މާލެސިޓީގެ ލޮކްޑައުން އުވާލަންދެން އުފަންދުވަހުގެ ސެޓްފިކެޓް ހަދަން އޮންލައިންކޮށް ހުށަހެޅޭގޮތަށް ހަމަޖައްސައިފިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ އެކައުންސިލްގެ ވެބްސައިޓްwww.malecity.gov.mv މެދުވެރިކޮށް ސެޓްފިކެޓް ހެދުމަށް ހުށަހެޅޭނެކަމަށެވެ.

މިގޮތަށް ނިންމީ ގިނަބައެއްގެ އެދުމުގެ މަތިންކަމަށް ވެސް އެކައުންސިލުން ބުނެއެެވެ.

އެކައުންސިލުން ބުނީ ކައުންސިލްގެ ވެބުސައިޓު މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކަށް ދޫކުރެވޭނީ ވަގުތީ ސެޓުފިކެޓެއް ކަމަށާއި އެ ސެޓްފިކެޓް ބޭނުންކުރެވޭނީ މާލޭ ސިޓީގެ ލޮކްޑައުންގެ ހާލަތު އުވާލަންދެން ކަމުގައިއެވެ.

އަދި ދާއިމީ (އަސްލު) ސެޓުފިކެޓު ލިބިވަޑައިގަންނަވާނީ އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓުފިކެޓު އެކައުންސިލަށް ހުށަހެޅުމުން ކަމުގައިވެސް ސިޓީ ކައުންސިލުން ބުނެއެެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކޮށް ސަރުކާރުގެ ހުރިހާ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އެކައުންސިލުން މިހެން ނިންމާފައިވަނީ މާލޭ ސިޓީގެ ލޮކްޑައުން އުވާލަންދެން މާލޭ ސިޓީގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަގޮތެއްގައި ސެޓްފިކެޓް ހެދޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައެވެ.