގެ ދަރިފުޅުބަލާދޭނެކަން....''ޒާޖިލް ވަރަށް ޔަޤީންކަމާއިއެކު ކަމްލާގެ ޖަވާބަކަށް އިންތިޒާރުކުރަމުންދިޔައެވެ.

''ނޫން.........އަހަރެން ކިތަންމެ ލޯބިވިޔަސް، އެހެންމީހެއްގެ ދަރިއެއް އަހަންނަކަށް ނުބެލޭނެ...އެނގެއެއްނު....ދޮންމަންމަ ކިޔައިފިއްޔާ އެމީހަކު ކިތަންމެ ރަގަޅަކަށް ކަންތައްތަކެއް ކުރިޔަސް އެ ނަން ހަމަ އެ ގޮތުގައި އޮންނާނެ..ކުރާ ރަގަޅުކަމެއް ނޯންނަތާނގަ އަބަދުވެސް ބަދު ބަސްތައް ރައްދުވާނީ...''ކަމްލާ ހަޤީޤަތް ހާމަކުރިއެވެ.

ނޭންގި ނަމަވެސް އެދެމެދުގައި މިހާރު ފުޅާ އުސްފާރެއް ލެވިއްޖެއެވެ. ކަމްލާގެ ހިތުގައި ޒާޖިލްއަށް ދެވިފައިވާ މަޤާމަށް ގުޑުން އަރައިފިއެވެ.

''އާނ..މިހާރު އަހަންނަށް އެނގިއްޖެ ކަމް ކިހާވަރަކަށް އަހަރެން ދެކެ ލޯބިވާކަން...އަހަރެންގެ ދަރިފުޅު ނުބަލާނަމޭ ތިބުނަނީ ކުރިމަތީގަ....''ވަރަށް ހުށިޔާރުކަމާއިއެކު ޒާޖިލް ކަމްލާއަށް ރައްދުދިނެވެ.

''އަހަރެން ނުބުނަން ނުބަލާނަމެކޭ..އެކަމަކު މިބުނީ ހަޤީޤަތް އޮންނަ ގޮތް...އެހެން ނޫނަސް ޒާޖިލްގެ ދަރިއަކީ އަހަރެންގެވެސް ދަރިއެއްނު......''ހިތުގައި ޖެހިފައިވާ ހާލު ކަމްލާ އެކަން ފޮރުވަން މަސައްކަތްކުރިއެވެ.

މިހުރިހާ ދުވަސްވަންދެން ކަމްލާ އިންތިޒާރުކުރީ ޒާޖިލްއާއި އޭނާގެ އުފާވެރި ހަޔާތަށް ކުޑަކުޑަ ލޯބި ލޯބި ޒާޖިލްއެއް ގެންނާށެވެ. އެ އުންމީދުތަކުގައި ކުލަ ނުޖެހިވަނިކޮށް އެހެން ދިމާލަކުން އެވަނީ އެއަށް ވުރެ މާރީތި ކުލަތަކެއް ޖެހިފައެވެ.

ދެން ކަމްލާއަށް އެކަމުން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ.

''ދެން ޑެޑީ ހުންނާނީ ވަރަށް އުފަލުން ދޯ؟...''ކަމްލާ ސަމާސާކޮށްލިއެވެ. އެކަމާ ދެރަވެ ހަސަދަވެރިވާކަން ހާމަނުކުރުމަށްޓަކައެވެ.

''އޭ....ކޮން ޑެޑީއެއް....ކަމްވެސް ހޯދަންވީނުން ކިޑެއް...އޭރުން މަންމީ ކިޔާނުން؟...''އެންމެ ފަހުން ޒާޖިލް އެހެންވެސް ބުނެފިއެވެ.

އޭނާއަށް ކަމްލާގެ ހިތް ފަޅާފައި ދައްކަންވީހެއްޔެވެ. އެ ހިތުގެ ކޮންމެ ނާރެއްގައި ލިޔެވިފައިވަނީ ކޮން ނަމެއްކަން އޭރުން ޒާޖިލްއަށް އެނގޭނެއެވެ. އެކަން ކަމްލާއަށް މިވަގުތުވެސް ކުރެވޭނެނަމަ ކުރީހެވެ.

ކަމްލާ ހުއްޓިލައިގެން ހުރީ މީހުން ވަދެ ނުކުންނަމުންދާ ތަނަކަށް ވާތީ، ބާރަށް ހަޅޭއްލެވޭކަށްވެސް ނެތެވެ. އުދާސްތައް ބޭރުކުރާނެ އިތުރުގޮތެއްވެސް ނެތެވެ.

