ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިހާތަނަށް 91 މީހުން ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ އަންގާރަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްއިން ފެށިގެން ބުދަދުވަހުގެ ނިޔަލަށް އިތުރު 5 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ފަސޭހަވި މީހުންގެ އަދަދު 91 އަށް އެރިއިރު، މިއީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 7.67 އިންސައްތައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލައަކީ 1،186 އެވެ. މީގެ ތެރޭގައި ހިމެނެނީ 1،015 ފިރިހެނުންނާއި، 171 އަންހެނުންނެވެ.

ބުދަދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އަލަށް 43 މީހުން ޕޮޒިޓިވްވި ވިއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި، ބަނގްލަދޭޝްގެ 28 މީހުންނާއި، އިންޑިއާގެ 4 މީހުންނާއި، ނޭޕާލް ރައްޔިތެކެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިވަގުތު ފަރުވާދެމުން ގެންދަނީ 13 މީހަކަށް ކަމަށެވެ.