ވެލްޓިލޭޓަރުތަކެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ކުރެވުނު ތުހުމަތަތާ ގުޅިގެން ބޮލީވިއާގެ ހެލްތު މިނިސްޓަރ ހައްޔަރުކޮށްފިއެވެ.

މައްސަލަ ޖެހިގެން އުޅެނީ، މާ އަގުބޮޑުކޮށް ވެންޓިލޭޓަރުތައް ގަނެފައިވާ މައްސަލާގައެވެ.

މިކަމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭކަމާއި އަދި ހެލްތު މިނިސްޓަރު މާސެލޯ ނަވަހާސްގެ މައްޗަށް ތުހުމަތުތައް ކުރެވުމާ ގުޅިގެން ބޮލީވިއާގެ ވަގުތީ ރައީސް ޖެނީން އަނޭޒްވަނީ ހެލްތު މިނިސްޓަރ ނަވަހާސް މަގާމުން ވަކިވެސް ކުރައްވާފައެވެ.

ބޮލީވިއާގެ ފުލުހުން ހެލްތު މިނިސްޓަރ ހައްޔަރު މިކުރީ، ވެލްޓިލޭޓަރުތައް ގަތުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ތަހްގީގުކުރުމަށް ވަގުތީ ރައީސް ޖެނީން އަނޭޒް ގޮވާލެއްވިތާ އެއްދުވަސް ފަހުންނެވެ.

ޚަބަރު ލިބޭގޮތުގައި ހެލްތު މިނިސްޓަރ މާސެލޯ ނަވަހާސްގެ އިތުރުން، ހެލްތު މިނިސްޓްރީގެ އިސް ދެ އޮފިޝަލެއްވެސް ފުލުހުން ހައްޔަރުކޮށްފައި ވެއެވެ.

ވެރިކަމުގައި އެންމެ ހަމަސް ހޭދަކުރެއްވި ވަގުތީ ރައީސް ޖެނީން އަނޭޒްގެ ސަރުކާރުގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތި މިވީ، ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދޯދިޔާކަމަށް ބުނެ އެތައްބައެއްގެ ނުރުހުންވެސް ރައީސަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ބޮލީވިއާއިން 179 ވެންޓިލޭޓަރު ގަނެފައިވަނީ ސްޕެއިންގައި ވެންޓިލޭޓަރު އުފައްދާ ކުންފުންޏަކުންނެވެ. އޭގެ އެއްޗެއްގެ އަގު ޖެހިފައިވަނީ 27،683 އެމެރިކާ ޑޮލަރަށެވެ. 179 ވެންޓިލޭޓަރަށް އަރަނީ ގާތްގަނޑަކަށް 5 މިލިއަން އެމެރިކާ ޑޮލަރެވެ.

މިތަކެތި ގަތުމަށް ބޮލީވިއާއަށް ފަންޑު ދީފައިވަނީ އިންޓަރ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކުންނެވެ.

ނަމަވެސް ފަހުން ހާމަވެފައިވާ ގޮތުގައި، ސްޕެއިންގެ ކުންފުނިން ވެންޓިލޭޓަރެއް ވިއްކުމަށް އަގު ދީފައިވަނީ، ބޮލީވިއާއިން ގަނެފައިވާ އަގަށްވުރެ ދެބައިކުޅަ އެއްބައި ކުޑަކޮށެވެ. އެއީ، ވެންޓިލޭޓަރެއް 10،312 – 11،941 އެމެރިކާ ޑޮލަރާ ދެމެދުގެ އަގަށެވެ.

ޚަބަރުތައް ބުނާގޮތުގައި، ބޮލީވިއާއިން ސްޕެއިންގެ ކުންފުނިން ވެންޓިލޭޓަރު ގަތުމުގައި މެދުވެރިޔަކަށްވީ ސްޕެއިންގެ އެހެން ކުންފުންޏެކެވެ.

ބޮލީވިއާގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސްޕެއިންގެ ކުންފުނިން ވެންޓިލޭޓަރު ގަތުމަށް ބޮލީވިއާ ސަރުކާރުން މިހާރު 2 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. ނަމަވެސް، އިތުރަށް ދެން އެންމެ ސެންޓެއްވެސް ނުދެއްވާނޭ ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި ބޮލީވިއާގެ ރައްޔިތުންގެ އަތުން ގެއްލިގެންދިޔަ ފައިސާ އަނބުރާ ހޯއްދަވާނޭ ކަމަށްވެސް ވައުދުވެވަޑައި ގެންފައި ވެއެވެ.

މައްސަލަ ފެންމަތިވީ، ސްޕެއިނުން ގަނެގެން ގެނައި ވެންޓިލޭޓަރުތަކަކީ ބޮލީވިއާގެ އިންޓެންސިވް ކެއަރ ޔުނިޓްތަކުގައި ބޭނުންކުރެވޭ ވެންޓިލޭޓަރުތަކެއް ނޫންކަމަށް ބުނެ ޑޮކްޓަރުން ޝަކުވާ އުފުލުމުންނެވެ.

ސަރުކާރުގެ ކޮމިއުނިކޭޝަންއާބެހޭ ވެރިޔާ އީސަބެލް ފަރނާންޑޭޒް ވިދާޅުވީ، ހެލްތު މިނިސްޓަރ މާސެލޯ މަގާމުން ދުރުކުރެއްވުމަށް ރައީސް ނިންމެވީ، ގާނޫނީ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށެވެ.

ބޮލީވިއާއިން މިހާތަނަށް 4،500 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، ބަލީގައި 190 މީހުން މަރުވެފައި ވެއެވެ.

ބޮލީވިއާގެ ރައީސްކަމުގެ މަގާމާ ޖެނީން އަނޭޒް، މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ވަގުތީގޮތުން ހަވާލުވެވަޑައި ގެންނެވީ، ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައްކޮށް، ގައުމުގައި ބޮޑެތި ހަމަނުޖެހުންތައް ފެށުމާ ގުޅިގެން އޭރު ވެރިކަމުގައި ހުންނެވި އީވޯ މޯރޭލްސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.