ކަމްލާ ވަރަށް ހިތްވަރުކޮށްފައި ޒާޖިލްއާއި ސަމާސަކުރިއެވެ.

ޒާޖިލްވެސް ހުރީ ވަރަށް އުފަލުންކަން އޭނާގެ ވަހަކަތަކުން ކަމްލާއަށް އެނގުނެވެ.

ކޮންމެ ކަމެއްގައިވެސް ކަމްލާއަށް ލިބެމުންދަނީ ހިތްދަތިކަމެވެ. ދިރިއުޅުމަށް ކުރާ ކޮންމެ އުންމީދެއް ފުނޑުފުނޑުވަނީ ހަމަ ބަލަބަލާ ހުއްޓައެވެ.

ޖާޒިލްގެ ކޯލްތައް މަޑުމަޑުން އިތުރުވާން ފެށިއެވެ.

އޭނާގެ ދަރިފުޅާއި ބެހޭގޮތުން ކުރަމުންދާ ފޮނި އުންމީދުތަކުގެ ވާހަކަ ކެނޑިނޭޅި ދައްކަމުންދިޔައެވެ.

''އަސްލު ޖާޒިލް ވަރަށް ލޯބިވޭ ދޯ މިލްނާ ދެކެ'' ކެތް ނުކުރެވިގެން ކަމްލާ އަހާލިއެވެ.

އަދި ލޯގަނޑުކުރިމަތީ އިށީނެވެ.

''ނޫން..ނޫން..ނޫން''އެއީ ޒާޖިލް ކަމަކާ ހިތްހަމަ ނުޖެހިއްޖެ ނަމަ ބުނާ ގޮތެވެ. އެ ދިގު ރާގުގައި ކުރު ލަފްޒުތަކެއް ބޭރުކޮށްލަނީ ކަމްލާއަށް އޮޅުވާލުމުގެ ބޭނުމުގައި ބާވައެވެ.

''ކަމް އަށް އިނގޭނެ ނުބުންޏަސް...އަހަރެން ކަމް ދެކެ ވާ ލޯބި....''އެއީ އެފަދަ ދަނޑިވަޅެއްގައި ބުނަން ޒާޖިލްއަށް ފެނުނު އެންމެ މޮޅު ބަސްތަކެވެ.

'' އެއީ އަދި އެހެންކަމެއްނު...އެކަމަކު ކިޑް ތި ލިބެނީ އެހެން މީހަކަށްނު؟..''ކަމްލާގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވި ކަހަލައެވެ. ޒާޖިލްގެ އަނގައިން އެފަދަ އިބާރާތެއް އަޑުއިވިއްޖެ ނަމަ އަބަދުވެސް ކަމްލާ، އައިސްފަ ހުންނަ ރުޅި، ނުވަތަ ވެފައި ހުންނަ ދެރަ ފިލައިގެން ދެއެވެ.

''ކީއްވެ މި ހުރިހާ ދުވަހު ކިޑެއް ނުހޯދާ ތި ހުންނަނީ؟؟'' ޖާޒިލްކޮށްލީ ސުވާލެކެވެ.

''އެކަން އިނގޭނެ ޖާޒިލް އާ މެރީ ކުރެވުނީމަ...'' ކަމްލާ ދިނީ ކުރު ޖަވާބެކެވެ.

''މި ބުނީ މިހާރު ގާތްގަނޑަކަށް ހަތްވަރަކަށް އަހަރު ވެދާނެ ދޯ މެރީކޮށްގެން އުޅޭތާ...ކީއްވެތަ؟....'' އަނެއްކާވެސް ރާގުލާފައި ޒާޖިލް ސުވާލުކޮށްލީ އޭގެ އެދެވޭ ޖަވާބު ކަމްލާގެ ފަރާތުން ނައީމައެވެ.

''އަހަރެން ހުރީ ޒާލް އަށް ލިބޭ ފުރަތަމަ ދަރިފުޅުގެ މަންމައަށް ވާން.......''ކަމްލާ ލޯގަނޑަށް ބަލާލިއެވެ.

އަނެއްކާވެސް މަނާ ނުވާ ކަރުނަތަކެއް ކަމްލާގެ ލޮލުގެ ތެރޭ ދައުރުވެގަތެވެ.

