ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މި މަސައްކަތުގެ އެންމެ އިސްސަފުގައި އަންހެނުން ހަރަކާތްތެރިވަމުންދާ މަންޒަރަކީ ބަލާލި ކޮންމެ ސަރަހައްދަކުންވެސް ފެންނަން އޮތް ހަގީގަތެކެވެ. އަމިއްލަ ފުރަނަ އަތްމައްޗަށް ލައިގެން މުޅި އާއިލާ ދޫކޮށް ގައުމަށްޓަަކައި ކަނބަލުން ވަމުންދާ ގުރުބާނީ ވަރަށް ބޮޑެވެ.

ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގެ މަސައްކަތްތައްވެސް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް ސަރުކާރުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. ސަރުކާރުގެ މިވާހަކަތަކާ މެދު ހިތްހަމަނުޖެހޭ މީހުންނެކޭ އެއްފަދައިން މި މަސައްކަތް ހެޔޮހިތުން ބަލައިގަންނަ މީހުންވެސް މަދެއް ނޫނެވެ. ފުވައްމުލަކަކީ މިކަމުގެ މިސާލެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ މުޅި ފުވައްމުލައް ސިޓީ އޮތީ ކޮވިޑުން ރައްކާތެރިވުމަށްޓަަކައި އަޅަންޖެހޭ އެންމެ ފުރިހަމަ ފިޔަވަޅުތައް އަޅާފައި ކަމަށެވެ. ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ކޮވިޑް އައި ހިސާބުން ފެށިގެން އެކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން މުޅި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ދުރާލާ އަޅަންފެށި ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ.

އަދި އެންމެ އިސްސަފުގައި މަސައްކަތްކުރަމުންދަނީ ވަރަށް ހިތްވަރުދަގަ އަންހެން ފައުޖެއްކަަން ވަރަށް އުފަލާއެކު ފާހަގަކުރައްވާ އަހުމަދު ސައީދު ވިދާޅުވީ މި މަސައްކަތުގައި ޝާމިލްވާ މީހުންގެ ތެރެއިން 95 އިންސައްތައަކީ އަންހެން ބޭފުޅުން ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ގާތްގަނޑަކަށް 95 އިންސައްތައަކީ އަންހެން ބޭފުޅުން. ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލެވުނު ހުރިހާ ޓީމެއްގައިވެސް ގިނައީ ފުވައްމުލަކު އަންހެނުން. އަދި ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމާވެސް ކުރިމަތިލާން ހަމަ ތިބީ މިތަނުގެ އަންހެން ޓީމެއް.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު

ކޮވިޑު ބަލީގައި މީހަކު ނިޔާވާ ހިސާބުން ފެށިގެން ކޮންމެ ކަމެއްގައި ވެސް މައުލޫމާތު ދިނުމަށް ކުރީގައި މަސައްކަތް ކުރަނީ އަންހެން ބޭފުޅުންކަން ފާހަގަކުރައްވައި އަހުމަދު ސައީދު ވިދާޅުވީ ޖަމާއަތްތެރިންނަށް މައުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތައްވެސް އެބޭފުޅުން ހިންގަވާފައިވާ ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް އޮތީ އަންހެން ފައުޖެއް ކަމަށާއި ކޮވިޑާއި ގުޅިގެން ފުވައްމުލަކު ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ކުރާ ހުރިހާ މަސައްކަތެއް ކުރަމުންދަނީ ހޮސްޕިޓަލުގެ އަންހެން މުވައްޒަފުން ކަމަށްވެސް އަހުމަދު ސައީދުގެ ވާހަކަގައި ވިދަޅުވިއެވެ.

ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ މަދު ފިރިހެނުން ފިޔަވާ ގިނައީ އަންހެނުން. މީގެ ތެރޭގައި ނަރުހުންނާއި ޕަބްލިކް ވޯކަރުން ހިމެނޭ. މެނޭޖްމަންޓް ލެވެލްގައިވެސް ކޮވިޑާއި ގުޅިގެން މަސައްކަތް ކުރާ ޓީމުގައި ތިބެނީ ދެ ފިރިހެނުން. ދެން ހަމަ ހުސް އަންހެނުން މިތިބެނީ. އެހެންވީމަ އެއީ މުޅި ފުވައްމުލައް ސިޓީވެސް ފަޚުރުވެރިވާން ޖެހޭނެ ކަމެއް. މިފަދަ ނުރައްކާތެރި ހާލަތެއްގައިވެސް ރައްޔިތުންގެ ހައްގުގައި އަންހެން ފައުޖެއް ހަރަކާތްތެރިވާ ކަމީ ލިބޭ ފަޚުރެއް.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު

