ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ވަނީ ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 30 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 14 ދިވެއްސަކާ 10 ބަންގްލަދޭޝް މީހެއްގެ އިތުރަށް އިންޑިއާ 6 މީހެއް ހިމެނޭ ކަމަށެވެ. މި އަދަދާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1216 އަށް އަރާފައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިހާތަނަށް 91 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ އަންގާރަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްއިން ފެށިގެން ބުދަދުވަހުގެ ނިޔަލަށް އިތުރު 5 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ފަސޭހަވި މީހުންގެ އަދަދު 91 އަށް އެރިއިރު، މިއީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 7.67 އިންސައްތައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިވަގުތު ފަރުވާދެމުން ގެންދަނީ 13 މީހަކަށް ކަމަށެވެ.