''ތިދެން.....''ގަބޫލުނުކުރެވޭ ގޮތަކަށް ޒާޖިލް ބުނެލިއެވެ.

''އެކަމަކު ނެތްތާ ދޯ ދެން އިތުރު ޗޮއިސް އެއް.....''ޒާޖިލްގެ ވާހަކަ ނުނިމެނީސް ކަމްލާ ބުނެލިއެވެ.

އޭރު ކަމްލާއަށް ވަނީ ހަމަ ރަގަޅަށްވެސް ރޮވިފައެވެ.

''ނޫނޭ....ކަމް...އަހަރެން ބުނީމެއްނު...އަބަދުވެސް ކަމް ދެކެ ވަރަށް ލޯބިވޭ...އަދިވެސް ވަގުތު އެބަ އޮތެއްނު؟..'' ޖާޒިލް ވާހަކަ ދެއްކިއެވެ.

އެވާހަކަތަކުގައި އެއްވެސް ކުލައެއް، މާނައެއް ނެތްފަދައެވެ. ކަމްލާއަށް އެވާހަކަތައް އެއްވެސް ވަރަކަށް ޤަބޫލެއް ނުކުރެވެއެވެ. ބައެއް ފަހަރު ކަމްލާގެ ހިތައް އަރައެވެ. ޒާޖިލް އޭނާއާއި ވާހަކަދައްކަނީ އޭނަ ޒާޖިލް އާއި ހެދި އެހާވަރުން އުޅޭތީއެވެ.

މޫނު ބަލާ ލޯގަނޑުކައިރީ އިށީންދެ އިނދެ މިއަދު ކަމްލާ ބޭނުންވާ ވަރަށް ރުޔެވެ. އެއްވެސް ކަމެއްގެ ހައްލަކީ ރުއިން ނޫންކަން އެނގޭ ހާލުވެސް، އެދެލޯ އަބަދުވެސް ހުންނަނީ ތެމިފައެވެ.

އެކަމަށް ބާރު ނުފޯރުވޭ ފަދައެވެ.

އެގެއަށްދާން ކަމްލާގެ ހިތް ކިތަންމެ ވަރަކަށްވެސް އެދެއެވެ. ނަމަވެސް މިލްނާގެ މޫނު ފެނިދާނެތީ ކަމްލާ ކަންބޮޑުވެއެވެ. ހިތައް އަރައެވެ. މިލްނާ ކަމްލާއަށް ވަރަށް މަލާމާތްކުރާނެއެވެ. ހީނ ހީފައި މީހުން ކައިރީ ކަމްލާ އުޅެނީ މޮޔަވެގެންނޭވެސް ބުނާނެއެވެ.

އެފަދަ ވަގުތެއްގައި ކަމްލާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ.

ކަމްލާއަށް އޭނާގެ ދަރިފުޅު ދައްކާނެހެއްޔެވެ.

******

ކުއްލިއަކަށް އެ ހުރިހާ ހަނދާންތަކެއް އެއްފަހަރާ ގެއްލުނުހެން ކަމްލާއަށް ހީވިއެވެ.

''ރޮނީތަ؟''ފުރަތަމަ ފަހަރާ ޒާޖިލް ހަތަރުކަޅި ހަމަކޮށްގެން ހުރެ ސުވާލުކުރިއެވެ. ހީވިއެވެ. ވޭތުވެދިޔަ މާޒީ ޒާޖިލްއަށްވެސް ފެނުނީއެވެ. އެ ސަފްހާތަކުގައިވީ ކުލަތައް ޒާޖިލްއަށްވެސް ފެނުނީއެވެ.

ޖެހެމުންދިޔަ ފިނި ރޯޅިއާއި އެކު މުޅިތަނަށް އެއްވަސްވެފައިވާ މާމެލާމެލީގެ ވަސް ކަމްލާއާއި ޒާޖިލްގެ ވަށައިގެން އެނބުރޭ ފަދައެވެ. އެވަހަށް އެކި ކުލަ ކުލައިގެ މާތައް އުދުހެމުން ނަށަމުންދިޔަތަން އެދެމީހުންނަށް ފެނުނެވެ.

