ތިން އަހަރުގެ ކޮއްކޮއިނީ ކުޅޭށެވެ. ކައިރީގައި ވަކަރުން ހަދާފަވާ ކުޑަ ފޮށިތަކަކާއި ޕްލާސްޓިކް ގޮނޑިތަކެއް ހުއްޓެވެ. އަހަރެން ގެއަށް ވަންއިރުވެސް ކޮއްކޮ އެ އެއްޗެހީގައި ތަޅާއަޑު އިވެއެވެ. ބާރަށް ގޮސް ކޮޓަރީގެ ދޮރުހުޅުވާލީމެވެ. އަޑު އެއަށްވުރެ ބާރުވިއެވެ.

ސިއްސައިގެން ގޮސް ހޭލެވުނީ އެ އަޑަށެވެ. އޭރު ބޭރު ދޮރުގައި ވަރަށް ބާރަށް ތަޅާއަޑު އިވެއެވެ. ކޮއްކޮފެނުނީ ހުވަފެނުންކަން ވިސްނުނީ ދެނެވެ. ތިން ކޮޓަރި ހުންނަ މިގޭގައި އުޅެނީ އަހަރެންނާއި އަހަރެންގެ ރަހްމަތްތެރިންތަކެކެވެ.

''ކޮބާ ފުރާގަޑިޖެހިގެންނޭ މިއައީ.'' ކުރިމަތީގައި ހުރި ފުލުހުންގެ ދެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. އަހަރެން މިއަންނަނީއޭ ބުނެފައި އެތެރެއަށް ވަނީމެވެ. އެމީހުން ބޭރުގައި ތިއްބެވެ. ފާހާނާއަށް ވަދެ ވަރަށް އަވަހަށް ތައްޔާރުވެލައިގެން ކޮޓަރިން ނުކުތީ ލާން ގެންގުޅޭ ތިން ޓީޝާޓާއި ދެ ޖިންސް ދަބަހަކަށް ލައިގެންނެވެ.

ފުލުހުންގެ ވެހިކަލަށް އަރާ އިށީނީމެވެ. މާގިނަ އިރެއްނުވެ އަހަންނަށް ބަނދަރަށް ދެވޭނެކަން އެނގެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތްހަމައެއް ނުޖެހުނެވެ. ހިތައް އަރައެވެ. އަހަންނަށް މީގެ ކުރިން އަޚްލާޤް ރަގަޅު މީހެއްގެ ގޮތުގައި އުޅެވުނުނަމަ މިއަދު މިހެނެއް ނުވީހެވެ. އަހަރެން ކުރި ކުށުގެ އަދަބު ލިބެނީއެވެ. ނަސީބަކުން އެއްމަސް ދުވަހަށް ނަމަވެސް އަރުވާލެވެނީ އަހަރެންގެ އުފަން ރަށަށަށެވެ.

އަހަރެން ބޯޓަށް އެރުމާއިއެކު މާ ގިނަ އިރުތަކެއް ނުވެ ބޯޓުގެ އިންޖީނު ސްޓާޓުކޮށްލިތަން ފެނުނެވެ. އެއާއި އެކު އަހަރެން ގޮވައިގެން އައި ފުލުހުންގެ ދެމީހުންވެސް އެނބުރި ދިޔައީއެވެ. މިއަދަކީ ޝައުބާން މަހުގެ ސައްބީސްވަނަ ދުވަސްކަމަށްވުމާއި އެކު މި ބޯޓު ރަށަށް ދެވޭނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުއެވެ.

ބޯޓަކީ އަހަރެންގެ ރަށުގެ ބޯޓަކަށްވިޔަސް ދަންނަ މޫނުތައް ވަރަށްމަދެވެ. އެކަނިވެރިވެފައިވާ ހާލެއްގައި އަހަރެން އިށީނީމެވެ. ކުރިމަތިން ފެންނަމުންދަނީ ފުސްވެފައިވާ ޖައްވެކެވެ. އެއްވެސް މިސްރާބެއް ނުވާ އަހަރެންގެ ދިރިއުޅުން ފަދައެވެ.

