އަތޮޅުތެރޭގެ މިސްކިތްތައް މާދަމާގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހްމަދު ޒާޙިރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހްމަދު ޒާޙިރު ވިދާޅުވީ، ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލަނީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ލޮކްޑައުން ކޮށްފައިވާ މާލެ ސަރަހައްދާއި، އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ މިސްކިތްތައް ކަމަށެވެ.

ހާލަތު ރަނގަޅު ރަށްރަށުގެ މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލަނީ، ސިއްހީ ތަޖުރިބާކާރުންގެ ލަފައާއި މަޝްވަރާގެ މަތިން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، ޖަމާއަތުގައި ނަމާދުކުރުމަށް މިސްކިތްތައް ހުޅުވާލަނީ ގައިދުރުކަމާއި، މާސްކް އެޅުމާއި، ނަމާދަށްފަހު މިސްކިތުގައި މަޑުނުކުރުންފަދަ އުސޫލުތަކެއް ކަނޑައަޅައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޑޮކްޓަރުން ލަފާދެއްވާ ގެއިން ވުޟޫ ކޮށްގެން އައުމަށާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާޖެހި ކިނބިހި އަޅާމީހުން މިސްކިތަށް ނައުމާއި، މިސްކިތުގަ މާގިނަ ވަގުތު ހޭދަ ނުކުރުމާއި، ކޮންމެ މީހަކުވެސް މިސްކިތަށް އަންނައިރު މުސައްލައެއް ހިފައިގެން އައުމާއި، ދެން މިސްކިތުގަ ކާޕެޓް އަޅާފަ ނުބޭއްވުން. މިހާރުވެސް ގިނަ މިސްކިތްތަކުގަ ހުންނާނީ ކާޕެޓް ނެގިފައި. ކާޕެޓް ނާޅާ މިސްކިތުގަ ނަމާދުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން އެ ބޭފުޅުން ލަފާދެއްވަނީ. މިސްކިތަށް އަންނައިރު މާސްކް ބޭނުން ކުރުމަކީވެސް އެބޭފުޅުން ލަފާދެއްވާފައިވާ ކަމެއް. ރައްކާތެރިކަމުގެ މިފިޔަވަޅުތަކާ އެކީގައި އަޅުގަނޑުމެން މި ގަސްތުކުރަނީ ހުކުރު ނަމާދުންފެށިގެން ލޮކްޑައުންކޮށް މޮނިޓަރިންގ ހާލަތް ނެތް ރަށްރަށުގައި މިސްކިތުގެ ޖަމާއަތް ފަށަން"
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، އެލްޖީއޭއާއި، ކައުންސިލްތަކާ ގުޅިގެން ހުކުރު ނަމާދު ކުރުމުގެ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ހުކުރު ނަމާދުގެ ޚުޠުބާ މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު އަޕްލޯޑް ކުރެވިފައިވާނޭ ކަމަށްވެސް ޑރ. އަހްމަދު ޒާހިރު ވިދާޅުވިއެވެ.

އަދި މިސްކިތްތަކުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި، ކަންތައްތައް ތަރުތީބުވެގެން ދާންޖެހޭ ގޮތުގެ ސާރކިއުލާއެއް ހުރިހާ ރަށަކަށް މިނިސްޓްރީން ފޮނުއްވާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސްކުރަން، އަޅުގނޑުމެންނަށް މިލިބުނު ލުޔަކީ އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅާއެކީގަ އަޅުގަނޑުމެންނަށް ލިބުނު ލުއިފސޭހައެއްކަން. އަދި މިކަންތައްތައް ރަނގަޅުވަމުން މިދަނީވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތާ އެކީގަ، އަޅުގަނޑުމެންގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ގިނަ ފިޔަވަޅުތަކުގެ ސަބަބުންކަން. އަޅުގަނޑު ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަން، ހުރިހާ ބޭފުޅުންވެސް ގޭގައި ތިއްބަވައިގެން ނަމާދަށް ޚާއްސަ ސަމާލުކަމެއް ދެއްވި ފަދައި، ގިނަގިނައި ދުޢާކުރެއްވި ފަދައިން، މިސްކިތަށް ނަމާދަށް ގޮސް އުޅުއްވާއިރުވެސް މިކަންތަކުން މިންޖުވުމަށްޓަކައި ވީހާވެސް ގިނަގިނައިން ދުޢާކޮށް ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭކަމެކޭ"
ޑރ. އަހްމަދު ޒާޙިރު