ޒާޖިލްގެ ސުވާލަށް ކަމްލާ ޖަވާބުދޭކަށް އެއްގޮތަށްވެސް ބޭނުމެއް ނުވެއެވެ. ލިބިފައިވާ ހިތާމަތަކާއި ލިބެމުންދާ ހިތާމަތަކަކީވެސް ޒާޖިލްގެ ފަރާތުން ލިބިފައިވާ އަދި ލިބެމުންދާ ހިތާމަތަކެކެވެ.

''އަހަރެން މި އުޅެނީ ޗުއްޓީއެއްގައި އައިސް..ދިރިއުޅެނީ ލަންކާގަ..''މިފަހަރުވެސް ވާހަކަދެއްކީ ޒާޖިލްއެވެ. ކަމްލާގެ ޖަވާބު ނައީމައެވެ.

ކަމްލާގެ ފަރާތުން އެއްވެސް ޖަވާބެއް އިވެން އޭނާ ބޭނުން ނުވާހެންވެސް ބައެއް ފަހަރު ހީވެއެވެ.

ކަމްލާގެ ލޮލުން ކަރުނަތައް ވިދަންފެށިއެވެ.

''އަހަންނަށް އެނގޭ ކަމްލާ ދެރަވާނެކަން.....''ފުންނޭވާ އެއް ބޭރުކޮށްލަމުން އެ ޒުވާނާ ކަމްލާގެ ދެލޮލަށް ބަލާލިއެވެ.

''ދެކުނިންތަ އަހަރެންގެ ދަރިފުޅު'' އަނެއްކާވެސް އޭނާ ކޮށްލީ ސުވާލެވެ.

ހަމައެއާއި އެކު ވޮލެޓްނަގާ ކުޑަކުޑަ ފިރިހެން ކުއްޖެއްގެފޮޓޯ ދައްކާލިއެވެ.

ެވެ.

ހަމައެއާއި އެކު ވޮލެޓްނަގާ ކުޑަކުޑަ ފިރިހެން ކުއްޖެއްގެފޮޓޯ ދައްކާލިއެވެ.

އެއީ އެ ޒުވާނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެއީ ހަމަ އެކުޑަކުޑަ ފުށްގަނޑެވެ. އެތައް ދުވަހެއް ވަންދެން ދެކިލާ ހިތުން ކަމްލާގެ ކެތް މަދުވެފައިވާ ލޯބި ކުއްޖާއެވެ.

''ދެކުނިންދޯ...''އަނެއްކާވެސް އެ ޒުވާނާ އަހާލިއެވެ.

ކަމްލާގެ ލޮލުން ވިދަމުންދިޔަ ކަރުނަތިކި ލޮލުގެ ތެރެއިން މަޑުމަޑުން ފައިބައިގަތެވެ. އެ ކަރުނަ ތަކުގައި ފޮރުވިފައިވާ މާޒީ ކުރެހިފައިވެއެވެ.

******

މީގެ ކުރިން ޒާޖިލްއަށް ކަމްލާ މިތަނުން އެތައް ފަހަރަކުވަނީ ފެނިފައެވެ. އެވާހަކަތައް ހިއްސާނުކުރީ، ނުވަތަ އެނގޭކަމަށްވެސް ހެދެން ޒާޖިލްބޭނުން ނުވީއެވެ.

އޭރު ކަމްލާގެ ގައިގައި ބާރު ހުއްޓެވެ. ތިރީސް ފަސް އަހަރުވީއިރުވެސް ކަމްލާގެ މޫނުން އެ އުމުރުގެ މީހަކާއި ވައްތަރުނުވިޔަސް، ދެލޮލުން ސިއްރުކުރެވިފައިވާ ހިތާމައެއް ފެންނަން ހުއްޓެވެ.

ހަ އަހަރުގެ އެ ފިރިހެން ކުއްޖާ އައިސް ކަމްލާ އަތަށް މާދީފައި ބަހެއް ނުބުނެ ބަލަން ހުރީއެވެ.

އޭރު ތަންކޮޅެއް ދުރުން އަންހެނަކު ހިނގާލާފައި ކަމްލާއާއި ދިމާލަށް އާދެއެވެ. އޭނަ އާއި ތަންކޮޅެއް ދުރުގައި ޒާޖިލް މަޑުކޮށްލައިގެން ހުރީ އިށީންދެގެން އިނީ ކަމްލާކަން އިނގޭތީއެވެ.

ކަމްލާއަށް ޒާޖިލްއެއް ނުފެނެއެވެ.

