މުލަރޯދަ ވިލޭރެއަށް ހަނދުބަލައިފިއެވެ. އަދިވެސް ފިނިކުރާ އަލަމާރީގެ ޚަބަރެއް ނުވެއެވެ. ކާފަ ކައިރީގައި އައިސް އަލަމާރި ގެންނާނީ ކޮން އިރަކުންތޯ އިރުއިރު ކޮޅުން ސުވާލު ކުރެވެއެވެ.

މިއީ އަޅުގަނޑުގެ ކުޑައިރުގެ ހަނދާނުން ތަންކޮޅެކެވެ. 1977 ވަނަ އަހަރެވެ. އުމުރުން އޭރު 10 އަހަރެވެ. އަޅުގަނޑުގެ ކާފައަކީ ސައި ހޮޓާ ހިންގި މީހެކެވެ. ކާފަ ބަލިވުމުން އެ ވިޔަފާރިއާ ހަވާލުވީ އަޅުގަނޑުމެން ގޭގެ އާއިލާގެ އެންމެންގެ ދޮންބޭބެ އެވެ. މިހޮޓާ ހުންނަނީ އޯކިޑް މަގުގައެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހޮޓާ ބަންދުކޮށް ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދެއެވެ. ގިނައީ ރަށްރަށުން ވަޒީފާއަށް މާލެ އައިސް ތިބޭ މީހުންނެވެ. ވޭޓަރުންނަށް އުޅެނީ ވެސް ވަރަށް ޒުވާން ކުދިންނެވެ. ބަދިގޭގައި ވެސް އުޅެނީ ދިވެހިންނެވެ. އެއްވެސް ބިދޭސީއަކު ހޮޓަލުގެ ވަޒީފާގައެއް ނޫޅެއެވެ.

މުލަރޯދަ ވިލޭރޭ ހޮޓާ ބަންދު ކުރުމަށް ފަހު އައިސް އަލަމާރި ގެންނާނެކަމުގެ ޚަބަރު ހަފްތާއެއް ކުރިން އޮތީ ލިބިފައެވެ. އަޅުގަނޑުމެންގެ ގޭދޮށުގައި ވެސް އައިސް އަލަމާރިއެއް ހުންނަނީ އެންމެ ފިހާރައެއްގައެވެ. އަވަށްޓެރިންގެ ގެތަކުގެ ތެރެއިން ވެސް ތަންކޮޅެއް ތަނަވަސް ދެގެއެއްގައި އައިސް އަލަމާރި ހުރެއެވެ. އެއީ ދެ ވިޔަފާރިވެރިންނެވެ.

އައިސް އަލަމާރި ލިބުނީ އަނެއް ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ. އަލަމާރި ފަސްފޫޓަށް ވުރެ ބޮޑެއް ނުވާނެއެވެ. ގަނޑުކުރާބައި ވަރަށް ވެސް ކުޑައެވެ. އަޅުގަނޑަށް އޮތް މަސައްކަތަކީ އޯމޯފެނުން ރީތިކޮށް ސާފުކޮށް އައިސްއަލަމާރި ދޮވުމެވެ. އަލަމާރި ބެހެއްޓީ ގޭގެ ބޮޑު ފެންޑާގައެވެ.

އަލަމާރިއަށް ފުޅިފުޅީގައި ފެން ލައިފިއެވެ. ދެން އެ އަލަމާރީގައި ރައްކާކުރާނެ މާބޮޑު ތަކެއްޗެއް އޭރު ނުގެންގުޅެއެވެ. ކަރާފަނި ވެސް ގިރާފައި ފިނިކުރަން ލީ ތެއްޔެއްގައެވެ. އޭރު އަދި މިކްސްޗަރ ލޮލުން ވެސް ނުދެކެމެވެ. ފަނި ގިރަނީ ކަރާ ކޮށައިގެންނެވެ. ދެން އަލަމާރީގައި ރައްކާކުރީ ދުފަން ބޭނުން ކުރާ ބިލެތެވެ. އެދުވަސްވަރަކީ ޕެކެޓްގައި ހުންނަ ދިޔާކިރު ގެންގުޅޭ ދުވަސްވަރެއް ނޫނެވެ. އަދި ޖޫސް ޕެކެޓްތަކާއި، ޗީޒާއި ފިނިކުރި ކުކުޅެއް ވެސް ނުލިބެއެވެ.

