މި ހިނގާ ރަމަޟާން މަހަކީ 30 ދުވަހުގެ މަހެއް ކަމަށާއި ފަލަކީ ހިސާބުން ދައްކާގޮތުން ފިޠުރު ޢީދު ވާނީ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހަށް ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، މިހިނގާ ރަމަޟާން ވެސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށެވެ. މިދިޔަ ޝަޢުބާން މަސް ވެސް ވީ 30 ދުވަހުގެ މަހަކަށެވެ.

އަޅުގަނޑުމެންނަށް ޤަބޫލުކުރެވިފައި އޮންނަނީ، ހިޖްރީ މަހެއް 30 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 29 ކަމަށެވެ. ހިޖްރީ މަހެއް 29 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 30 ކަމަށެވެ.
ރައީސް މައުމޫން

ރައީސް މައުމޫން ވިދާޅުވީ އާންމުކޮށް ބަލާއިރު މިކަން ހިނގަނީ މިހެން ކަމަށާއި އެހެންނަމަވެސް، ބައެއް ފަހަރު 29 ދުވަހުގެ ދެ މަސް ވިދިވިދިގެން އަތުވެދާނެ ކަމަށެވެ. ނުވަތަ 30 ދުވަހުގެ ދެ މަސްވެސް ވިދިވިދިގެން އަތުވެދާނެ ކަމަށެވެ. މިފަހަރު ދިމާވަނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަޤީޤަތުގައި، ދުރު ތަރިތަކަށް ނިސްބަތް ކުރާނަމަ، ހަނދު އޭގެ ފަލަކުގައި ބުރެއް ޖަހަނީ، 27.32 ދުވަހުންނެވެ. މިއީ ހަނދުގެ ސައިޑީރިއަލް މަހެއްގެ ދިގުމިނެވެ. އިރަށް ނިސްބަތް ކުރާނަމަ، ހަނދު މަހެއްގެ ދިގުމިނަކީ 29.53 ދުވަހެވެ. މިއީ ހަނދުގެ ސިނޮޑިކް މަހެއްގެ ދިގުމިނެވެ. އެހެން ނަމަވެސް، ހަނދު މަހެއް ފެށެނީ، ހިނގާ ހަނދު މަހުގެ 29 ދުވަސް ހަމަވެ، އެދުވަހުގެ އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ހުރިނަމަ، އެވަގުތުން ފެށިގެންނެވެ. ނުވަތަ 30 ދުވަސް ހަމަވުމުންނެވެ. ހިނގާ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސިއްޖެނަމަ، އެމަސް ވާނީ 30 ދުވަހުގެ މަހަކަށެވެ.
ރައީސް މައުމޫން

މި ހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހަކީ މި ހިނގާ މޭ މަހުގެ 22 ވާ ހުކުރު ދުވަހެވެ. ރައީސް މައުމޫން ވިދާޅުވީ ފަލަކީ ހިސާބުން ދައްކާ ގޮތުގައި، އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ހުރިހާ އިސްލާމީ ގައުމުތަކަށް ހަނދު އޮއްސޭ ކަމަށެވެ. މިގޮތުން، ރާއްޖެއަށް ބަލާނަމަ، ރާއްޖޭގެ އެންމެ އުތުރަށް އެދުވަހު އިރު އޮއްސުމުގެ 12 މިނެޓު ކުރިން، މާލެއަށްވެސް އިރު އޮއްސުމުގެ 12 މިނެޓު ކުރިން، އަދި ރާއްޖޭގެ އެންމެ ދެކުނަށް އެދުވަހު އިރު އޮއްސުމުގެ 11 މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށެވެ.

އެހެނިހެން އިސްލާމީ ގައުމުތަކަށް ބަލާއިރު، އެންމެ އިރުމައްޗަށް އޮންނަ އިންޑޮނީޝިޔާގެ ޖަކާޓާއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސެއެވެ. އެންމެ ހުޅަނގަށް އޮންނަ މޮރޮކޯގެ ކެސެބްލަންކާއަށް އެދުވަހު އިރުއޮއްސުމުގެ 4 މިނެޓު ކުރިން ހަނދު އޮއްސެއެވެ. އެންމެ އުތުރަށް އޮންނަ ތުރުކީއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސެއެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމް

އަދި މައްކާއަށް އެދުވަހު އިރު އޮއްސުމުގެ 10 މިނެޓު ކުރިން، މަދީނާއަށް 11 މިނެޓު ކުރިން، ކުވޭތަށް 14 މިނެޓު ކުރިން، މެލޭޝިޔާއަށް 15 މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ އާ މަހުގެ ހަނދު އުފަންވަނީ، މޭ މަހުގެ 22 ވަނަ ދުވަހުގެ ރޭ 10:38 ގައި ކަމަށެވެ.

މިދެންނެވި ހުރިހާ ތަންތަނަށް މިހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ، ވިދިގެން އަންނަ މޭ މަހުގެ 23 ވާ ހޮނިހިރު ދުވަސް ވާނީ، މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ. އަދި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ (ފިޠުރު ޢީދު ވާނީ) މި ހިނގާ މޭ މަހުގެ 24 ވަނަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ވީ އޭޕްރީލް މަހުގެ 24 ވީ ހުކުރަށެވެ. ކަލަންޑަރު ބުނާގޮތުންވެސް ފިޠުރު ޢީދު ދުވަހަކީ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހެވެ. ހަނދުސާބިތުކުރުމުގެ ރަސްމީ ޖަލްސާ މާދަމާ ރޭ ބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.