އެއަންހެން މީހާ އެ ކުޑަކުއްޖާ އުރާލަން އުޅެނިކޮށް، އެ ކުއްޖާ ކަމްލާގެ އިނގިލީގައި ހިފެހެއްޓިއެވެ.

'ޒަޔާލް...............'' ހިތްހަމަ ނުޖެހިފައި އެ އަންހެން މީހާ އެހެން ބުނުމަށްފަހު އެ ކުއްޖާ އުރާލިއެވެ.

ކަމްލާއަށް ކޮޅަށް ތެދުވެވުނެވެ. ދުރުގައި މަންޒަރުބަލަން ހުރި ޒާޖިލް ފުރަގަސްދެމުން ހިގައިގަތެވެ.

އެއީ ޒާޖިލްގެ ދަރިފުޅާއި ކަމްލާ ދިމާވި ފުރަތަމަ ދުވަހެވެ. އެދުވަސްތަކަށް މާޒީއާއި އެކުވެގެން ދިޔަތާ ކޮން ދުވަހެއް ހެއްޔެވެ. ނަމަވެސް އެދުވަސް ޒާޖިލް އަދިވެސް ހަނދާން އެބަހުއްޓެވެ.

*****

''ދަނީ..ދެން ނެތް މަޑުކުރެވޭކަށް'' އެއީ ޒާޖިލް އަބަދުވެސް ކަންތައް ކުރާ ގޮތެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަ ދައްކާ ނިމުމުން، ދެން ދާން ވީއެވެ.

ނޫނެކެވެ. މަޑުކުރާށެވެ. ކަމްލާގެ ހިތް ވާހަކަދައްކަން ފެށިއެވެ. އެ ދުވަހަކީވެސް ކަމްލާއަށް އާދައިގެ ދުވަހެކެވެ. ނަމަވެސް ތަފާތަކީ އެއީ ޒާޖިލްގެ ދަރިފުޅުކަމާއި މެދު އުފެދިފައިވާ ޝައްކެވެ. އެކަމަކު އެދުވަހު ޒަޔާލް އުރާލަން އައީ އޭނާގެ މަންމަ ހެއްޔެވެ. އެހެން ވީއިރު ޒާޖިލް ހުރީ ކޮންތާކުހެއްޔެވެ. ކެކި އުތުރިއަރަމުންދިޔަ ޝުޢޫރުތަކުގެ ތެރެއިން ކަމްލާއަށް ސުވާލެއް ކޮށްލެވުނެވެ.

''ޒާޖިލްހުރިންތައް އެ ދުވަހު؟'' ކަމްލާ އަށް ރަގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

ކުއްލިއަކަށް މުޅި ހިސާބުގައިވާ މަންޒަރު ބަދަލުވާން ފެށިއެވެ. އަވި ދިއްލާފައިވާއިރު މުޅި ހިސާބުގަނޑުގައިވެސް ހިޔާލިބޭ ތަނަކަށް ހުރީ ހަމައެކަނި ކަމްލާ އާއި މާ ދުރުނޫން ހިސާބެއްގައި އިށީންދެގެން އިން ދެ މީހުން ތިބި ސަރަހައްދު އެކަންޏެވެ.

ކަމްލާ މި ހުރިހާ އިރު އެހުރީ އަވިގަނޑުގައެވެ. އެކަނިވެރި ހާލުގައި ޚިޔާލީ ދުނިޔޭގައެވެ.

އެހެންނަމަވެސް އެތަނުގައި އިށީންދެގެން އެ އިނީ ޒާޖިލް ކަމާއި މެދު އެއްވެސް ޝައްކެއް ވަސްވާހެއް ކަމްލާގެ ހިތަކު ނެތެވެ.

ކައިރީގައި އެ އިނީ އޭނާ އެންމެ ލޯބިވާ އޭނާގެ ދަރިފުޅުގެ މަންމަ މިލްނާއެވެ.

އެހެންވިޔަސް، އެ ދެމިހުން ކައިރިއަށް ދިޔުން ވީ ކަމްލާ އަށް ބޮޑު ތަކުލީފަކަށެވެ. މަޑުމަޑުން ހިނގާލާފައި ޕާކުން ނުކުތެވެ. އެދެމީހުންނާއި ދިމާލަށް ބަލާވެސް ނުލިއެވެ. ހީވިއެވެ. މި ދުނިޔެއަކީ އެމީހުންގެ ދުނިޔެއެވެ. ކަމްލާއަށް އޮތީ ހަމަ އެކަނި އެކަނިވެރިކަމާއި ހިތާމައާއި އެކު މި ދުނިޔެއާއި ކުރިމަތިލުމެވެ.

