ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން ބަޔަކު އަނެއްކާވެސް ގައުމަށް ފުރުވާލައިފިއެވެ.

ހުކުރު ދުވަހު ވަނީ ދެ ފްލައިޓެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މީހުން ފުރުވާލާފައެވެ. މި ދެ ފްލައިޓަކީވެސް މޯލްޑިވިއަންގެ ދެ ފްލައިޓެވެ.

މިއީ ލިޔެކިޔުންތައް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ފުރުވާލެވުނު ބައެއް ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މިއަދު ފުރި ފުރަތަމަ ފްލައިޓުގައި ވަނީ 152 ބިދޭސީއަކު ޑާކާއަށް ފުރުވާލާފައެވެ. އަދި އެއަށްފަހު އިތުރު ފްލައިޓެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އިތުރު 200 މީހަކު ވަނީ ޑާކާއަށް ފުރުވާލާފައެވެ.

މީގެ ކުރިން ވަނީ މިމަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްއަށް ނިސްބަތްވާ 67 މީހަކު އެގައުމަށް ފޮނުވާލާފައެވެ. އެމީހުން ބަންގްލަދޭޝްއަށް ފޮނުވާލާފައިވަނީ ރާއްޖެއަށް އެހީ ހިފައިގެން އައި އަސްކަރީ ބޯޓެއްގައެވެ. މީގެ އިތުރަށް ބިމަން އެއަރގެ ޗާޓަރ ފްލައިޓުގައި ވަނީ 353 މީހުން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާފައެވެ.

ބަންގްލަދޭޝްގެ އިތުރަށް، ބައެއް އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންވެސް ފުރުވާލުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ވަނީ ކޮށްފައެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހު 237 މީހަކު އެމީހުންގެ ގައުމުތަކަށް ވަނީ ފުރުވާލާފައެވެ. އެއީ އިންޑޮނޭޝިއާގެ 190 މީހަކާއި ޔޫރަޕްގެ އެކި ގައުމުތަކަށް ނިސްބަތްވާ 47 މީހުން ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި ޔޫރަޕްގެ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން އަނބުރާ އެމީހުންގެ ގައުމުތަކަށް ދާނީ ސްރީލަންކާގައި ޓްރާންސިޓްކުރުމަށް ފަހުކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އޭޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު، ލިޔެކިޔުންތައް ނެތި ރާއްޖޭގައި އުޅެމުންދިޔަ 840 މީހަކު ފޮނުވާލެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.