މާރޗް މަހުގެ 19އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ވީޒާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވީޒާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިހެން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވީޒާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީއެވެ.

އިމިގްރޭޝަނުންބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 19 މާރޗުން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރެވިފައިވުމާއި އަދި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި ގުޅިގެންމ މި މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވީޒާ، ޑިޕެންޑެންޓު ވީޒާ، ވާރކް ވީޒާ އަދި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވީޒާގެ މުއްދަތު އިތުރުކުރުމާއި ވީޒާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، ވީޒާ ފައިސާ ދެއްކުމަށް ދަތިވެފައިވާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

އެހެންކަމުން އެ ނިންމުމަކީ އާންމުންނަށް ދިމާވެފައިވާ ދާތިކަމަށް ލުޔެއް ދިނުމަށްޓަކާ ނިންމުމަށް ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު މިހާތަނަށް މި މުއްދަތު ވަނީ ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.

އެންމެ ފަހުން އިތުރުކުރި މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.