ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުގެ ނިޔަލަށް، ބަންގްލަދޭޝްއަށް ނިސްބަތްވާ 1000 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ދަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައާއި، ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ގައުމީ އެއަރލައިންގެ މަތިންދާބޯޓުތަކުގައި ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވަމުންނެވެ. އެގޮތުން މިއަދުގެ ނިޔަލަށް 1000 މީހުން ފޮނުވާލެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރަަަަަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝް ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަށް ބަންގްލަދޭޝް ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވާފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކަންތަކުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި އެ މިނިސްޓްރީގެ މުވައްޒަފުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ މިއަދު ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެއާއެކު ބަންގްލަދޭޝްގެ ސަރުކާރާއި، ފޮރިން މިނިސްޓްރީން ދެއްވާ އެހީތެރިކަމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.