ފަސް އެނބުރި ބެލުމެއްނެތި ބަނދަރު ސަރަހައްދުމަގުން ކަމްލާ އޭނާ އުޅޭ ކޮޓަރިއަށް ދިޔައެވެ. އެއީ އެމީހުންނާއި ވީހާވެސް ދުރު މަގަކުން ދިޔުމަށެވެ.

ތެމިފައިވާ އެ ދެލޮލުގައި ހުރި އުޖާލާކަން މިހާރަކު ނެތެވެ. މި ހުރިހާ ދުވަހު އެ ދެލޮލުގައި ނޭނގޭ އުޖާލާކަމެއް އެކުލެވިފައި ހުއްޓެވެ. ނަމަވެސް މިއަދު އެހުރިހާ ކަމެއް، ކުލަތަކާއި އެކީ ވިއްސި ވިހާލިވެގެން ދިޔައީއެވެ. ކުރިން ކަމްލާއަށް އަޑު އިވިފައިވަނީ ހަމައެކަނި އެދެމީހުންގެ ވާހަކަތަކެވެ. ފިލްމެއްގެ އުސޫލުންނެވެ. ނަމަވެސް މިއަދު މަންޒަރު ފެނުނީ ހަމަ ލޮލަށެވެ. ހަޤީޤަތުގައިވެސް ޒާޖިލް މިލްނާދެކެ ވާ ލޯބި އެ ވަގުތުކޮޅުގައި ކަމްލާއަށް އިހުސާސްވެގެން ދިޔައެވެ.

އެއީ ކަމްލާ ޒާޖިލްއާއި އިނުމަށްފަހު އުޅެން ބޭނުންވިގޮތެވެ. އެ އޯގާތެރިކަމާއި އެ އަޅާލުމެވެ. އެ ލޯބި ލޯބި ކުއްޖާއެވެ.އެ ހިތްތިރިކަމާއި އެކު ދިރިއުޅުން ކުރިއަށް ގެންދާ ގޮތެވެ. ލޯބިން ވަގުތު ހޭދަކޮށްލަން ބޭނުންވާ ގޮތްވެސް މެއެވެ. ނަމަވެސް މިއަދު އެ ހުރިހާ ކަމެއް މި ވަނީ ކުލަ ނެތް ގަނޑަކަށްވެފައެވެ.

އެ ދެމީހުން ފެނުނު ދުވަހު ކަމްލާއަށް ކޮޅަށްވެސް ތެދުވެ އުޅުމަކީ އުނދަގޫކަމަށްވިއެވެ. ބޮލަށް އެނބުރުން އަރަނީއެވެ. ފަހަރެއްގައި އެއީ މުސްކުޅިވުމުގެ ސަބަބުން ވާ އުނދަގުލަކަށްވެސް ވެދާނެއެވެ. އަސްރު ނަމާދުކުރުމަށްފަހު ކަމްލާ އިށީނީ އެ އަނދަރާދަ ގޮނޑީގައެވެ. ކޮޅަށް ހުރެވޭނެ ވަރެއް ނެތިގެންނެވެ.

އެތަނުގައި އިނދެ، ޕާކާ ދިމާލަށް ކަމްލާ ބަލާލިއެވެ. ވަދާޢީ ބަލާލުމަކުންނެވެ.

ކުއްލިއަކަށް އަޅައިގަތީ ކަމްލާ އުޅޭ ކޮޓަރިއާއި މާ ދުރުނޫން ހިސާބެއްގައި މީހެއްގެ އަތުގައި ހިފަހައްޓައިގެން ހުރި ކުޑަކުއްޖަށެވެ. އެއީ ކުރިން ދުވަހު ރީނދޫކުލައިގެ މާ ދިން ކުއްޖާއެވެ. އެމީހުން ދައްކާ ވާހަކަ ރީތިކޮށް ކަމްލާއަށް އަޑު އިވެމުންދިޔައެވެ.

އެ ކުއްޖާ ހިތްހަމަ ނުޖެހިގެން އުޅޭކަން އެމީހުންގެ ވާހަކަތަކުން އެނގުނެވެ.

ކަމްލާ ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް ކޮޅަށް ތެދުވެވޭ ވަރެއް ނުވިއެވެ.

