އިކޮނޮމިކް ރިލީފް ޕެކޭޖް މެދުވެރިކޮށް އެކިއެކި ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އިކޮނޮމިކް ރިލީފް ޕެކޭޖް މެދުވެރިކޮށް ގިނަ އަދަދެއްގެ ފަރާތްތަކަށް ލޯނު އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް 125 މީހަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި މިއީ ޖުމްލަ އަދަދުން ބަލާނަމަ 145.7 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިލީފް ޕެކޭޖުގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ވާކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންގެ ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވުސް އަދި އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޮޕަރޭޝަން މެދުވެރިކޮށް ކަމަށެވެ.

އެގޮތުން މިލޯނުތައް ދެވޭނީ 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓުން 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑާއަކާއެކު ކަމަށާއި މި މުއްދަތުގައި އިންޓްރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކަން ނުޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރުގެ ތެރޭގަ. މި ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވުސް އަދި އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އެޕްރީލް މަހުގެ 8 ވަނަ ދުވަހުގައި ހުޅުވާލާނެ."
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ޓޫރިސްޓް ރިސޯޓުތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވުސް މެދުވެރިކޮށްކަން ހާމަކޮށް މިނިސްޓަރ އަމީރު ވިދާޅުވީ މިސްކީމުގެ ދަށުން ގިނަވެެން ދޫކުރެވޭނީ ރިސޯޓަކަށް 7.71 މިލިއަން ރުފިޔާ ކަމަށެވެ.

ރިސޯޓުތަކުން ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕުގެ ނިސްބަތަށާއި، ރިސޯޓުގައި ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތަ ނުވަތަ އެއަށްވުރެ މަތިތޯ ބެލެމަށްފަހު އެކަމަށް އިސްކަންދެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުިއެވެ.

މީގެއިތުރަށް ރިސޯޓު ނުވަތަ ވިޔަފާރީގެ ނަން-ޕާފޯމިންގ އެސެޓްސް ނެތްތޯއާއި 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯ އާއި ކުރިއަށް އޮތް 3 އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯވެސް ބެލެމަށްފަހު އެކަންތައްތަކަށްވެސް އިސްކަންދެވޭނެ ކަމަށް ވިދާޅުވިއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ރިލީފް ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް އަދި ސެލްފް އެންޕްލޯއިޑް ފަރާތްތަކަށްވެސް ލޯނުއެހީ ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 640 މީހަކަށް ވަނީ ލޯނު ދޫކުރުމުގެ އެޕްރޫވަލް ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެތެރެއިން 241 މީހަކަށް 22.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި މީގެތެރޭގައި ހިމެނެނީ 193 ވިޔަފާރިއާއި ސެލްފް އެންޕްލޯއިޑް 48 ފަރާތްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ކޮވިޑް-19 އާއި ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރު ކުރުވާފައިވާ ފަރާތްތަކަށް މި ލޯނެއް ނުލިބޭނެ. މިކަން ދަނީ ސަރުކާރުން ބަލަމުން."
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އިކޮނޮމިކް ރިލީފް ފަންޑަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ތައާރަފްކޮށްފައިވާ ޕެކޭޖެކެވެ.