ފިޠުރު ޢީދު ނަމާދަށްވެސް މިސްކިތްތައް ނުހުޅުވާގޮތަށް ސައުދީ އަރަބިއްޔާއާއި، ޔޫއޭއީން ނިންމައިފިއެވެ.

ހަމަ އެއާއެކު، ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވުމުގެގޮތުން މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އީދު ބަންދު ތެރޭގައިވެސް ފުރިހަމައަށް ބޯލެނބުމަށް އެގައުމުތަކުންވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

ގަލްފްގެ އަރަބި ގައުމުތަކަށް މިއަހަރުގެ ފިޠުރު ޢީދު ދުވަސް ދިމާވަނީ ބައެއް ގައުމުތަކަށް ހޮނިހިރު ދުވަހު އަދި ބައެއް ގައުމުތަކަށް އާދީއްތަ ދުވަހުއެވެ.

ޝައްވާލްމަހުގެ ހަނދު މިއަދު ނުފެނުމާ ގުޅިގެން ސައުދީ އަރަބިއްޔާއިންވެސް މިހާރު ކަނޑައަޅާފައިވަނީ، އެގައުމަށް މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އާދީއްތަދުވަސް ކަމަށް ކަނޑައަޅާފައެވެ.

ހުކުރުދުވަހު ހަވީރު ޝައްވާލްމަހުގެ ހަނދު ފެނުމުގެ ފުރުސަތު ކުޑަކަމަށް ފަލަކީ ހިސާބުތަކުން ދައްކާކަމަށް ސައުދީ އަރަބިއްޔާގެ މަޖްމާހް އޮބްޒަވޭޓަރީން އިއްޔެ ހާމަކޮށްފައި ވެއެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާއިން މުޅި ގައުމު ލޮކްޑައުންކޮށް، ބަލީގެ ހާލަތު ބޮޑު ރަށްތަކުގައި ކާފިއު ހިންގާފައި ވާއިރު، ރަމަޟާން މަހާއި ގުޅިގެން ހާލަތު ރަނގަޅު ބައެއް ހިސާބުތަކަށް ލުއިދީފައި ވެއެވެ.

އެހެންނަމަވެސް، މައްކާ އަދިވެސްއޮތީ އެއްވެސް ލުޔެއްނުދީ، ލޮކްޑައުންކޮށްފައެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް 67،718 މީހުންނަށް ބަލި ޖެހިފައިވާއިރު، 364 މީހުން މަރުވެފައި ވެއެވެ. އަދި ބެލި ޖެހުނު މީހުންގެ ތެރެއިން 39،003 މީހުން ބަލިން ފަސޭހަވެފައިވެސް ވެއެވެ.