• ގިނައިން ރިކަވަރ ވަމުންދަނީ ދިވެހިން: ޑރ. އަފްޒަލް
  • މަނަދޫއިން ނެގި ހުރިހާ ސާމްޕަލްއެއް ނެގަޓިވް
  • ކ. ހިންމަފުށި އާންމު ހާލަތަށް
  • 77 މީހަކު ކަރަންޓީނުން ދޫކޮށްލައިފި

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ފަސޭހަވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އިއްޔެ 15 މީހަކު އަދި މިއަދުގެ މިހާތަނަށް އިތުރު 3 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

މިއާއެކު، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 109 އަށް އަރާފައެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރޭގައި 62 ދިވެހިން ހިމެނޭ ކަމަށެވެ. ދެން ހިމެނެނީ ބަނގްލަދޭޝްގެ 23 މީހުންނާއި، އެހެން ގައުމުތަކުގެ މީހުންކަމަށް ވިދާޅުވިއެވެ.

މިފަހުން ރިކަވަރ ވަމުންދަނީ ގިނައިން ދިވެހިންކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާ މީހުންގެ ހާލަތާ ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި މިވަގުތު އޮތީ އެންމެ ބަލިމީހެއް ކަމަށެވެ. އޭނާވެސް ޑަބަލް ނެގަޓިވްވެފައިވާ ކަމަށާއި، ހާލަތުވެސް މިހާރު ރަނގަޅު ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި، ބަލީގެ ހާލަތާބެހޭ އެންމެފަހުގެ މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރެއިން ފެށިގެން މިރޭގެ ޕްރެސްއާ ހަމައަށް 58 މީހުން އަލަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ރޭގެ ޕްރެސް ނިމި، ރޭ 12:00 އާ ދެމެދު 28 މީހަކު ޕޮޒިޓިވްވި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިއީ، އިއްޔެ ކުރެވުނު 328 ޓެސްޓުގެ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހިމެނޭ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ އަދަދު މިހާރު މަދުވަމުންދާ ކަމަށެވެ.

އަތޮޅުތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވާ ނ. މަނަދޫގެ ހާލަތާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މަނަދޫ އިތުރު ސާމްޕަލްތައް ނެގި، އެހުރިހާ ސާމްޕަލްއެއްގެ ނަތީޖާވެސް ނެގަޓިވްވެފައިވާ ކަމަށެވެ.

ކަރަންޓީނު ކުރެވިފައިވާ މީހުންނާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ، ކަރަންޓީނުގެ މުއްދަތު ހަމަވެ، ޓެސްޓް ހަދައި ނަތީޖާ ނެގަޓިވްވުމުން މިއަދުވެސް 77 މީހުން ކަރަންޓީނުން ދޫކޮށްލެވިފައިވާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ނެގަޓިވް ވެއްޖެނަމަ ދޫކޮށްލުމަށްޓަކައި އިތުރު 68 މީހެއްގެ ސާމްޕަލްވެސް ނެގުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ހިންމަފުށި މިއަދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ.