• ހޭ އެރިއިރު ވަށައިގެން އަނދަމުންދިޔައީ އަލިފާން: ޒުބައިރު

އިއްޔެ ވެއްޓުނު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާ ބޯޓުގެ ކަޅުފޮށި ހޯދައިފިއެވެ.

ޕީއައިއޭގެ އެއަރބަސް އޭ320 ގެ މަތިންދާ ބޯޓު އިއްޔެ ވެއްޓިފައިވަނީ ލާހޫރުން ފުރައިގެން ކަރާޗީއަށް ދަތުރުކުރަނިކޮށެވެ.

މިހާދިސާގައި ބޯޓުން ދަތުރުކުރި 99 މީހުންގެ ތެރެއިން 97 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުންވަނީ ބުނެފައެވެ.

ބޯޓު ވެއްޓުނު ހާދިސާއިން ސަލާމަތްވެފައިވަނީ އެންމެ ދެމީހުންނެވެ. އެއީ ދެ ފިރިހެނުންނެވެ. އެ ދެމީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ސަލާމަތްވި އެކަކީ، މުހަންމަދު ޒުބައިރު ނަމަކަށްކިޔާ އުމުރުން 24 އަހަރުގެ ޒުވާނެކެވެ.

"ބޯޓު ވެއްޓި ޖެހުނުތާ މާ ގިނައިރެއް ނުވަނީސް އަހަންނަށް އަލުން ހޭވެރިކަން ލިބުނު. ލޯ ހުޅުވާލިއިރު ވަށައިގެން ފެނުނީ އަލިފާން ރޯވެ އަނދަމުންދާތަން. އެއްވެސް މީހަކު ފެންނަވަރެއްނޫން، އެކަމަކު ހަޅޭކުގެ އަޑުފަށްގަނޑު އިވޭ. ސީޓްބެލްޓު ނައްޓާލުމަށްފަހު ބޭރުން އައްޔެއް ފެނުނުމުން އެ ދިމާއަށްގޮސް ބޭރަށް ފުންމާލީ"
ޒުބައިރު

ޕާކިސްތާނު ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޒުބައިރުގެ ހަށިގަނޑުން ބައެއް އަލުފާނުގެ ސަބަބުން އަނދާފައިވާ ކަމަށާއި، ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ބޯޓު ވެއްޓުނު ހާދިސާއިން ދެން ސަލާމަތް ވެފައިވަނީ ބޭންކް އޮފް ޕަންޖާބުގެ ރައީސް ޒަފަރު މަސްއޫދެވެ.

ބޯޓު ވެއްޓި ޖެހުނީ އާންމުން ދިރިއުޅޭ އިމާރާތްތަކެއްގެ މައްޗަށެވެ.

،ބޯޓު ވެއްޓިފައިވަނީ ކަރާޗީގެ ޖިނާހް އިންޓަރނޭޝަނަލް އެއަރޕޯޓަށް ދެ ފަހަރަށްވެސް ޖައްސަން ކުރި މަސައްކަތް ނާކާމިޔާބުވުމަށްފަހެވެ.

ބޯޓު ވެއްޓީ ޖެހުނީ ރަންވޭއާ މާ ދުރުނޫން ހިސާބަކަށެވެ،

ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ ތަރުޖަމާނު އަބްދުﷲ ޚާން ވިދާޅުވީ، ފްލައިޓްގެ ޑޭޓާ ރެކޯޑަރާއި، ވޮއިސް ރެކޯޑަރ ހިމެނޭ ކަޅުފޮށި މިހާރު ފެނިފައިވާ ކަމަށެވެ.

ޕީއައިއޭގެ ސީއީއޯ އަރްޝަދު މާލިކް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ، ބޯޓު ވެއްޓުމުގެކުރިން ޕައިލެޓްގެ އެންމެ ފަހުބަހަކީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭކަން ކަމަށެވެ.

މިހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ހިތާމަފާޅުކުރައްވާފައި ވާއިރު، މިހާދިސާގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ބޮޑުވަޒީރުވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.

ކޮރޯނާވައިރަސްގެ ހާލަތާ ގުޅިގެން މަތިންދާ ބޯޓުގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު، ޕާކިސްތާނުން އެތެރޭގެ އުދުހުންތައް ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ.

އިއްޔެ ވެއްޓިފައިވަނީ ކުންފުނިން އުފެއްދުމަށްފަހު 2004 ވަނަ އަހަރު އުދުހެންފެށި ބޯޓެއް ކަމަށް ބޮއިންގ ކުންފުނިން ބުނެފައިވެއެވެ.