މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ތެރެއިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް އެންގި އެންގުމަކީ މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ ހިތަށް ދުވަހަކު ވެސް ނުވާ ވަރަށް ތުރާވެ ، ދެރަވި އެންގުމެކެވެ. އެއާއިއެކު ބަންގީގެ ފަހުން " ގޭގައި ނަމާދުކުރުމަށް" ގޮވާލި ގޮވާލުމާއި އެކު ހިތް ފަޅައިގެން ދިޔަފަދަ އެވެ. އެ ފަދައިން މިސްކިތުގައި ބަންގި ގޮވަން ހުރި މުދިމު ގޮވަމުން ދިޔައިރު އެ އަޑުގައިވާ ހިތާމާއާއިއެކު ރޮވެމުން ދިޔައަޑު އިވުނެވެ. ކޮންފަދަ އިމްތިހާނެއް ބާވައެވެ.

މާތް ﷲގެ އިރާދަފުޅުން މިއަދު މިވަނީ އަނެއްކާވެސް ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް މެދުވެރިވެފައެވެ.

އާއްމު ހާލަތުގައި ހުރި ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެކަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފައިވާއިރު ހުކުރު ނަމާދުން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ﷲ ގެ ގެކޮޅުތައް އަލުން ހުޅުވޭ އިރު، އަޅުތަކުންގެ ހިތްތައްވެސް އެ ގެކޮޅުތަކާ ގުޅެންޖެހެއެވެ.

މުސްލިމެއްގެ ހައިސިއްޔަތުން މިސްކިތަށް ނަމާދު ކުރުމަށް ނުވަތަ ﷲ ގެ ޒިކުރު ކުރެވޭ މަޖިލީހަކަށް ދިޔުމަށް ޝައުޤުވެރިވުމަކީ ކޮންމެ މުކައްލަފު ފިރިހެނެއްގެ މައްޗަށް ލާޒިމު ކުރުވާ ކަމެކަމަކަށް ވާއިރު ޖަމާއަތުގައި ނަމާދުކުރުމަށް ޚާއްސަ ސަމާލުކަމެއްދޭންޖެހެއެވެ.

އައްޝައިޚް ޝަފީއު އަބްދުއްﷲ ވިދާޅުވީ މިސްކިތްތައް ބަންދުކޮށްފައި ހުރި ހުރުމަށް ނިމުމެއް އައިސް ބަލި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރަން ލިބުނު ފުރުސަތުގެ ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.އަދި މި ލިބުނު ފުރުސަތަށް މާތް ﷲއަށް ހަމްދުކޮށް މިސްކިތްތަކާއި އޮތް ގުޅުން އިތުުރުކުރަން ޖެހޭ ކަމަށެވެ.

މިއަދު ﷲ ސުބުނަހޫ ވަތަޢާލާގެ ރަހުމަތުން މިވަނީ އެ ފުރުސަތު ހުޅުވާލެވިފައި. އެހެންކަމުން ޖަމާއަތުގައި ނަމާދުކުރުމަށް އިސްކަމެއް ދޭންޖެހޭނެ. އަދި ޖަމާއަތުގައި ނަމާދު ކުރާއިރު ވެސް ސިއްހީ ފަރާތްތަކުން އަންގަވާފައިވާ ގޮތަށް އެ ގައިޑްލައިން ތަކަށް އަމަލުކުރަންޖެހޭނެ. އަދި ﷲ ސުބުނަހޫ ވަތަޢާލާ މި ދެއްވި ނިޢުމަތަށް ޝުކުރުވެރިވެ، މި ލިބުނު ފުރުސަތުގެ ބޭނުންކޮށް މިސްކިތްތަކާއި އޮތް ގުޅުން އިތުރުކުރަން ޖެހޭނެ. ނަމާދަށް އަހަންމިއްޔަތުކަންދީ ޚާއްސަކޮށް ފިރިހެން ބޭފުޅުން ޖަމާއަތުގައި ނަމާދުކުރަން އިސްކަމެއް ދޭން ޖެހޭނެ.
ޝެއިޚް ޝަފީއު

މިސްކިތްތަކުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔައިރު ވަކި ޝަރުތުތަކެއްގެ ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނަމާދަށް ދާއިރު ގެއިން ވުޟޫއުކޮށްގެން ދާންޖެހޭއިރު، އަމިއްލަ މުސައްލައެއް ގެންދިއުމާއި، އަތާއި އަތް ޖޯޑުކޮށް ސަލާން ނުކުރުން އަދި ސަފު ހަދާއިރު ގައިދުރުކަން ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން މިސްކިތައް ނުދިއުމަށް ވަނީ އަންގާފައެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މިސްކިތަށް ނުދިއުމަށް ވެސް އިސްލާމިކް މިނިސްޓްރީން ޝަރުތުކޮށްފައިވެއެވެ.

ހަމައެހެންމެ މިސްކިތްތަކުގައި ވެސް ވަކި ޚާއްސަ ޝަރުތުތަކެއް ހުންނަންޖެހޭއިރު އޭގެތެރޭގައި މިސްކިތްތަކުގައި ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހުރުމާއި، ކާޕެޓު ނޭޅުމާއި، ނަމާދު ވަގުތުގެ ކުރިން މޮޕްލާއި ސާފުކުރުން، ކޮންމެހެން ޖައްސަން ޖެހިގެން ނޫނީ އޭސީ ބޭނުން ނުކުރުމާއި، މިސްކިތުގެ ކުޑަދޮރުތައް ހުޅުވައި ވައި ސާފުވާނެގޮތް ހަދަންޖެހޭކަމަށްވެސް އެ މިނިސްޓްރީން ބުނެއެެވެ.

އާންމު ހާލަތުގައިވާ ރަށްރަށުގެ މިސްކިތްތަކުގައި ނަމާދު ޖަމާޢަތުގައި ކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމާއިއެކު ކޮންމެ މީހަކުވެސް ބަލަންވީ މިއަދު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމާތްކުރައްވާ އާންމު ހާލަތަކަށް އަޅުގަނޑުމެންނަށް އާދެވޭތޯ ދުއާކޮށް ﷲގެ ގެކޮޅުތަކުގައި ހެޔޮއަމަލުތައް ކުރެވޭތޯ އެވެ. މިސްކިތްތައް ބަންދުކުރުމުން ހިތަށްލިބުނު ހިތްދަތިކަން ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ހީވާގިކަމާއި އެކު ނަމާދަށް ފަރުވާތެރިވެ އަޅުކަމުގައި ދެމި ހުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރެވޭތޯއެވެ.