އަނބުރާ ގައުމަށްދާން ބޭނުންވެފައި ތިބި ބިދޭސީންގެ ތެރެއިން 237 މީހަަަަަަކު މިއަދު އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ވަނީ އަނބުރާ ގައުމަށް ފޮނުވާލި މީހުންގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާގެ 190 މީހަކާއި ޔޫރަޕްގެ އެކި ގައުމުތަކަށް ނިސްބަތްވާ 47 މީހުން ކަމަށެވެ. އަދި ޔޫރަޕްގެ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން އަނބުރާ އެމީހުންގެ ގައުމުތަކަށްދާނީ ސްރީ ލަންކާގައި ޓްރާންސިޓްކުރުމަށް ފަހުކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އަނބުރާ ގައުމަށްދާން ބޭނުންވެފައިވާ މީހުން އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން މިފެށީ މި މަހުގެ 19 އިން އަންނަ މަހުގެ 30 އަށް ވިސާ ހަމާވާ ފަރާތްތަކުގެ ފީ ދައްކަން ނުޖެހޭ ގޮތަށް ނިންމާފައިވާ ވަގުތެއްގައެވެ.

އެގޮތުން އިމިގްރޭޝަނުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 އާއި އެކު މާލެ ފުރަބަންދުވުމާއި ގުޅިގެން އެ މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވިސާ، ޑިޕެންޑެންޓު ވިސާ، ވާކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާ އިތުރުކުރުމާއި އަދި ވިސާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، ވީސާ ފައިސާ ދެއްކުމަށް ދަތިވެފައިވާކަމަށެވެ.

އެހެންކަމުން މި މަހުގެ 19 އިން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށް ވިސާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގާކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.