މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މެއިމަހުގެ 24 ވާ އާދީއްތަ ދުވަސްކަމުގައި ކަނޑައަޅުއްވައިފިއެވެ.

މިކަން ހާމަކުރެއްވީ، 1441 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާޙިރުއެވެ.

"ހިޖުރީ ސަނަތުން 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ 29، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ މެއިމަހުގެ 22 ވާ ހުކުރު ދުވަހުގެ އިރު އޮއްސޭއިރު، ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1441 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީއާއި، މިއަދުގެ އިރު އޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނިފައި ނުވާތީއާއި، އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައި ނުވާތީ، ރަމަޟާންމަހާއި ޝައްވާލްމަހުގެ ހަނދު ސާބިތު ކުރުމުގައި ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެމަތިން، މާދަމާ، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ މެއިމަހުން 23 ވާ ހޮނިހިރު ދުވަހަކީ މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ މެއިމަހުގެ 24 ވާ އާދީއްތަ ދުވަހަކީ މިހިނގާ 1441 ވަނަ އަހަރުގެ ފިޠުރު ޢީދުދުވަސް ކަމުގައި ކަނޑައަޅައިފީމެވެ."
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާޙިރު

ހަނދު ސާބިތުކުރުމުގެ ބަޔާން އިއްވަވައި ދެއްވުމަށްފަހު އިސްލާމިކް މިނިސްޓަރވަނީ، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވަބާއިން އެންމެހާ ދިވެހިންނާއި، އިސްލާމީ އުންމަތް އަދި މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރުކޮށް ދެއްވައި، ފުރިހަމަ ސިއްހަތާއި ޢާފިޔަތުގެ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.