އަހަންނަކީ އުމުރުން 27 އަހަރުގެ ފިރިހެންކުއްޖަކީމެވެ. އަހަރެން މާލެއައީ ރަގަޅު ވަޒީފާއެއް މާލެކައިރި ރިސޯޓަކުން ލިބިގެންނެވެ. އެ ވަޒީފާއަށް ނުކުތް ދުވަހުން ފެށިގެންވެސް އެތާ މީހުން އަހަންނަށް ޚާއްސަ ގޮތެއް ބެހެއްޓިއެވެ. ސަބަބަކީ އަހަންނަކީ ވަޑާމުގެ މަސައްކަތަކާއި އެފަދަ ދިވެހިންގެ އާދަކާދައާ ގުޅިފައިވާ މަސައްކަތް ދަންނަ މީހަކަށްވެފައި މަޑުމައިތިރިވީމައެވެ.

ހަޤީޤަތަކީ އަހަންނަކީ ކިތަންމެ މަޑުމައިތިރިކޮށް ހުންނަ މީހެއްކަމަށް ފެނުނުކަމުގައި ވިޔަސް އަހަރެންގެ ހަޤީޤަތް ރަށުމީހުންނަށް ނޫނީ، ނޭންގޭކަމެވެ. ނޮމޮށޭގުރާ ބާރަށް ދައިގަންނާނޭ ބުނާ އުސޫލުން މަޑު މަޑުން ހުރެފައި އަހަރެން އަބަދުވެސް ކޮއްލާނީ ބޮޑުކަމެކެވެ. އެއްފަހަރު ބޭބެއާއި ޒުވާބުކޮށް މާރާމާރީ ހިންގީމެވެ. މިކަހަލަ ކިތަންމެ ކަމެކެވެ. އެހެންނަމަވެސް އޭރު އަހަންނަށް ހުކުމެއް ނާދެއެވެ. ސަބަބަކީ އަހަރެން ފިލައިގެން އުޅޭތީއެވެ.

''އޭ.. ނުފައިބަނީތަ؟'' މުސްކުޅިވަރެއްގެ ފިރިހެނަކު އެހެންބުނެލިއަޑަށް އަހަންނަށް ހޭވެރިކަން ވެގެން ބަލާލީމެވެ. އޭރު ބޯޓުން އެންމެ ފައިބައިފިއެވެ. ވަގުތަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ހަވީރުގެ ވަގުތަށް ވާތީ ގޭގޭގައި ކައްކާ ވަސް އެއްވަސް ވެފައިވެއެވެ.

ރަށަށް އާދެވުމާއި އެކު މުޅި ރަށަށް ނަޒަރު ހިންގާލީމެވެ. ވޭތުވެދިޔަ ދެތިން އަހަރުތެރޭ ރަށަށް އުމްރާނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ހުއްޓާފެނުނެވެ. ކުރިން އާދައިގެ ފާލަމެއް އޮންނަ މިރަށުގައި މިހާރު އޮންނަނީ ބޮޑު ބަނދަރެކެވެ. ބޮޑެތި ބޯޓު ފަހަރުތަކުން ސީދާ ބަނދަރަށް ކައިރި ކުރެވެއެވެ.

ރަށުގެ އެކި ތަންތަނަށް ނަޒަރު ހިންގަމުން އައިސް ގެއަށް އާދެވުނު އިރު މަންމަ އާއި ބޭބެދައްތައާއި ބޭބެގެ ތިން ކުދިން ބޭރު ޖޯލިފަތީގައި ތިއްބެވެ. އަހަންނަކީ ގެއިން އެންމެ ހަނގުމީހާއަށްވާތީ ކިތަންމެ ގޯސްކޮށް އުޅުނަސް މަންމަ އަހަރެން ދެކެ އަބަދުވެސް ވަރަށް ލޯބިވެއެވެ.

