އެއީ ކޮލެރާބަލި މުޅިރާއްޖެއަށް ފެތުރެމުން ދިޔަ ދުވަސްވަރެވެ. 1978ވަނަ އަހަރެވެ. ރާއްޖޭގެ 74 ރަށަކުން 5589 މީހުންނަށް މިބަލި ޖެހުނެވެ. އެއީ އޭރުގެ އާބާދީގެ 3.89 އިންސައްތައެވެ.

ޤުރްއާން ފިލާވަޅު ނެގުމަށްޓަކައި، ހެނދުނު 6 ޖަހާއިރު އަޅުގަނޑު ދާންޖެހެނީ ހެންވޭރު އާމުލީގެއަށެވެ. ފިލާވަޅު ނަންގަވައިދެއްވަނީ ޢަބްދުﷲ ޞާދިޤުގެ ބޭބެ، ޢަބްދުލްޤާދިރެވެ. އެންމެންގެ ކުޑަބެއެވެ.

އަޅުގަނޑުމެންގެ ގެ ހުންނަނީ ބާ އިންޖީނުގޭގެ އިރުމަތީ މަގުގައެވެ. ފަތިހު މަންމަ ގޮވީމާ ފަތިސްނަމާދުކޮށްގެން ގެއިން ނުކުތްއިރު 5.45 ވެއްޖެއެވެ. ގަޑި ނުޖެހި ދެވޭތޯ ބެލުމަށް، ވަރަށް ހަރުކޮށް ހިނގައިގެންފީމެވެ. މޭގައި މުޞްޙަފު ޖައްސާލައިގެން، ޚިޔާލެއް ފިކުރެއް ނެތި އޭރުގެ މިރިހިމަގުން، މިހާރުގެ ގަލޮޅު ސަހަރާ ހުރި މަގުން އިރަށް ހިންގައިގެންފީމެވެ. އެއީ، މިހާރު ބޮޑުރަސްގެފާނު މަގެވެ.

މަގުމަތިން ވަރަށް މަދުން ނޫނީ މީހަކު ނުފެނެއެވެ. މޫނުއަނދިރިކަން ދަނީ ފިލަމުންނެވެ. އިރު އެރުމަށް ގާތްވެފައިވާތީ ދުނިޔެމަތި ދަނީ އަލިވަމުންނެވެ. ގަލޮޅު ސަހަރާ ދޮރުމަތީގައި ހުރި ހޮޅިބުރި ނިއްވައިލުމަށްޓަކައި މީހަކު ދަނޑިއެއް ހިފައިގެން އައިސް މަސައްކަތް ކުރަނީއެވެ. އެ މަގުގައި މަގުމަތީ ހޮޅިބުރި ހުންނަނީ ވަރަށް މަދުންނެވެ. އިންޖީނުލީ ދުއްވާ އެއްޗެހި އޭރު މާލޭގައި ވަރަށް މަދެވެ. ހިނގާބިނގާވެ އުޅޭއިރު ބިރެއް ޖެހިލުމެއް ނުވެއެވެ. އެކްސިޑެންޓް ވެ މުޑިއެރިޔަސް އަރާނީ ބައިސްކަލެއްގައި ޖެހިގެންނެވެ. ނުވަތަ ދަމާ ގާޑިޔަލެއްގައި ޖެހިގެންނެވެ.

ގަޑި ޖެހިދާނެތީ ހަރު ހިނގުމެއްގައި އިސްދަށަށްޖަހައިގެން ހިނގަމުން ގޮސް ބަނަފުސާ މަގާ އަރާ ހަމަވިއިރު، ކުއްލިއަކަށް ދިޔައީ ސިއްސައިގެންނެވެ. ކާރެއް ގެ ބުރަކީގެ އަޑަށެވެ. އަޅުގަނޑުގެ ގައިގައި އެ ކާރުން ނުޖެހުނީ ހަމަ ކިރިޔާއެވެ. އިސްއުފުލައި ބަލާލެވުނުއިރު، އަޅުގަނޑާ އެ ކާރާ ދެމެދުގައި ހުންނާނީ ދެ ފޫޓެއްހައި ތަންކޮޅެކެވެ. ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ކާރު ދުއްވަން އިންނެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރެވެ. ރައީސް ނާޞިރާ ހަތަރުކަޅި ހަމަވި ވަގުތު، ގުޑައިލަން ވެސް ނޭނގިފައި ހުރެވުނެވެ. ހަނދާނެގޮތް ހުސްވީއެވެ. ކުޑަކޮށް ބިރުހީވެ މޭ ތެޅޭގޮތް ވެސް ވީއެވެ. އަތުގެ އިޝާރާތުން، ހުރަސްކުރުމަށް ވިދާޅުވިއެވެ. ދެން އިސްދަށަށްޖައިގެން ވަރަށް ބިރުން ހުރެ، މަޑުމަޑުން މަގު ހުރަސްކޮށް ސަހަރާގެ ފާރު ކަނާހަމައަށް ދެވުނުތަނުން، އެ ކާރު ވަރަށް ބާރަށް ދުއްވާލާފައި، ބަނަފުސާ މަގަށް ލަނބާލައި، އެ މަގުން އުތުރަށް ހިނގައްޖެއެވެ.

