ޖަޕާނު ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ އޮފް މޯލްޑިވްސް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ކެޕޭސިޓީ އިތުރު ކުރުމަށް ޖަޕާން ސަރުކާރުން ފޯރުކޮށްދީފައިވާ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާން ސަރުކާރުން ވަނީ ކޮވިޑް-19އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.

ކޮންޓްރޯލަރ ވިދާޅުވީ ޖަޕާނުން ފޯރުކޮށްދިން އެހީގެ ސަބަބުން ބޯޑަރ އޮޕަރޭޝަންތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެކި ގައުމުތައް ގުޅިގެން ކުރާ ކުށްތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް މިކަމުގެ ސަބަބުން ކުޑަކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަންކަމަށް ހައްލު ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ކޮންްޓްރޯލަރ އޮފް އިމިގްރޭޝަން ވަނީ ޖަޕާން ސަރުކާރުން ރާއްޖޭގެ ސަރުކާރަށް އެހީ ފޯރުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.