ރާއްޖެއަކީ ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ޕެންޑަމިކްއާއެކު ދިވެހިން އެންމެ ބޮޑަށް ސުވާލު އުފެއްދި އެއް ކަމަކީ ކާބޯތަކެތި ބޭނުންވާ މިންވަރަށް އާންމު ރައްޔިތުންނަށް ލިބޭނެތޯއެވެ.

މިކަންބޮޑުވުމުގައި ގިނަބަޔަކު ތިއްބައި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭޏްޖް ކޮމިޓީއިން ވަނީ ހާލަތާއި ގުޅުވައި ބައެއް މުހިންމު ކަންކަން ކުރުމަށް ވަނީ ލަފާދީފައެވެ. އެގޮތުން، ކޮވިޑް-19 އާއި ގުޅިގެން އަންނާނެ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމްތައް ހިންގާނެ އުސޫލުތަކެއްގެ ލަފާދިނުމަށް ކޮމިޓީން ކުރި ދިރާސާގެ ރިޕޯޓު ވަނީ އާންމުކޮށްފައެވެ.

މިރިޕޯޓުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގެން އެއް ކަމަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއް އިންދުމުގެ ޕްރޮގްރާމެއް މިއަހަރު ތެރޭގައި ރަށު ކައުންސިލްތަކުން ފުރިހަމަ ކުރަންވާނެ ކަމަށް ކަނޑައެޅުމެވެ. މީގެ އިތުރަށްވެސް، ތަރައްގީގެ މަޝްރޫއުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅުންހުރި މުހިންމު ކަންތައްތަކެއް ކުރުމަށް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

ފޮޓޯ: ސޯޝަލް މީޑިޔާ

އަތޮޅުތެރޭގެ ގިނަ ރަށްތަކުގެ ގޯތިތެރޭގައި މިހާރުވެސް ބަނބުކެޔޮ ގަސްތައް ހައްދާފައި ހުންނައިރު، ބަނބުކޭލަކީ ޒަމާނުއްސުރެވެސް ދިވެހިންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކާއެއްޗެކެވެ. މިހާރުވެސް ބަނބުކޭލަކީ އެކި ގޮތްގޮތަށް އެކި ވައްތަރުގެ ކާއެއްޗެހި ތައްޔާރުކޮށްގެން ދިވެހިންގެ ދިރިއުޅުމުގައި ބޭނުންކުރަމުން އަންނަ ބާވަތަކެވެ. އަދި ފަހަށް ކުރިމަތިލާންޖެހިދާނެ ތަދުމަޑު ކަމެއްގެ ހާލަތުން އަރައިގަތުމަށްވެސް ބަނބުކޭލަކީ މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށް މިހާރު މިވަނީ ބެލެވެން ފަށާފައެވެ.

ފޮޓޯ: ސޯޝަލް މީޑިޔާ

ކެނދިކުޅުދޫ ފުޑް ސެކިޔުރިޓީގެ މަސައްކަތަށް ތައުރީފް!

ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ބައެއް ކަންކަން ކުރުަމަށް ލަފާދީފައިވާއިރު، ބައެއް ރަށްތަކުގެ ކައުންސިލުންނާއި ޒުވާނުން ގުޅިގެން އަންނަނީ ރަށު ފެންވަރުގައިވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ނ.ކެނދިކުޅުދޫގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރެވޭނެ ބައެއް ބާވަތްތަކުގެ ގަސް އިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ދެދުވަހުގެ ތެރޭގައި 120 ބަނބުކެޔޮ ގަސް އިންދާފައިވާއިރު، ރައްޔިތުންގެ ތަރުހީބާއިއެކު މިއަދަދު މިއަށްވުރެވެސް އިތުރުކުރެވޭނެ ކަމަށް މަސައްކަތުގައި ހަރަކާތްތެރިވާ ރައްޔިތުން ގަބޫލުކުރެއެވެ. 200 ބަނބުކެޔޮ ގަހާއި، މިދިލި، ކުއްޅަވަށް އަދި ރުއް އިންދުމުގެ މިޕްރޮގްރާމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ކެނދިކުޅުދޫ ޒުވާނުންގެ މިމަސައްކަތަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ތައުރީފް ކުރައްވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ކެނދިކުޅުދޫ ރައްޔިތުން މިދަނޑިވަޅުގައި ކުރަމުންދާ މަސައްކަތަށް ސާބަސް ރައްދުކުރައްވާފައެވެ. އަދި މިރޯގާއިން ސަލާމަތްވި ނަމަވެސް، ރޯގާގެ ތަދު ކުރިއަށް ފެންނަން އެބައޮތްކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އަމިއްލައަށް އިންދާ ނުވަތަ އުފައްދާ ކާބޯތަކެތިން އުޅެވެންޖެހޭނެކަންވެސް އެނގިގެން ހިނގައްޖެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމްވެސް ވަނީ މިމަސައްކަތަށް ހިތްވަރު ދެއްވާފައެވެ. އަދި މިއީ ކުރިމަގަށް ކުރެވުނު ނުހަނު މުހިންމު މަސައްކަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ސިއްހަތަށްވެސް ނުހަނު ފައިދާހުރި އެއްޗެއް!

ބަނބުކެޔޮ ގަހެއް އިންދާތާ ދޭއް ނުވަތަ ތިން އަހަރު ތެރޭގައި ގަހުގައި ބަނބުކެޔޮ އަޅަން ފަށައެވެ. އަދި 80 އަހަރަށްވުރެ ގިނަ އަހަރު މިއިން ގަހެއް ދިރިހުންނަ ކަމަށްވެއެވެ.

ބަނބުކޭލަކީ ހަކަތަ ލިއްބައިދިނުމަށާއި ހަށިގަނޑަށް ބޭނުންވާ އެހެނިހެން މާއްދާތައް ލިއްބައިދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ.

Hawaii Homegrown Food Network

ބަނބުކޭލުގެ އިތުރަށް، ކެއުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނެ ފަލަމަޑީގެ ބާވަތްތަކާއި، މޭވާ އާއި ތަރުކާރީ އަދި އެކި ބާވަތްތަކުގެ ފަތްޕިލާވެއްޔަކީވެސް އަތޮޅުތެރޭގެ ރަށްތަކުގައި މިހާރުވެސް ހައްދަމުން އަންނަ ބާވަތްތަކެވެ. އެހެންނަމަވެސް، ސަމާލުކަންދޭންވީ ކަމަކީ ނުވަތަ ވިސްނަންވީ ކަމަކީ މިހާރަށްވުރެވެސް މިބާވަތްތައް އިންދާ މިންވަރު އިތުރުކުރުމަށެވެ.

ޗައިނާއިން ފުރަތަމަ ކޮވިޑް-19 ބަލި ފެނުނު ކަމުގައިވިޔަސް މިއަދު މުޅި ދުނިޔޭގެ ހުރިހާ ހިސާބަަކަށް މިބަލި މިވަނީ ފޯރާފައެވެ. ސިއްހީ ގޮތުން މިބަލިން ސަލާމަތްވެވުނު ކަމުގައިވިޔަސް، އިޖްތިމާއި ގޮތުންނާއި ޚާއްސަކޮށް އިގްތިސާދީ ގޮތުން އަންނަ ލޮޅުންތަކުން ސަލަމާތްވުމަށް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހޭނެއެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ ދުރާލައި މިކަންކަމަށް ތައްޔާރުވުމެވެ. އަމިއްލަ ގޯތި ގެދޮރުގައި ނުވަތަ ރަށު ފެންވަރުގައި ކާބޯތަކެތި ލިބޭނެ އިންތިޒާމް މިހާރަށްވުރެވެސް ފަހިކުރުން އެއީ މިހާލަތުގައި މިކަމަށް އެންމެ ފަސޭހައިން ގެނެވެން އޮތް ހައްލު ކަމަށް ގިނަ ބަޔަކު ދެކެއެވެ.