ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު 13 މީހުން ބަލިން ފަސޭހަވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެންމެފަހުން ބަލިން ފަސޭހަވި މީހުންނާއެކު، ކޮވިޑް-19 ބަލި ޖެހުނު މީހުންގެ ތެރެއިން ޝިފާ ލިބުނު މީހުންގެ ޖުމްލަ އަދަދު 104 އަށް އަރާފައިވާ ކަމަށެވެ.

ޕްރެސް ކޮންފަރެންސް ފެށުމުގެކުރިން، ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ އަދަދުއޮތީ 91 ގައެވެ.

ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ، ބަލިން ފަސޭހަވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިން ބިދޭސީއެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ރޭގެ 12:00 އިން ފެށިގެން މިރޭގެ ޕްރެސްއާ ހަމައަށް އަލަށް 21 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 1،216 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 1،039 ފިރިހެނުންނާއި، 177 އަންހެނުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 622 މީހުންނާއި، 434 ދިވެހިންނާއި، އިންޑިއާގެ 118 މީހުންނާއި، ނޭޕާލް 16 މީހުންނާއި، އިޓަލީ 11 މީހުންނާއި، ސްރީލަންކާ 8 މީހުންނާއި، ޕާކިސްތާން 3 މީހުންނާއި، އިތުރު 4 މީހެކެވެ.