ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުނަށް އެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން ނެރެފައިވާ އިއުލާނެއްގައިވަނީ ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބެނުންވާ މީހުން 5 ޖޫން 2020 ވާ ހުކުރު ދުވަހުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ ހޮޓްލައިން ނަންބަރު 1618 އަށް ގުޅުއްވައިގެން ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ.

"މިމީހުންގެ މައުލޫމާތު ސިޓީ ކައުންސިލާއި ހިއްސާ ކުރުމުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދެއްވުން އެދެން."
ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ

މީގެ އިތުރަށް އެސިޓީން ވަނީ ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށްވެސް ނިންމާފައެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި މިހާރު އާންމު ވިޔަފާރި ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެގޮތުން ކާބޯތަކެތި ވިއްކާތަންތަނާއި، ފިހާރަތާކާއި، ސެލޫންއާއި ބޯކޮށާ ތަންތަނާއި، ގަރާޖު ވަޑާންގެފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

މީގެއިތުރުން ނައިބުތުއްތު މަގު ވަކި ވަގުތެއްގައި، ބަނދު ކޮށްފައި ބޭއްވުން ވަނީ އުވާލާފައެވެ.

މި ފިޔަވަޅުތަކަށް ލުޔެއް ދިންނަމަވެސް، ޖިސްމާނީ ގައިދުރުކަން ބެހެއްޓުމާއި، އަދި އާންމު ވިޔަފާރިއަށްފަހު ޑިސްއިންފެކްޓު ކުރުންފަދަ ކަންކަން އުސޫލެއްގެ ގޮތުން ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ޓޭކް އަވޭއަށް އިސްކަން ދިނުމާއި، ޙިދުމަތް ދިނުމުގައި އަންގި އާއި މާސްކު ބޭނުން ކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާއިރު އިސްލާމިކް މިނސިްޓްރީން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކައުންސިލުން ނިންމާފއިވާ ނިންމުންތައް ތަންފީޒު ކުރުމަށްޓަަކައި ރަށުގެ ރައްޔިތުންގެ ދެއްވި އެއްބާރުލުމަށާއި އެހީތެރިކަންވެސް ފާހަގަކޮށް ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފް ވަނީ ޝުކުރުއަދާކުރައްވާފައެވެ.