އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އަކީ އެހީ ޖަމްއިއްޔާއިން އިސްނަގައިގެން 150 އަށްވުރެ ގިނަ ޖަމްއިއްޔާ، ޖަމާއަތާ ގުޅިގެން ހިންގާ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން ކޮންމެ އަހަރަކުވެސް މިފަދަ އެތައް ހަރަކާތެއް ހިންގައެވެ.

އައިއޭސީގެ "ލޯތްބާއެކު" ޕްރޮގްރާމް މިފަހަރު އަމާޒުކޮށްފައިވަނީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ ނުވަތަ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީވުމަށެވެ. މިގޮތުން ކުރިއަށްގެންދާ "ލޯތްބާއެކު - 2020 ޕެންޑަމިކް ރިލީފް ކެމްޕޭން" އަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ރާއްޖެއަށް ވެސް ކޮވިޑް-19 ގެ ނުރައްކާ ފޯރައި، ބޮޑެތި ދަތިތަކެއް ތަހަންމަލް ކުރަމުންދިޔަ ނަމަވެސް، މި ކެމްޕޭން މެދުވެރިކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީވުމަށް ދިވެހިންގެ ހިތްހެޔޮކަން ވަނީ ދައްކުވައިދީފައެވެ. އެގޮތުން މި ރަމަޟާން މަހުގެ ފަހު ދިހައިގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ލިބިފައިވާ ކަމަށް އައިއޭސީން ހާމަކުރެއެވެ.

މި ކެމްޕޭން ކުރިޔަށް ގެންދަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މި ކެމްޕޭނަށް ކަނޑައަޅާފައިވާ 6 ގައުމަށް ރާއްޖޭގެ ނިސްބަތުން ބޮޑެތި އެހީތަކެއް މިހާތަނަށް ވަނީ ފޯރުކޮށްދެވިފައެވެ. މި ކެމްޕޭން ޚާއްސަ ކުރެވިފައިވަނީ ޔުގެންޑާ، ފަލަސްތީނު، ސީރިޔާ، ޔަމަން، ނޭޕާލްގެ އިތުރަށް މެލޭޝިއާއާއި ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންނަށެވެ.

އައިއޭސީން މައުލޫމާތުދޭގޮތުގައި ލޯތްބާއިއެކު 2020 ކެމްޕޭނުގައި ހިމެނޭ އެއް ބައި ކަމަށްވާ އިފްތާރު ޕެކޭޖުތައް ހަދިޔާކުރުމަށް އެހީ ބަލައިގަތުން ކުރިޔަށްދަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެެެ. އެހެންނަމަވެސް، ކާބޯތަކެތީގެ ޕެކޭޖްތަކަށް ޑޮނޭޝަން ބަލައިގަތުން އޭގެ ފަހުންވެސް ކުރިޔަށް ދާނެ ކަމަށް އައިއޭސީން ބުނެއެވެ. ލޯތްބާއެކު 2020 ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 6 ރޯދައިގެ ނިޔަލަށެވެ.

މި ކެމްޕޭނުން އެހީ ލިބުނު މީހުންގެ ޝުކުރާއި ހެޔޮ ދުއާ، ކެމްޕޭނަށް އެކި ގޮތްގޮތުން އެހީވެދެއްވި ބޭފުޅުންނަށް އައިއޭސީން ވަނީ އުފާލާއެކު ރައްދުކޮށްދީފައެވެ. މީގެ އިތުރަށް މި ކެމްޕޭނުގެ ޒަރިއްޔާއިން އެހީ ލިބުނު މީހުންގެ ހިނިތުންވުމުން ލިބުނު އުފާވެރިކަމަކީ އަގުނުކުރެވޭ ވަރުގެ ކަމެއްގެ ގޮތުގައި އައިއޭސީން ސިފަކުރެއެވެ.

ލޯތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް މިހާތަނަށް ޖުމުލަ 3.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އައިއޭސީގެ މި ކެމްޕޭން ކުރިޔަށްގެންދިޔަ 6 ސަރަހައްދުގައި ހިމެނޭ 4 މީހުންނާއި 6 މީހުން ދިރިއުޅެމުންދާ 3985 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖް ވަނީ ހަދިޔާކޮށްދީފައެވެ.

ލޯތްބާއިއެކު 2020 ކެމްޕޭނުގެ ޒަރިއްޔާއިން، ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއްމަސް ދުވަހުގެ ކާބޯތަކެތީގެ އިތުރަށް އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ. ނިކަމެތިންނަށް ކާބޯތަކެތި ހަދިޔާކުރުމުގެ އިތުރަށް ފިޠުރު ޢީދުގެ މުނާސަބާތާ ގުޅިގެން ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށް އައިއޭސީން ބުނެއެވެ.

ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ އިތުރަށް އައިއޭސީން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީވުމުގެ ގިނަ ކެމްޕޭންތައް ކުރިޔަށް ގެންގޮސްފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އަންނަނީ ލޯތްބާއެކު 2020 ކެމްޕޭނުގެ އެހީ ފޯރުކޮށްދިނުމުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އައިއޭސީގެ ފޭސްބުކް ޕޭޖު https://www.facebook.com/IACMaldives ގައި ހިއްސާކުރަމުންނެވެ.

އައިއޭސީގެ އެމެޖެންސީ ރިލީފް އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މައުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅޭނެއެވެ.