ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، ހުޅުމާލެ ޖަލުގައިވެސް ރެންޑަމް ސާޕަލް ނަގަން ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންސް ވިދާޅުވީ ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ ) އާއި ގުޅިގެން ޖަލުތަކުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްތަކެއް މިވަގު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރު މާފުށީ ޖަލާއި އައްސޭރި ޖަލުގެ އިތުރަށް މާލޭ ޖަލުން ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާ ކަަމަށެވެ.

ހުޅުމާލެ ޖަލުގައިވެސް ރެންޑަމް ސާޕަލް ނަގަން ފަށާފައިވާއި މިވަނީ އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް ނަގާފައިވާއިރު، ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ވެސް ވަނީ ނަގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އަދި މި 30 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ކަމަށްވެސް އެ މުއައްސަސާއިން ބުނެއެވެ.

މީގެ ކުރިން މާފުށީ ޖަލުގައާއި އައްސޭރި ޖަލު އަދި މާލެ ޖަލުގައި ވެސް ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައި، އޭގެ ނަތީޖާތައް ވަނީ ނެގެޓިވް ވެފައެވެ. ކޮވިޑް-19 އަށް މާލެއިން ގިނަމީހުން ޕޮޒިޓިވްވާން ފެށުމާއެކު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަންފެށީ އެޕްރީލް މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

މާލޭ ސަރަޙައްދުގެ އިތުރަށް ރީޖަނަލް ހޮސްޕިޓަލް ތަކުގައި އޯޕީޑީއަށްދާ މީހުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަަކާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކްތަކަށްދާ މީހުންގެ ތެރެއިންވެސް ރެންޑަމް ސާމްޕަލް މިހާރު ވަނީ ނަގަންފަށާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުރާލާ އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިން ގައިދީންނާއި ބަންދު މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލެ ފުރަބަންދުވުމާއެކު ޖަލުގެ އޮފިސަރުންވެސް ތިބީ ޖަލުގައި އެކޮމޮޑޭޓް ވެގެން ކަމަށެވެ. ގައިދީއަކު އެމަޖެންސީގައި ފަރުވާ ދިނުމަށް ނޫން ގޮތަކަށް ޖަލުން މިހާރު ނުނެރޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އާއިލި ބައްދަލުވުންތައްވެސް މިވަގު ކުރިއަށްދަނީ ސްކައިޕް މެދުވެރިކޮށް ކަމަށާއި އެގޮތަށް ހަމަޖެއްސީ ވީހާވެސް މޫވްމަންޓުތައް މަދު ކުރަން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހަރަކާތަކަށް ކަރެކްޝަންސްގައި ޚާއްސަ ޓާސްކް ފޯހެއް އެކުލަވާފައިވާ ކަމަށާއި އޭގެ ތެރޭގައި މެޑިކަލް ޓީމުގެ ބޭފުޅުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.