ގެއަށް ވަނުމަށްފަހުވެސް މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ދައްކާނީވެސް ވަކި ކޮންވާހަކައެއް ހެއްޔެވެ. އަހަރެން ފިހާރައަކުން ވައްކަން ކުރި ވާހަކަ ހެއްޔެވެ. ބަޔަކާ މާރާމާރީ ހިންގި ވާހަކަހެއްޔެވެ.

ބަންގި ގޮވުމާއި އެކު ރޯދަވީއްލީމެވެ. ކުޑަގޮތެއް ހަދާލައިގެން އަވަހަށް ކޮޓަރިއަށް ވަނީމެވެ. ފެންވަރާލައިގެން އޮށޯވެލިތަނާ ނިދިއްޖެއެވެ.

އަހަރެންގެ މަންމައާއި ބައްޕައަކީވެސް މި ރަށުގެ ބައެއް ނޫނެވެ. އެހެންނަމަވެސް އަހަރެންގެ ބޭބެ ލިބުމާއި އެކު މަންމަމެން މިރަށަށް ދިރިއުޅުންބަދަލުކުރިއެވެ. އޭރަށް ބަލަންޏާ މިއީ ކާއްޓާ ގޮވާމުގެ ރަށަކަށްވާތީއެވެ.

ފަތިހުގެ އެންމެ ހިތްގައިމު ގަޑީގައި އަހަންނަށް ހޭލެވުނީ އެހެންރޭރެއެކޭ އެއްގޮތަށް ގަޑި ސޯނާވާއަޑަށްނޫނެވެ. ޤުދުރަތީ ރީތި އަޑުތަކުން ޖައްވު ގުގުމާލާފައިވާ އަޑުންނެވެ. ހާލާ ކޮވެލި،ކާޅާއި އަސްދޫނި ގޮވާއަޑުންނެވެ. އޭރުތަންކޮޅެއް ދުރުން ވާތަކެއްގެ އަޑުވެސް އިވެމުން ދިޔައެވެ. ނިދި ހަމަވެފައިވުމާއި އެކު ތެދުވެ ގަޑި ބަލާލީމެވެ. އޭރު ގަޑިން ފަސްގަޑި ފަނަރަ އެވެ.

ކޮންމެ ގޮތެއްވިޔަސް އަލިވިލެމުން މިދަނީ އާދުވަހަކަށެވެ. އެހެންދުވަސްތަކާ ޚިލާފަށް ހިތަށް އުފާވެރި އިޙްސާސްތަކެއް ވެރިވެފައިވެއެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއްލާފައި ފާހާނާއަށް ވަނީމެވެ.

