ކޮވިޑް-19އާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެހީ އަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ދީފައިވާ އެހީއެއް ކަމަށެވެ.

އެގޮތުން އެކާވީސް މިލިއަން ހަތްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ ރުފިޔާގެ އެހީއާއި އެކު މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ނިމުމެއް އައިސް، އިގްތިސާދު އަލުން ހުޅުވޭއިރު ސަރުކާރަށާއި، ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމަތުދެއެވެ.

އަދި އިކޮނޮމިކް ބޭސް ފުޅާކޮށް، އައު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ މަސައްކަތަށްވެސް މިއެހީގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށާއި ރާއްޖެއަށް މިއެހީ ފޯރުކޮށްދިނުމަށް ޔޫ.އެން.ޑީ.ޕީއިން ކުރި މަސައްކަތަށާއި، ހިލޭ އެހީގެ ގޮތުގައި މިފައިސާ ހަމަޖައްސައިދިން ކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޖަޕާނަކީ ރާއްޖޭގެ ގިނަ ދުވަސްވީ ތަރައްގީގެ ބައިވެރިއަކަށްވާއިރު ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މިހާރުވެސް ޖަޕާން ސަރުކާރާއެކު ދަނީ މަޝްވަރާކުރެވެމުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މިމަހުގެ ކުރީކޮޅުގައިވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.