• 128 މީހުން ބަލިން ފަސޭހަވެއްޖެ
  • 186 މީހަކު ކަރަންޓީނުން ދޫކޮށްލައިފި

ރާއްޖެއިން އިތުރު 39 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ އާންމުކުރި އެންމެފަހުގެ މައުލޫމާތުގައި ބުނެފައިވަނީ، މިރޭ 9:30 އާ ހަމައަށް އަލަށް ޕޮޒިޓިވްވެފައިވަނީ 16 ދިވެހިންނާއި، ބަނގްލަދޭޝްގެ 15 މީހުންނާއި، އިންޑިއާ 7 މީހުންނާއި، ސްރީލަންކާ ރައްޔިތެއް ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،313 އަށް އަރާފައެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރޭގެ ޕްރެސް ކޮންފަރެންސްއިން ފެށިގެން މިރޭގެ ޕްރެސްއާ ހަމައަށް އިއްޔެ ނަތީޖާ ނުލިބިވާ ސާމްޕަލްތަކާއި، މިއަދު ނަތީޖާ ލިބުނު 462 ސާމްޕަލްގެ ނަތީޖާއާއެކު ޖުމްލަ 598 ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ.

މީގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 39 ސާމްޕަލް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 417 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ސާމްޕަލް ނަގައި ޓެސްޓް ހެދުމަށްފަހު، ޓެސްޓުގެ ނަތީޖާ ނެގަޓިވްވުމުން މިއަދު ކަރަންޓީނުން 186 މީހަކު ދޫކޮށްލެވިފައިވާ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު 3 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. އެއީ 3 ދިވެހިން ކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސް ނިމުނުފަހުން ކޮވިޑް-19 ބައްޔާބެހޭ ފަހުގެ މައުލޫމާތު ހިއްސާކުރާ ޑޭޝްބޯޑުގައިވާޣޮތުން އިތުރު އެކަކު ބަލިން ފަސޭހަވެފައިވެއެވެ.

މިއާއެކު، ކޮވިޑް ބައްޔަށް ޕޮޒިޓިވްވެ، އެ ބަލިން ޝިފާ ލިބުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 128 އަށް އަރާފައެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދާ މީހުންނާ ގުޅޭގޮތުން ޑރ. މުރާދު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި މިވަގުތު އޮތީ އެންމެ މީހެއް ކަމަށެވެ. އެއީވެސް ބަލިން ފަސޭހަވެފައިވާ މީހެއް ކަމަށް ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދަނީ 10 މީހަކަށް ކަމަށާއި، އޭގެ 3 މީހަކަށް އައިސީޔޫގައި ފަރުވާދެމުން ގެންދާއިރު، އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށްވެސް ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.