އަނެއްކާވެސް އެނބުރި ކަމްލާ އެ ދިމާލަށް ބަލާލިއެވެ.

''ޒަޔާލް ދާންވީނުން އޭނަ އުރާލައިގެން...އަހަރެމެން ދާނަން....''.އަންހެނެއްގެ އަޑު އިވުނެވެ.

ކަމްލާ ރަގަޅަށް އެދިމާލަށް ބަލާލިއެވެ.

އެއީ މިލްނާއެވެ. އެހެންވިއްޔާ އެ ކުޑަ ފިރިހެން ކުއްޖާގެ އަތުގައި ހިފާލައިގެން އެހެރީ އޭނާގެ ދެލޯ ހޯދަމުންދިޔަ ޒަޔާލް ހެއްޔެވެ.

ކަމްލާ ވަރަށް ފަރުވާތެރިކަމާއި އެކު މަޑުމަޑުން ތެދުވިއެވެ. މިފަހަރު ގައިގައި ހުރި ބާރެއް ލާފައި ހިގައިގަތެވެ. މިހާރު ގައިގައި ހުރި ވިންދު ކުރިއަށްވުރެ އަވަސްވެފައި، ވަރުބަލިކަން އިހުނަށްވުރެ ގަދަވިހެން ކަމްލާއަށް ހީވިއެވެ.

ހަތަރު ފަސް ފިޔަވަޅު އެޅުމާއިއެކު ދޮރާއިހަމައަށް ކަމްލާއަށް ދެވުނެވެ.

''އަން މި އޮތީ އައިސްކޯން''... މަޑުމަޑުން ހިނގާފައި އެތަނަށް މަޑުކޮށްލި ފިރިހެން މީހާ ބުނެލިއެވެ. އޭނާ ހުރީ ކަމްލާއަށް ފުރަގަސް ދީގެންނެވެ.

''މަމީ އާއި އެކީ އައިސްކްލީމް ކާނީ...''ކުސްތަޅަމުން އެކުއްޖާ ބުނެލިއެވެ.

އެ މީހުން މަޑުކޮށްލައިގެން ތިބީ ކަމްލާ ހުރި ކޮޓަރިއާއި ގާތްގަނޑަކަށް ދިހަ ފޫޓް ދުރުގައެވެ.

ކަމްލާއަށް ހުއްޓުން އެރީ ޒާޖިލް އެނބުރި ކަމްލާ ހުރި ދިމާލަށް ބަލާލުމުންނެވެ.

އެއީ ހަމަ ޒާޖިލްއެވެ. މުސްކުޅިވުމުގެ ސަބަބުން އޭނާގެ ސިފައަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފިވީނަމަވެސް އެ ރީތިކަން އަދިވެސް ފާހަގަކުރެވޭހާވެއެވެ.

ހީވިއެވެ. އޭނާ ބޭނުންވަނީ ޒަޔާލްއަށް ކަމްލާ ދައްކާށެވެ. ނޫނީ ކަމްލާއަށް ޒަޔާލް ދައްކާށެވެ.

ޒާޖިލް ކުޑަކޮށް ހައިރާންވެފައި ކަމްލާއަށް ބަލާލުމަށްފަހު ޒަޔާލްގާތު ވަރަށް މަޑުމަޑުން އެއްޗެއް ބުނެލިއެވެ.

އޭރު މިލްނާ ކަމްލާ ހުރި ދިމާލަށް އެނބުރެނީއެވެ.

ކަމްލާ އަވަސް އަވަހަށް ކޮޓަރިތެރެއަށް ދެމިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް ގައިގެ ހަކަތަ ހުސްވެގެން ވެއްޓޭ މީހެއް ފަދައިން ކަމްލާ ކޮޓަރިން ބޭރަށް އަރިއަކަށް ވެއްޓުނެވެ.

ހިތުގެ ހިނގުން ހުއްޓި މި ހިތާމަވެރި ދުނިޔެއާއި އަލްވަދާޢު ކީއެވެ. އޭނާ އެންމެ ދެކެން ބޭނުންވި މޫނުވެސް ފެނިފައެވެ. ހިތްދަތިކަމުގައި އެތަށްދުވަހަކު އުޅުމަށްފަހުގައެވެ. އެކަން ފޮރުވުމަށް ހިނިތުންވެގެން ހުރީ ހަމައެކަނި މި ދުވަސް ފެނޭތޯއެވެ.

-ނިމުނީ-