ތ.ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލައި އިތުރު ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި، ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށް ރޭ މެންދަމު 1:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެއެވެ.

މީގެ އިތުރަށް ހަމަ އެރަށުގައި، މީހެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ރޭ 3:12 ހާއިރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ ބިދޭސީ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި މީހާއަށް ގުރައިދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ.

މި ދެ މައްސަލައިގައި ވެސް އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުން ދަނީ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.

ތ.ގުރައިދޫގައި ބިދޭސީއަކަށް ހަމަލާދީ މަރާލައި އަދި އިތުރު ބިދޭސީއަކު ޒަޚަމްކޮށްލާފައިވާއިރު، މި ދެހާދިސާއަކީ ގުޅުންހުރި ކަންތައްތަކެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.