23:30 - އެންމެފަހުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުން މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި 60 މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާން ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މީރާން ޔޫސުފް ވިދާޅުވީ، 60 މީހަކު މަރުވެފައިވާކަން ކަށަވަރު ވެފައިވާ ކަމަށާއި، ބޯޓު ވެއްޓުނު ހާދިސާއިން ސަލާމަތްވި ޒުވާން ދެ ފިރިހެނަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ ކަމަށެވެ.

ހަމަ އެއާއެކު ބޯޓު ވެއްޓި ޖެހުނު ސަރަހައްދުން ޒަޚަމްވި ހަމީހަކަށްވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީރާން ޔޫސުފް ވިދާޅުވީ، މިހާދިސާގައި މަރުވި މީހުންގެ ތެރެއިން މިހާތަނަށް ކޮންބައެއްކަން ދެނެގަނެވިފައިވަނީ އެންމެ ފަސްމީހުން ކަމަށެވެ. އެހެން މީހުންގެ ހަށިގަނޑުތައް އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް އަނދާފައި ވުމުން އެއީ ކޮންބައެއްކަން އަދި ދެނެ ނުގަނެވޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

-

ޕާކިސްތާނުގައި އާންމުން ގޮވައިގެން ދަތުރުކުރި މަތިންދާ ބޯޓެއް ވެއްޓި އެތައްބަޔަކު މަރުވެއްޖެއެވެ.

ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސް، ޕީއައިއޭގެ އެއަރބަސް އޭ320 މަރުކާގެ ޕީކޭ8303 މަތިންދާ ބޯޓު ވެއްޓިފައިވަނީ ލާހޫރުން ފުރައިގެން ކަރާޗީއަށް ދަތުރުކުރަނިކޮށެވެ.

ބޯޓު ވެއްޓިފައިވަނީ ކަރާޗީގެ ޖިނާހް އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ދަނިކޮށް އާންމުން ދިރިއުޅޭ ގެތަކެއްގެ މައްޗަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ބޯޓު ވެއްޓުނުއިރު އޭގައި 100 ވަރަކަށް މީހުން ތިބި ކަމަށާއި، 30 މީހުން މަރުވުމުގެ އިތުރުން، ދެން ދަތުރުކުރި އެންމެނަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ޕާކިސްތާނުން ލިބޭ ޚަބަރުތައް ބުނެއެވެ.

މިހާދިސާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓުގައި ތިބިމީހުން އެކަނިކަމެއް ނުވަތަ އޭގެ ތެރޭގައި ބޯޓު ވެއްޓި ޖެހުނު ގެތަކުގެ މީހުން ހިމެނޭކަމެއް އަދި ސާފެއް ނުވެއެވެ.

ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ ތަރުޖަމާނު އަބްދުﷲ ހަފީޒް ވިދާޅުވީ، ބޯޓު ވެއްޓުނުއިރު އޭގަތިބީ 91 ފަސިންޖަރުންނާއި، 7 ކްރޫ މެމްބަރުން ކަމަށެވެ.

ޕީއައިއޭގެ ސީއީއޯ އަރްޝަދު މާލިކް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ، ބޯޓު ވެއްޓުމުގެކުރިން ޕައިލެޓްގެ އެންމެ ފަހުބަހަކީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭކަން ކަމަށެވެ.

މަތިންދާ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، އެ ޚަބަރާއެކު ވަރަށްބޮޑު ސިހުމަކާއި ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައި ވެއެވެ.