މާލޭގައި ތަރުކާރީގެ ބާވަތްތައް ވިއްކާ ފިހާރަތަކެއް ނުހުރެއެވެ. ސްލޭމް ފުޑްސް ކިޔާ ތަނެއް ވެސް ހުޅުވީ 1979 ގައެވެ. އެތަނުން ކެބެޖް، ކެރެޓް، ޓޮމާޓޯ އަދި ފިނިކުރި ކުކުޅު ލިބެން ހުއްޓެވެ. ގަނޑުކުރާ ބައި ބޭނުންކުރީ ޖޫސް ޕެޓީ ކޮތަޅުގައި ފެން ގަނޑުކުރާށެވެ. އަދި ދައްތަމެން ބައެއް ފަހަރަށް ލޮލީ ވެސް ހަދައެވެ.

މުލަ ރޯދަ ދުވަހު ފޯރާ މީހުންގެ ގޭގައި ކުކުޅު ރިހައާއި ފެން ފޮޅި އަދި ކިރު ކައްކައެވެ. ކުކުޅަކީ ރާއްޖެއިން ލިބެން ހުންނަ ދިވެހި ކުކުޅެވެ.

ރޯދަ މަހު ތަރާވީސް ދަމު ލޮލީ ބުއިމަކީ ވަރަށް މަޖާ ކަމެކެވެ. ދެން ކޮންމެ ރޯދަ މަހަކު ވެސް ހޮޓާ ބަންދު ކުރުމަށް ފަހު އައިސް އަލަމާރި ގެއަށް ގެންނަން ފަށައިފިއެވެ. ކައިރި އަވަށްޓެރިންނަށް ފެން ގަނޑުކޮށްފައި ދީ ހަދައެވެ. އަދި ބައެއް މީހުންގެ ފެންފުޅި ފިނިކޮށްލަން އަލަމާރީގައި ބާއްވާލަދެއެވެ. އެއީ ޖެހިގެން އެއްފުޅަށް ވެފައި ހުންނަ ގޭގެއަށް ދޭ ޚާއްސަ ޚިދުމަތެކެވެ. އަލަމާރި ކުޑަކަމުން މާބޮޑު ޖާގައެއް ވެސް ނޯވެއެވެ.

ހިތާމައަކީ ހަރޯދައަށް ފަހު ހޮޓާ ހުޅުވުމާއެކު އައިސް އަލަމާރި އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާތީއެވެ. ކުޑަ ދުވަސްކޮޅަކަށް ފިނި ފެން ބޮއިލައި ލޮލީ ބޮއިލައި ފިނިކޮށް ފަނި ބޮއިލެވެއެވެ. ދެން އަންނަ އަހަރުގެ ރޯދަ މަހަށް އިންތިޒާރު ކުރުން ނޫން ގޮތެއް ނޯވެއެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު ޝިޔާމަކީ ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ލިޔުންތެރިކަމުގެ ދާއިރާގައި ވެސް މިނަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން އޭނާގެ ބައިވެރިވުން އޮތް އެންމެ ބޮޑު މަސައްކަތަކަށް ފެނިފައިވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ބޭހެގޮތު ފެބްރުއަރީ މާހު ބާޒާރަށް ނުކުތް ފޮތެވެ.

ޝިޔާމް ވަނީ "އާފަތިސް" އާއި "ހަވީރު" ނޫހަށް ލިޔުއްވާފައެވެ. ސަރުކާރުގެ ނޫހެއް ކަމުގައިވާ "ފުރަދާނަ" ނޫހުގައިވެސް އެންމެ އިސްމީހެއްގެ ގޮތުން މަސައްކަތް ކުރައްވާފައި ވެއެވެ. އަދި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ނުކުތް "ފިޔެސް" މަޖައްލާގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވާފައި ވެއެވެ. މީގެ އިތުރަށް، އެމް.ވީ ޔޫތުގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް ކުރައްވާފައިވާ އަހުމަދު ޝިޔާމް މިހާރު އާންމުކޮށް ލިޔުއްވަމުން ގެންދަވީ ލިޔުންތެރިންގެ ގުޅުމަށެވެ.