• އެމެރިކާގައި އަޅުކަންކުރުން ގިނަކުރަންޖެހޭ: ޓްރަމްޕް

އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުކަންކުރާ ތަންތަން ވަގުތުން ހުޅުވާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންނަށް އަމުރު ކުރައްވައިފިއެވެ.

އަޅުކަންކުރާ ތަންތަން ވަގުތުން ހުޅުވާލުމަށް ޓްރަމްޕް އަމުރު މިކުރެއްވީ، ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވަން އެމެރިކާގައި ހިންގާފައިވާ ލޮކްޑައުންގެ ހާލަތަށް ލުއިތައް ދިނުމާ ދިމާއަށް ދަތުރުފަށާފައި ވަނިކޮށެވެ.

"ޗާރޗްތަކާއި ސިނަގޯގްސްތަކާއި މިސްކިތްތަކަކީ ޟަރޫރީ ޚިދުމަތްތަކެއް ފޯރުކޮށްދޭ ޟަރޫރީ ތަންތަންކަމަށް އަޅުގަނޑު ދެކެނީ"
ޓްރަމްޕް

ޗާޗްތަކަކީ ކްރިސްޓިއަނުން އަޅުކަންކުރާ ތަންތަނެވެ. ސިނަގޯގްސްތަކަކީ ޔަހޫދީން އަޅުކަންކުރާ ތަންތަނެވެ.

ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވީ، ދީނީ އަޅުކަންކުރާ ތަންތަން ވަގުތުން ހުޅުވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ހަފްތާ ބަންދުގައި އެކަން އެގޮތަށް ކުރެއްވުމަށް ޓްރަމްޕްވަނީ ގަވަރުނަރުންނަށް ގޮވާލައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ، ގަވަރުނަރުން އެކަން ނުކުރައްވައިފިނަމަ ޚުދު އޭނާ އިސް ނަންގަވައިގެން އެކަން ކުރައްވާނޭ ކަމަށެވެ.

"އެމެރިކާގައި އަޅުކަންކުރުން ގިނަކުރަންޖެހޭ. އެކަން ކުރަންވީ މަދެއްނޫން!"
ޓްރަމްޕް

ސްޓޭޓްތައް ހިންގެވުމަކީ ގާނޫނީގޮތުން ގަވަރުނަރުންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ގަވަރުނަރުންގެ ބާރުތައް އެއްފަރާތް ކުރައްވައި، އަޅުކަންކުރާ ތަންތަން އަމިއްލަފުޅަށް ހުޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކަން ކުރައްވާނީ ކޮންގޮތަކަށް ކަމެއް ސާފު ނުވާކަމަށް އެމެރިކާގެ މީޑިއާއިން ބުނެއެވެ.

ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް ސުވާލު ކުރުމަށްވެސް ފުރުސަތު ނުދެއްވާކަމަށް މީޑިއާއިން ބުނެއެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މިއަދުވަނީ އަޅުކަންކުރާ ތަންތަން ހުޅުވުމުގައި އަމަލުކުރާނެ ގައިޑްލައިންވެސް ނެރެފައެވެ.

ގައިޑްލައިންގައި ބުނެފައިވަނީ، ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް ތަންތަނާއި އެއްޗެހީގައި އަތްލެވިގެން ކޮވިޑް-19 ބަލި މީހުންގެ މެދުގައި އެހާ ފަސޭހައިން ނުފެތުރޭ ކަމަށެވެ.

ބަލި ފެތުރެނީ އެކަކު އަނެކަކަށް ސީދާ ކޮންޓްކެޓް ވެވިގެން ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާގެ ސީޑީސީން ވެބްސައިޓްގައި ކުރިން ޝާއިއުކޮށްފައިވާ ގައިޑްލައިން އާންމު އެންގުމަކާނުލާ މިގޮތަށް ބަދަލުކުރުމުން އެމެރިކާގެ ބައެއް ސިއްހީ ތަޖުރިބާކާރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިކަމުގެ ސަބަބުން، ގިނަގިނައިން އަތްދޮވުމަށް ދެވެމުންދާ އިރުޝާދުތަކަށް އާންމުން ފަރުވާކުޑަ ކޮށްފާނޭ ކަމަށްވެސް ގެންދަނީ އިންޒާރު ކުރައްވަމުންނެވެ.

ޕްރެސް ކޮންފަރެންސްގައި ޓްރަމްޕްވަނީ، މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް އެމެރިކާ ސަރުކާރުގެ ހުރިހާ އިމާރާތްތަކުން ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް އަމުރު ކުރައްވާފައެވެ. އެއީ، ކޮވިޑް-19 ބަލީގައި އެމެރިކާއިން މަރުވި މީހުންގެ ހަނދާނުގައެވެ.

ކޮވިޑް-19 ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 95،000 އަށްވުރެ މަތިވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދުވަނީ 1.5 މިލިއަނަށް އަރާފައެވެ.