ކޮވިޑާ ގުޅިގެން ފުވައްމުލަކު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް އެންމެ ފުރަމަ ފެށިގެންދިޔައީ ހޮސްޕިޓަލުގެ ޓީމުން ނަމަވެސް ވަކި ހިސާބަކުން ފުވައްމުލަކު ކައުންސިލް ބައިވެރިވެ ޓާސްކްފޯހެއް އެކުލަވާލެވިގެން ދިޔައި ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި އެހާ ހިސާބުން މުޅި ރަށުން ވަރަށް ވަރުގަދަ ލީޑާޝިޕެއް ނެގި މި މަސައްކަތުގައި ސިޓީ ކައުންސިލްގެ ދައުރު ވަރަށް ފުރިހަމައަށް ލިބެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ރަށްރަށާއި ޚިލަފަށް ފުވައްމުލަކުގައި ކޮވިޑްގެ ހުރިހާ ހަރަކާތްތަކެއް ރޭވިގެން ދިޔައީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށާއި އެގޮތުން މުޅި ކައުންސިލް އިދާރާ އަދި ކައުންސިލް މެމްބަރުންނާއި ޑެޕިއުޓީ މޭޔަރުގެ އިތުރަށް މޭޔަރު ފަލާހުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށް އަހުމަދު ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުން ކޮވިޑަށް ހޭލުންތެރިކުރުމަށް ހޮސްޕިޓަލުން ކޮށްފައިވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި އަހުމަދު ސައީދު ވިދާޅުވީ މި މަސައްކަތުގައި ޕަބްލިކް ހެލްތު ޔުނިޓްގެ ބޭފުޅުންނާއި ނަރުހުންގެ ދައުރު ވަރަށް ފުޅާކޮށް ލިބުނު ކަމަށެވެ.

މުއައްސަސާތަކަށް ގޮސް އެ ތަންތަނުގެ މުވައްޒަފުންނަށާއި އަދި ރަށުގެ ރައްޔިތުންނަށް ކޮމިއުނިޓީ އޮފިސަރުން އަދި ނަރުހުން ވަނީ ވަރަށް ރަނގަޅަށް މައުލޫމާތު ފޯރުކޮށްދީފަ. ވަރަށް ބުރަ މަސައްކަތްތަކެއް މިކަމުގައި ކޮށްފަ އެބަހުރި.
އަހުމަދު ސައީދު

ފުރަބަންދަކަށް ރާއްޖެ ދިޔުމުން އެކަމާ ނުރުހުން ފާޅުކޮށް ހިތްހަމަނުޖެހުން ފާޅުވެސް ކުރާނެކަން މިފަދަ ހާލަތެއްގައި ގަބޫލުކުރެވޭ ކަމަށާއި އެހެންނަމަވެސް މަސައްކަތް ކުރީ މުޅި މުޖުތަމައުގެ އާންމު ރައްކާތެރިކަމާއި ސަލާމަތަށް ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރަމުންދާ އިރުގައިވެސް އެކި ދިމަދިމާލުން ވަރަށް ގިނަ ޕްރެޝަރުތަކެއް އަންނަ ކަމަށާއި ނަމަވެސް ސިޓީ ކައުންސިލުން ސަރުކާރާ ގުޅިގެން އެ ކަންތައްތައް ކޮންޓްރޯލް ކުރީ ވަރަށް ފުރިހަމައަށް ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި ކައުންސިލުން ފެނިގެން ދިޔައީ ވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރި މަންޒަރުތައް ކަަމަށްވެސް އަހުމަދު ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެހެނިހެން ހިސަބުތަކުގައި ކޮވިޑާއި ގުޅިގެން އެ ރަށެއްގެ ކައުންސިލުން ނުވަތަ އިދާރާއަކުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ހިިތްހަމަނުޖެހުންތަކެއް ފެނިގެން ދިޔަ ނަމަވެސް އެފަދަ މަންޒަރެއް ފުވައްމުލަކުން ފެނިފައި ނުވާ ކަމަށާއި ރަށުގެ ރައްޔިތުން ދައްކަމުން އަންނަނީ ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑް-19 ގެ ހާލަތަށް ލުޔެއްދޭން ސަރުކާރުން ނިންމާފަވާއިރު އެއްވެސް ކަހަލަ ގޯހެއް ފުވައްމުލަކުގައި ހެދިފައިނުވާތީ އެކަމާ ވަރަށް އުފާ ކުރައްވާ ކަމަށްވެސް ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވިއެވެ.

ސަރުކާރުން ފުރަބަންދަށް ލުޔެއްދޭން ނިންމި ނަމަވެސް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަަކައި ފުވައްމުލަކު ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އަހުމަދު ސައީދު ވަނީ އެދިވަޑައިގެންފައެވެ. އަދި މި މަސައްކަތް މިހާ ކާމިޔާބު ކަމާއެކު ކުރިއަށްގެންދިޔުމުގައި ނާއިބުރައީސް ފައިސަލް ނަސީމްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ސިއްހީ ދާއިރާގެ ކަންކަން ގާތުން ބައްލަވަމުންގެންދަވާތީ ނާއިބުރައީސަށް ވަރަށް ޚާއްސަ ޝުކުރެއްވެސް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ ވަނީ އަދާކުރައްވާފައެވެ.