ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5 މިލިއަނަށްވުރެ މައްޗަށް ހިނގައްޖެއެވެ.

ދުނިޔޭގައި ކޮވިޑް-19 ބަލި ޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ މައުލޫމާތު އެއްކުރާ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ބުނާގޮތުން، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިއަދުވަނީ 5 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.

ބަލި ޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް އަރައިގެން މިދިޔައީ، މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު މި ބަލި، ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެނުނުތާ ފަސްމަސްވެސް ނުވަނީހެވެ.

ކޮވިޑް-19 ބަލީގައި ދުނިޔޭގެ އެކި ހިސާބުތަކުން މިއަދުގެ ނިޔަލަށް 328،000 އަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.

ހަމަ އެއާއެކު، ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1.9 މިލިއަން މީހުން ބަލިން ފަސޭހަވެފައިވާ ކަމަށްވެސް ގައުމުތަކުން ހާމަކޮށްފައިވާ ރަސްމީ ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ ވަކިވަކި ގައުމުތަކަށް ބަލާއިރު، ކޮވިޑް-19 ބަލީގައި އެއްގައުމަކުން އެންމެ ގިނަމީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިބަލީގައި މިއަދުގެ ނިޔަލަށް 93،439 މީހުން މަރުވެފައި ވާއިރު، ދެވަނައަށް އެންމެ ގިނަމީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުންނެވެ.

އެގައުމުން މިހާތަނަށް 35،786 މީހުން މަރުވެފައިވާއިރު، އިޓަލީން 32،330 މީހުން، ފަރަންސޭސިވިލާތުން 28،135 މީހުން، ސްޕެއިނުން 27،888 މީހުން މަރުވެފައި ވެއެވެ. މިއީ، ކޮވިޑް-19 ބަލީގައި މީހުން މަރުވި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައިއުޅޭ ގައުމުތަކެވެ.

އެންމެ ގިނަމީހުންނަށް ބަލިޖެހިފައިވާ ގައުމުތަކުގެ ލިސްޓްގެވެސް އެންމެ ކުރީގައި އެމެރިކާ އޮތްއިރު، ދެވަނަގައިއޮތީ ރަޝިޔާއެވެ. އަދި ތިންވަނައިގައިއޮތީ ބްރެޒިލްއެވެ.

މެދުއިރުމަތިން ކޮވިޑް-19 އެންމެ ފުރަތަމަ ރިޕޯޓްކުރި އީރާނު އަދިވެސް އޮތީ ސަރަހައްދުގެ ބަލީގެ ހާލަތު އެންމެގޯސް ގައުމުގެ ގޮތުގައެވެ.

އަނެއްކޮޅުން، އެފްރިކާގައި ކޮވިޑް-19 ބަލި ހަލުވިކަމާއެކު ފެތުރޭން ފެށުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިންވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެފްރިކަން ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވަނީ، މުޅި އެފްރިކާ ބައްރުން ބަލި ޖެހުނު މީހުންގެ އަދަދު 95،201 އަށް އަރާފައިވާ ކަމަށެވެ. ހަމަ އެއާއެކު، ބަލީގައި މަރުވި މީހުންގެ އަދަދު 2،997 އަށް އަރާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެފްރިކާ ބައްރުން އެންމެ ގިނަމީހުންނަށް ބަލި ޖެހިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އެގައުމުން 18،000 މީހުންނަށް ބަލި ޖެހިފައިވާކަމަށް ހާމަކޮށްފައި ވެއެވެ.