އޯލެވެލް އާއި އޭލެވެލް އިމްތިހާންގެ ސެޓްފިކެޓް ދަރިވަރުންނަށް ނުލިބިގެން އުޅެނީ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެއާ ހަމައަށް ސެޓްފިކެޓްތައް ނުގެނެވިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރ/ނޮވެމްބަރ ގައި އޯލެވެލް އިމްތިހާން ހެދި ދަރިވަރުންނާއި އޭލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ލިބުން ލަސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ އޭލެވެލް އަދި އޯލެވެލް ސެޓްފިކެޓްތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށެވެ. އަދި ސެޓްފިކެޓްތައް ޕްރިންޓްކުރާނީ ރީޗެކް މަރުހަލާ ނިމި، ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މަރުހަލާ ނިމި، ސެޓްފިކެޓްތައް ފޮނުުވުމާ ހަަމައަށް އައިއިރު ކޮވިޑް-19 ގެ ސަބަބުން އިނގިރޭސިވިލާތާއި އަދި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް އެ ގައުމުތައް ވަނީ ފުރަބަންދުކޮށްފައި ކަމަށެވެ. އެހެންކަމުން ސެޓްފިކެޓްތައް ރާއްޖެއަށް ގެނައުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އަދި ރާއްޖެއާ ހަމައަށް ގެނެވިފައި ނުވާ ކަމަށެވެ.

ސެޓްފިކެޓްތައް ނުލިބި ލަސްވަނީ އިމްތިހާންތައް ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން ކަމުގައި ދަންނަވަމެވެ. އަދި ސެޓްފިކެޓްތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ވާހަކަ ވެސް ދެންނެވީމެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނޫސްބަޔާން

ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހެޅުމަށް ބޭނުންނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. ނަތީޖާގެ ކަށަވަރުކަން ޔަގީންކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން އެކަން ހަމަޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.