އިތުރު 58 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދާދި ދެންމެއަކު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، އަލަށް ޕޮޒިޓިވްވެފައިވާ 58 މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 39 މީހުންނާއި، 18 ދިވެހިންނާއި، އިންޑިއާ މީހެއް ކަމަށެވެ.

މިއީ، މިފަހުން ރާއްޖެއިން އެއްދުވަހެއްގައި އެންމެ ގިނަމީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މިއާއެކު، ކޮވިޑް-19 ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 1،274 އަށް އަރާފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1،274 އަށް އެރިއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން ރޭގެ ނިޔަލަށް 104 މީހަކަށް ޝިފާ ލިބިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ. އިއްޔެ އެކަނިވެސް 13 މީހަކު ބަލިން ފަސޭހަވެފައި ވެއެވެ.