މަޑުމަޑުން ބަނަފުސާ މަގު ފެންނަ ވަރަށް ފަހަތަށް ޖެހިލައިފީމެވެ. އެ ދިޔަ ބާރުމިނުގައި ގޮސް، ކާރު މަޑުކޮށްލީ ގަލޮޅު ބޯޅަދަނޑުގެ މެދު ދޮރާއްޓާ ދިމާއަށެވެ. އިތުރަށް ބަލަން ނުހުރެ، ހަރުކޮށް ހިނގާފައި ޤުރްއާން ކިޔަވައިދޭ ގެއަށް ހިނގައްޖައީމެވެ. އޭރުވެސް ބުނަން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވެއެވެ. މޭބޮޑުވުމެވެ. އަދި ބިރު ގަތުމެވެ. އަދި އޭރުގެ ރައީސް ހަމަ ލޮލުން ފެނުމުން ކުޑަކޮށް ފަޚުރުވެރިވެ، އެ ވާހަކަ ޤުރްއާން ކިލާހުގެ ކުދިންނަށް ކިޔައިދިނީމެވެ.

ބައެއް ކުދިން ބުންޏެވެ. ރައީސްގެ ކާރުކޮޅު ކުރިމައްޗަށް އެރީމާ ފަހަރުގައި ސިފައިންގެއަށް ގެންގޮސްފާނެއެވެ. އެ ކަމާ ޖެހިލުންވެގެން ކުޑަބެއަށް ވެސް އެ ވާހަކަ ކިޔައިދިނީމެވެ. ކުޑަބެ ބުނީ ބިރު ނުގަތުމަށެވެ. އެއީ ޝިޔާމު ގަސްދުގައި ކުރި ކަމެއް ނޫންކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. ދެން އަވަހަށް ފިލާވަޅު ކިޔައިދީފައި ގެއަށް ދެވޭތޯ ބެލީއެވެ.

މޫންލައިޓް ނޫހުންނާއި އެކި މުނާސަބަތުގައި މާލޭގައި އޮންނަ ލޮރީ ބުރާއި ބައިސިކަލް ބުރުން، ރައީސް ނާޞިރުގެ ފޮޓޯފުޅު ފެނެއެވެ. ހަމަ ލޮލުން މުޅި އުމުރުގައި ވެސް ރައީސް އިބްރާހީމް ނާޞިރު ފެނުނީ އެ ދުވަހު އެކަންޏެވެ.

2008 ވަނަ އަހަރު ޑިސެންބަރު މަހު، ރައީސް އިބްރާހީމް ނާޞިރު އަވަހާރަވެގެން ހަށިކޮޅު މާލެ ގެނައި ދުވަހު މޫނުފުޅު ދުށުމަށް ތީމުގެއަށް ވަންނަން ދިޔައިމެވެ. ނަމަވެސް ކިއު ދިގުކަމާއި ވާރޭގައި ޖެހުމުގެ ސަބަބުން އެ ދުވަހު ޖެހުނީ، އެނބުރި ގެއަށް އަންނާށެއެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު ޝިޔާމަކީ ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ދާއިރާގައި ވެސް މިނަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން އޭނާގެ ބައިވެރިވުން އޮތް އެންމެ ބޮޑު މަސައްކަތަކަށް ފެނިފައިވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ބޭހެގޮތު ފެބްރުއަރީ މާހު ބާޒާރަށް ނުކުތް ފޮތެވެ.

ޝިޔާމް ވަނީ "އާފަތިސް" އާއި "ހަވީރު" ނޫހަށް ލިޔުއްވާފައެވެ. ސަރުކާރުގެ ނޫހެއް ކަމުގައިވާ "ފުރަދާނަ" ނޫހުގައިވެސް އެންމެ އިސްމީހެއްގެ ގޮތުން މަސައްކަތް ކުރައްވާފައި ވެއެވެ. އަދި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ނުކުތް "ފިޔެސް" މަޖައްލާގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވާފައި ވެއެވެ. މީގެ އިތުރަށް، އެމް.ވީ ޔޫތުގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވާފައިވާ އަހުމަދު ޝިޔާމް މިހާރު އާންމުކޮށް ލިޔުއްވަމުން ގެންދަވީ ލިޔުންތެރިންގެ ގުޅުމަށެވެ.