ހިތްހަމަ ޖެހޭވަރަށް ފެންވަރާލައިގެން ޓިޝާޓްނުލާ ބޭރަށްނުކުތީމެވެ. އޭރު ކުޑަކުދިންތަކަކެއް ކުޅޭތަން ފެނެއެވެ. އަހަރެން ދޮރާށި މައްޗަށް ހުއްޓި މޯޅިއަކަށް ދެމިލީމެވެ. އަދި ގެއާއި ކައިރީގައި އެއްފަރާތަކަށް ވާގޮތަށް އޮތް މޫދާ ދިމާލަށް ބަލާލީމެވެ. އެތަންއެހާ ރީއްޗެއްނޫނެވެ. ދެން ބަލާލީ މަގުގެ އަނެއް ފަރާތަށެވެ. އޭރު ޖެހިގެން ހުރި މަގުގައި ކުޑަކުއްޖަކު އުރާލައިގެން އަންހެންކުއްޖަކު ހުއްޓާފެނުނެވެ. އޭނާ ހުރީ ރީނދޫކުލައިގެ ޓޮޕްކޮޅެއް ލައިގެންނެވެ. އަވަސް އަވަހަށް އަހަރެން ގޭތެރެއަށް ދެމިގަތީމެވެ. އަލަމާރީގައި އޮތް ރަތް ޓިޝާޓެއް ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު ބޭރަށް ނުކުމެ ދޮރާށި ކައިރީ ހުރި ބައިސްކަލަށް އަރާ ދުއްވާލީމެވެ. އެއަންހެންކުއްޖާއާއި ގާތަށް ދެވޭވަރަކަށް އަހަންނަށް ވާނުވާއެއް ނޭނގެއެވެ. ބައިސްކަލް ދުއްވޭކަމެއްވެސް އަހަރެން ހަނދާނެއް ނެތެވެ. އެނގޭކަމަކީ އަހަންނަށް އެކުއްޖާއާއި ވަރަށް ކައިރިއަށް ދެވުނުކަމެވެ. އެވަގުތު އެކުއްޖާ ހުރީ އަނެއްފަރާތަށް އެބުރިގެންނެވެ. އަހަރެން އޭނާއާއި ވަރަށް ކައިރިއަށް ދެވުނުތަނާ އޭނާ އެނބުރި އަހަންނާ ދިމާލަށް ބަލާލިއެވެ. ހަތަރުކަޅި ހަމަވިއެވެ. ބައިސްކަލް ކުރިއަށް ވުރެ ބާރަށް ދުއްވައިގަތީކަމެއް ނޫނީ އަހަރެންގެ ދެފަޔަށް ބާރުވީކަމެއްނޭންގުނެވެ. ހަމަހޭވެރިކަން ވީ ޖެހިގެން ހުރި މަގަށް އާދެވުމުންނެވެ. ވަގުތުން އަހަރެން އޭނަހުރި ދިމާލަށް އެނބުރި ބަލާލީމެވެ. އޭނަ ހުރީ ބަލަހައްޓައިގެންނެވެ. ދެން އަވަސް އަވަހަށް އޭނަ ގޭތެރެއަށް ވަދެގެން ދިޔައީއެވެ. އަހަރެން ބައިސްކަލް އެތާ މަޑުކޮށްލާފައި ވިސްނަންފެށީމެވެ. އޭނާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ކީއްވެބާއެވެ. އަނެއްކާ އަހަންނަށް މިހާ ހިސާބަށް އާދެވުނީ ބައިސްކަލް އަތުން ހިފައިގެންބާވައެވެ. ނޫނެކެވެ. އެހެންނޫންނަމަ އަހަރެން ބައިސްކަލްމަތީގައި ނީންނާނެއެވެ.

''އޭ ނާޒިމް.ކޮންއިރަކު އައީ؟...'' މީހަކު ކޮނޑުގައި ޖަހާލުމުން ސިއްސައިގެން ގޮސްބަލާލެވުނެވެ. އެއީ އަހަރެންގެ ރަހްމަތެރިއެކެވެ.

''އިއްޔެ އައީ.... ކޮބާ ނެތްތަ ކަމެއް؟ .. '' އަހަރެން އޭނައާއި ސަލާމްކޮށްލާފައި ހަމަޖެހެން މަސައްކަތްކުރަމުން އޭނަ އާއި އެކީ ހިނގައިގަތީމެވެ.

އަހަރެމެންގެ ގެ ހުންނަނީ އެ އަންހެންކުއްޖާ ހުންނަ ގެ، ހުންނަ މަގަށް ވާގޮތަށް ކަމަށްވާތީ ކޮންމެ ދުވަހަކުވެސް އެ އަންހެންކުއްޖާ ހެނދުނާއި ހަވީރު އަދި ބައެއް ފަހަރު މެންދުރު، މަގުމަތީގައި އެ ކުޑައަންހެންކުއްޖާ އުރާލައިގެން ހުންނަ ތަން އަހަންނަށް ފެނެއެވެ. ހަމަ ފެންނަ އިރަށް އަހަރެން އެ ދިމާއަށް މިސްރާބުޖަހަމެވެ. އޭނަ އަޅައެއް ނުލައެވެ.

ކުރުކާލި ކަނޑަކަނޑާ މުޅި ރަމަޟާން މަސް ނިމެންދެން އަހަރެން ހުރީމެވެ. އެއްވެސް ކަހަލަ އިޝާރާތެއް އަހަންނަކަށް ނުވިއެވެ.

ޢީދަށް އެންމެން ތައްޔާރުވަމުން ދިޔައިރު އަހަރެންނާ މުޅިރަށުގެ ޒުވާނުން ތައްޔާރުވަމުން ދިޔައީ ޢީދުދުވަހުގެ ހަވީރު އޮންނަ ފުޓްބޯޅަ މެޗަށް ތައްޔާރުވުމަށެވެ.

އެހެންކަމުން އަހަންނަށް ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި މެންދުރާއި ރޭގަނޑު އެތައް ފަހަރަކު އެމަގުން ހިގަންޖެހެއެވެ. އެކަމާ އަހަރެން އިންތިހާއަށް އުފާވިއެވެ.

ބޯޅަ ދަނޑުގައި ހުރެފައި ގެއަށްއައީ އަހަރެންގެ ރަހްމަތްތެރިއަކާއި އެކު އެއްޗެއްބަލައެވެ. އަހަރެމެންގެ ގެ ހުންނަ މަގަށް އާދެވުނުއިރު އެ އަންހެންކުއްޖާ އޭނާ ހުންނަ ގޭ ކުރިމަތީގައި، މަގުމަތީ ބަހައްޓާފައިވާ ޖޯލި ކައިރީ އެ ކުޑަކުއްޖާ އުރާލައިގެން ހުއްޓެވެ. އަހަރެން ފުރުސަތުގެ ބޭނުން ހިފީމެވެ. އޭނައާއި ވަރަށް ކައިރިވެފައި އެ ކުޑަކުއްޖާއަށް ކިޔާނަން އަހާލީމެވެ. އޭނަ އަހަންނާ ދިމާލަށް ބީރައްޓެހިގޮތަކަށް ބަލާލިއެވެ. އަދި އެކުއްޖާގެ ނަން ބުނެދިނެވެ. އަހަރެން އެނަން ތަކުރާރުކޮށްލީމެވެ. އަދި ވަރަށް ރީތިކަމަށްވެސް ބުނީމެވެ. ހަމައެއާއި އެކު އެކުއްޖާއަށް ކިޔާނަން އަހާލީމެވެ.

ވީއުފަލެއްގެ ބޮޑުކަމުން ހުރެވުނުތަންވެސް ހަނދާންނެތްކަހަލައެވެ. އޭގެ ކުރިން ދުވަހަކު އޭނައާއި ބެހޭ ހުރިހާ މަޢުލޫމާތެއް އަހަންނަށް އަހަރެންގެ ރަހްމަތްތެރިއަކު ހޯދަދީފައިވެއެވެ.

ރަމަޟާންމަސް ނިމިއްޖެއެވެ. ނޫސްތަކުގެ ފަލަސުރުޚީތަކުންނާއި ރޭޑިއޯ އަދި ޓީވީން އިވެމުންދަނީ ޢީދުތަހްނިޔާގެ އަޑެވެ. މި އުފާވެރި ދުވަހު އެ ކުއްޖާއާއި ބައްދަލުކޮށް ޢީދު މުބާރިކް ކިޔާލަން ފުރުސަތު ލިބޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އެކަމެއްނުވިއެވެ. އޭނަ އެ ދުވަހުން ފެށިގެން ނުވެސް ފެނެއެވެ. އަހަރެން ވަރަށް ދެރަވިއެވެ. ވަރަށް ހިތާމަ ކުރީމެވެ.

އަހަރެންގެ ކުށުގެ އަދަބު ލިބި މިނިވަންވީ ދުވަހު އަނެއްކާ މާލެއައީއެވެ. މިފަހަރު ގޯސްކަމެއް ކުރާކަށް ހިތަކަށްވެސް ނާރުވަމެވެ. ބޭނުމަކީ އެ އަންހެންކުއްޖާ ފެނުމެވެ. އެ އަންހެންކުއްޖާ ދެކިލުމަށް އަހަރެން ވަރަށްބޭނުމެވެ. އިންތިޒާރުގައި ހުރީމެވެ. އަދިވެސް އެބަ ހުރީމެވެ.

-ނިމުނީ-